އެމެރިކާގެ މޭޖާ ލީގު ސޮކާ ކަޕްގެ ޗެމްޕިއަންކަން ލޮސް އެންޖަލިސް ގެލަކްސީން ކާމިޔާބުކޮށްފިއެވެ.
ގެލެކްސީއިން އެމްއެލްއެސް ކަޕްގެ ތަށި އުފުލައިލާފައިވަނީ ފައިނަލްގައި ނިއުޔޯކް ރެޑް ބުލް 2-1 އިން ބަލިކޮށްފައެވެ.
ގެލެކްސީގެ ޑިގްނިޓީ ހެލްތު ސްޕޯޓްސް ޕާކްގައި ކުޅުނު މި މެޗުގައި ގިނައިރު ރެޑް ބުލްއިން ބޯޅަ ގެންގުޅުނުއިރު ގިނަ ހަމަލާ އުފައްދާފައިވަނީ ގެލެކްސީންނެވެ. މެޗުގެ ކުރީކޮޅު ގެލެކްސީން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.
މެޗުގެ ނުވަވަނަ މިނެޓުގައި އުފެއްދި ހަމަލާއެއްގައި ގެލެކްސީން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖޯސެފް ޕެއިންޓްސިލެވެ. މި ލަނޑު ޖެހިތާ ހަތަރު މިނެޓު ފަހުން ޑެޔާން ޔޮވެލްޔިޗްވަނީ ގެލެކްސީގެ ލީޑު ފުޅާކޮށްދީފައެވެ. ޕެއިންޓްސިލާއި ޔޮވެލްޔިޗްވަނީ ލަނޑު ޖެހުމަށް ފަހު އުފާފާޅުކޮށްފައިވަނީ އަނިޔާވެފައިވާ އެ ޓީމުގެ ކުޅުންތެރިޔާ ރިކީ ޕުއިގްގެ ޖާޒީއާ އެކުއެވެ. ޕުއިގަށް އަނިޔާވެފައިވަނީ ވެސްޓަން ކޮންފަރެންސްގެ ފައިނަލް މެޗުގެ ތެރޭގައެވެ.
އެމްއެލްއެސް ކަޕްގެ 29 އަހަރުވީ ތާރީޚުގައި ފައިނަލްގައި ވާދަކުރި އެންމެ ދަށުން ސީޑްކުރެވިފައިވި ޓީމުކަމަށްވާ ރެޑް ބުލްއިން މި މެޗުގައި ކާމިޔާބުކުރި ހަމައެކަނި ލަނޑު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ މެޗުގެ 28 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސީން ނިއާލިސެވެ.
މި ކާމިޔާބީއާ އެކު ލޮސް އެންޖަލިސް ގެލެކްސީން ވަނީ ހަވަނަ ފަހަރަށް މި ތަށި ކާމިޔާބުކޮށް، މިހާރު ވެސް ދަމަހައްޓަމުން އަންނަ ރިކޯޑު އިތުރަށް ވަރުގަދަކޮށްފައެވެ. ގެލެކްސީ ވެފައިވަނީ އެމްއެލްއެސް ކަޕް އެންމެ ގިނަ ފަހަރު ކާމިޔާބުކޮށްފައިވާ ޓީމަށެވެ.
މި ނާކާމިޔާބީއާ އެކު ނިއުޔޯކް ރެޑް ބުލްސްއަށް މިވަނީ އަދިވެސް އެމްއެލްއެސް ކަޕްގެ ތަށި ކާމިޔާބުކުރެވޭގޮތް ނުވެފައެވެ. މިއީ އެ ޓީމުން ކަޕް ފައިނަލްގައި ވާދަކުރި ދެވަނަ ފަހަރެވެ. މި ފަހަރުގެ އެމްއެލްސް ކަޕްގެ ފައިނަލް ވެގެންގޮސްފައިވަނީ އެމެރިކާގެ އެންމެ ބޮޑު ދެ ސިޓީ ކަމަށްވާ ލޮސް އެންޖަލިސްއާއި ނިއުޔޯކަށް ނިސްބަތްވާ ދެ ޓީމު ފައިނަލްގައި ވާދަކުރި ފުރަތަމަ ފަހަރަށެވެ.