މަސްވެރިން ކުރާ ބުރަ މަސައްކަތުގެ އަގު، އިހުތިރާމާ އެކު ވަޒަންކުރުމަކީ ގައުމީ ވާޖިބެއްކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު އެފަދައިން ވިދާޅުވީ، މިއަދު ފާހަގަކުރަމުންދާ މަސްވެރިންގެ ދުވަހާ ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. އެ މަނިކުފާނު ވިދާޅުވީ، އަތްވާއި ވާރޭގައި، ދުވާލާއި ރޭގަނޑު، ބިޔަ ކަނޑުތަކުގައި، ދިވެހި މަސްވެރީންކުރާ ހިންމަތުގެ އަގު އިހުތިރާމާ އެކު ވަޒަންކުރުމަކީ ގައުމީ ވާޖިބެއްކަމުގައި ފާހަގަކުރައްވާފައިވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގައި އެކައުންޓް ހުޅުވާފައި ހުރި މަސްވެރިންނަށް މިއަދުން ފެށިގެން 48 ގަޑިއިރު ތެރޭ ފައިސާ ޖަމާކުރަން ފަށާނެ ކަމަށް ރައީސް އިއްޔެ ވަނީ އިއުލާނުކުރައްވާފައެވެ.
އެކަމަކު، އިސްލާމިކް ބޭންކް (އެމްއައިބީ)ގައި އެކައުންޓް ހުޅުވާފައި ހުރި މަސް ދޯނިތަކަށް 48 ގަޑިއިރު ތެރޭ އަދި ފައިސާ ޖަމައެއް ނުވާނެއެވެ. އެ ދޯނިތަކަށް ވެސް 48 ގަޑިއިރު ތެރޭ ފައިސާ ޖަމާކުރެވޭނެ ގޮތެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ، މިއަދުން ފެށިގެން މާލެ އަތޮޅު ހިންމަފުށިންނާއި އައްޑޫ ސިޓީ ހުޅުމީދޫގެ އިތުރުން ކޫއްޑޫއާއި ފެލިވަރުން މަސްވެރިންނަށް އެސްޓީއޯ ރޭޓުގައި ތެޔޮ ގަންނަން ލިބޭނެ ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވީ، ސަރުކާރުން މަސައްކަތްކުރަމުން އަންނަނީ ކޫއްޑޫއާއި ފެލިވަރުގައި ހުންނަ ސަރުކާރުގެ މަސް ކުންފުނި މިފްކޯގެ ބޯޓުތަކުން ވެސް ހަމަ އެ ރޭޓުގައި މަސްވެރިންނަށް ތެޔޮ ދޫކުރަން ކަމަށެވެ. މާދަމައިން ފެށިގެން މަސްވެރިންނަށް އެސްޓީއޯ ރޭޓުގައި ތެޔޮ ގަންނަން ލިބޭނީ، އެ ތަންތަނުގައި ހުންނަ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ އައުޓްލެޓްތަކުންނެވެ.
މިހާތަނަށް މަސްވެރިންނަށް ނުދެވި ހުރި 38 މިލިއަން ރުފިޔާ ވެސް އިއްޔެ ވަނީ ޖަމާކޮށްފައެވެ. އެއީ، މިދިޔަ ދެ ހަފުތާ ތެރޭގައި ދޭންޖެހިފައި ހުރި ފައިސާއެވެ.
މަސްވެރިކަމުގެ ދާއިރާ އިތުރަށް ހަރުދަނާކުރުމަށާއި، މިހާރަށްވުރެ ފުޅާކުރުމަށް މަސްވެރިންނާ ބައްދަލުކުރައްވައި، މަސްވެރީން ބޭނުންވާގޮތަށް ކަންކަން ނިންމެވުމަށް ރައީސް ދަނީ މަސައްކަތްޕުޅު ކުރައްވަމުންނެވެ.
އެގޮތުން، މިދިޔަ ހަފުތާގައި އެ މަނިކުފާނު ވަނީ ކެޔޮޅުންނާ ބައްދަލުކުރައްވާފައެވެ. އޭގެ ކުރިން ވެސް އެ މަނިކުފާނު ވަނީ މަސްވެރިންނާއި މަސްވެރީންގެ ބައެއް ޖަމިއްޔާތަކާ ވެސް ބައްދަލުކުރައްވާ އެ ބޭފުޅުން ބޭނުންވާ ކަންކަން ބައްލަވައި އެ ކަންކަމާގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
މަސްވެރިކަމުން ހޯދާ އާމްދަނީ އިތުރުކުރުމަށްޓަކައި ރާއްޖޭގައި ބާނާ މަސް ވިއްކާނޭ ބޭރުގެ ބޮޑެތި މާރުކޭޓުތައް އިތުރަށް ހޯދުމަށާއި، ރާއްޖޭގައި މަހުގެ އުފެއްދުންތަކުގެ ކާރުޚާނާތައް އިތުރުކޮށް، މަސް ރައްކާކުރެވޭ ވަރު އިތުރުކުރެއްވުމަށް މި ސަރުކާރުގެ ފުރަތަމަ އަހަރު ވަނީ މަސައްކަތް ފަށާފައެވެ.