ބައިނަލްއަގްވާމީ އެންޓި ކޮރަޕްޝަން ދުވަހާއި އިންސާނީ ހައްގުތަކުގެ ދުވަހާ ގުޅިގެން އެކި ގައުމުތަކުގެ އާންމު ފަރުދުންގެ މައްޗަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނެފިއެވެ.
އޭގެތެރޭގައި އެއާބަސް ގަތުމާގުޅޭ މައްސަލައަކާ ގުޅިގެން ސްރީލަންކަން އެއާލައިންސްގެ ކުރީގެ ސީއީއޯވެސް ހިމެނޭ ކަމަށް އެ ޑިޕާޓްމެންޓުން ވަނީ ބުނެފައެވެ.
ސްޓޭޓް ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ބުނީ ސްރީލަންކަން އެއާލައިންސްގެ ކުރީގެ ސީއީއޯ ކަޕިލާ ޗަންދްރަސޭނާއަށާއި އާއިލާއަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ނިންމާފައިވަނީ، ލަންކާއިން އެއާބަސް މަތިންދާބޯޓު ގަތީ މާކެޓް ވެލިއުއަށް ވުރެ ބޮޑު އަގެއްގައިކަން ޔަގީން ކޮށްދިނުމުގެ ބަދަލުގައި ރިޝްވަތު ގަބޫލުކުރި ކަމަށް ބުނެއެވެ.
މީގެ އިތުރުން ލަންކާގެ ވައިގެ ސިފައިންނަށް މިގް މަތިންދާބޯޓު ހޯދުމުގެ ކޮރަޕްޓް ސްކީމެއްގެ ފައިދާ ނެންގެވި ކަމަށް ރަޝިޔާގައި ހުންނެވި ލަންކާގެ ކުރީގެ ސަފީރު އުދަޔަންގާ ވީރަޓަންގާގެ މައްޗަށް ވެސް ތުހުމަތުކޮށް އޭނާއާއި އާއިލާގެ މެމްބަރުންނަށް ވެސް ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމަށް ސްޓޭޓް ޑިޕާޓްމަންޓުގެ ބަޔާނުގައި ބުނެފައިވެއެވެ.
ރެގިއުލޭޓަރުންނާއެކު ކޮރަޕްޝަންގެ ތަހުގީގު ހައްލު ކުރުމަށް ޔޫރަޕްގެ މަތިންދާބޯޓު ވިއްކާ އެއާބަސްއިން އެއްބަސްވުމާ ގުޅިގެން، ދައުލަތުގެ އެއާލައިން، ސްރީލަންކަން އެއާލައިންސްއަށް މަތިންދާބޯޓު ވިއްކުމާ ގުޅިގެން އެއާބަސްއިން ރިޝްވަތުދިން ކަމަށް ބުނާ މައްސަލަ ތަހުގީގު ކުރުމަށް ލަންކާއިން އިން އެދުނީ 2020 ވަނަ އަހަރުއެވެ.
ސްރީލަންކަން އެއާލައިންސްގެ އިސް އޮފިޝަލަކު އޭރު ވިދާޅުވީ މަނީ ލޯންޑަރިންގެ ތުހުމަތުގައި ޗަންދްރަސޭނާ އާއި އޭނާގެ އަންހެނުން ޕްރިޔަންކާ ނިޔޯމާލީ ވިޖެނަޔަކޭ ހައްޔަރު ކުރުމަށް ކޮލަމްބޯގެ ކޯޓަކުން އަމުރު ނެރެފައިވާ ކަމަށެވެ.
ޗަންދްރަސޭނާގެ އިތުރުން ރިޝްވަތު ގަބޫލުކުރި ކަމަށް ބުނެ ނޯތު މެސެޑޯނިއާގެ ކުރީގެ ނައިބު ބޮޑުވަޒީރު އާޓަން ގްރޫބީގެ އިތުރުން އެގައުމުގެ އިސްތިއުނާފު ކޯޓުގެ ގާޒީ އެންވާ ބެކްޝެޓީ އާއި މާޝަލް އައިލެންޑްސްގެ ކައުންސިލަރު ކެވިން ކެޑީ އަށް ވެސް ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމަށް އިއުލާނުކޮށްފައިވެއެވެ.
ސޫރިއާގެ ރައީސް ބައްޝާރުލް އަސަދަށް މާއްދީއެހީތެރިކަން ފޯރުކޮށްދިން ކަމަށް ތުހުމަތުކޮށް އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމަށްވާ ފަވާޒް އަޚްރާސް އަށް ވެސް ދަތިކުރުމުގެ ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށް ސްޓޭޓް ޑިޕާޓްމެންޓުން ބުނެއެވެ. އަޚްރާސްއަކީ ބައްޝާރުގެ އަނބިކަނބަލުންގެ ބައްޕައެވެ.
އަދި އެމެރިކާއާއި އިނގިރޭސިވިލާތާއި ގުޅިގެން ޒިމްބާބުވޭގައި ހުންނަ ގްލޯބަލް ގޯލްޑް އެންޑް ޑައިމަންޑް ކޮރަޕްޝަން ނެޓްވޯކެއްގައި ހިމެނޭ ނުވަ ފަރާތަކާއި 19 މުއައްސަސާއަކަށް ވެސް ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމަށް ވެސް ސްޓޭޓް ޑިޕާޓްމަންޓުން ބުނެއެވެ.
ހޫތީ ނޭޝަނަލް ކޮމިޓީ ފޯ ޕްރިޒަނާސް އެފެއާޒް (އެޗްއެންސީޕީއޭ) ގެ ވެރިޔާ އަބްދުލް ޤާދިރު އަލް މުރުތަދާ އާއި އަނިޔާވެރިވާ ޖަމުއިއްޔާއެއް ކަމަށްބުނެ، އެ ޖަމިއްޔާއަށް ވެސް ފިޔަވަޅު އަޅާނެ ކަމަށް ބުނެފައިވެއެވެ.
ހުޅަނގު އައްސޭރީގެ ސުލްހައާއި ސަލާމަތަށް ބުރޫއަރާ ކަމަށް ތުހުމަތު ކުރެވޭ ހަތް މީހަކަށް ވިސާ މަނާކުރަން ނިންމާފައިވާ ކަމަށްވެސް ސްޓޭޓް ޑިޕާޓްމެންޓުގެ ބަޔާނުގައި ބުނެފައިވެއެވެ.