ދެކުނު ކޮރެއާގެ ރައީސް ގައުމުން ބޭރަށް ވަޑައިގަތުން މަނާކޮށްފި

ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔޮލް. އަސްކަރީ ގާނޫނާ ގުޅިގެން ޔޫން ގައުމުން ބޭރަށް ވަޑައިގަތުން ވަނީ މަނާކޮށްފައި. ފޮޓޯ/އޭއެފްޕީ

އަސްކަރީ ގާނޫނާ ގުޅިގެން ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔޮލް ގައުމުން ބޭރަށް ވަޑައިގަތުން މަނާކޮށްފިއެވެ.

ޖަސްޓިސް މިނިސްޓްރީން ބުނީ މިއީ ދެކުނު ކޮރެއާގެ ރައީސަކަށް ގައުމު ބޭރަށްވަޑައިގަތުން މަނާކުރި ފުރަތަމަ ފަހަރު ކަމަށެވެ.

ޔޫންގެ އިތުރުން މިދިޔަ ހަފުތާގައި ޔޫން އެޅުއްވި ފިޔަވަޅުތަކުގައި ބައިވެރިވި ކަމަށް ބުނެ، ދަތުރުކުރުން މަނާކޮށްފައިވާ މީހުންގެ ތެރޭގައި މިހާރު ބަންދުކޮށްފައި ހުރި ކުރީގެ ޑިފެންސް މިނިސްޓަރު ކިމް ޔޮންގް-ހިއުން އާއި ކުރީގެ ދާޚިލީ ވަޒީރު ލީ ސަންގް-މިން ވެސް ހިމެނެއެވެ.

މި މަހުގެ ތިން ވަނަ ދުވަހު ޔޫން އަސްކަރީ ގާނޫނު އިއުލާނުކުރެއްވީ އިދިކޮޅުން ބަޣާވާތެއް ކުރަން އުޅޭ ކަމަށާއި އުތުރު ކޮރެއާއާ ގުޅިގެން މަސައްކަތް ކުރާ ކަމަށް ތުހުމަތު ކުރައްވައެވެ. ނަމަވެސް ގާނޫނު ހަދާ މަޖިލީހުން ފާސްނުވުމުން އަސްކަރީ ގާނޫނު ދެތިން ގަޑިއިރުތެރޭގައި ވަނީ އަނބުރާ ގެންގޮސްފައެވެ.

އޭގެފަހުން މި މަހުގެ ހަަތަރުވަނަ ދުވަހު ޔޫން ވަނީ އަސްކަރީ ގާނޫނު އިއުލާނުކުރެއްވުމުގެ މަސައްކަތާ ގުޅިގެން މައާފަށް އެދިވަޑައިގެންފައެވެ. މައާފަށް އެދިވަޑައިގެން ނަމަވެސް އިސްތިއުފާއެއް ނުދެއްވައެވެ.

ގާނޫނު ތަންފީޒުކުރުމާ ގުޅިގެން މި މަހުގެ ޔޫން މަގާމުން ދުރުކުރުމުގެ ގޮތުން އޭނާގެ މައްޗަށް އިތުބާރުނެތް ކަމުގެ ވޯޓެއްވެސް ހޮނިހިރު ދުވަހު ނެގިއެވެ.

ނަމަވެސް ވޯޓުން ސަލާމަތްވެވަޑައިގަތީ ސަރުކާރުން ހިންގާ އަދި ޔޫން ނިސްބަތްވެވަޑައިގަންނަވާ ޕީޕަލް ޕަވާ ޕާޓީ (ޕީޕީޕީ) ގެ މެމްބަރުން ޖަލްސާ ދޫކުރައްވާ ވަޑައިގަތުމުން ކޯރަމް ހަމަނުވުމުންނެވެ.

ނަމަވެސް އެ މައްސަލަށް އަލުން މަޖިލީހަށް ވައްދާނެ ކަމަށް އިދިކޮޅު ޑިމޮކްރެޓް ޕާޓީން ވަނީ ބުނެފައެވެ.

ޔޫންގެ ފަސް އަހަރުގެ ރިޔާސީ ދައުރު ހަމަވުމުގެ ކުރިން އިސްތިއުފާ ދެއްވައިފި ނަމަ ނުވަތަ މަގާމުން ދުރުކޮށްފިނަމަ 60 ދުވަހުގެ ތެރޭގައި ރިޔާސީ އިންތިޚާބު ބާއްވަންޖެހޭނެކަމަށް ދެކުނު ކޮރެޔާގެ ގާނޫނު އަސާސީ ޝަރުތުކުރެއެވެ.

comment ކޮމެންޓް