ރެއާލާއި ބާސާއާ ދެމެދު އޮތް ފަރަގު 2 ޕޮއިންޓަށް ކުޑަކޮށްފި

ސްޕެނިޝް ލަލީގާގައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑުން ޖިރޯނާ ބަލިކޮށް، އެއްވަނައިގައި އޮތް އެފްސީ ބާސެލޯނާއާ ދެމެދުގައިވާ ފަރަގު ކުޑަކޮށްފިއެވެ.

ޖިރޯނާގެ ދަނޑުގައި ކުޅުނު މި މެޗު ރެއާލުން ކާމިޔާބުކޮށްފައިވަނީ 3-0 އިންނެވެ.

މެޗުގައި ރެއާލުން ކާމިޔާބުކުރި ފުރަތަމަ ލަނޑު މެޗުގެ 36 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޖޫޑް ބެލިންހަމެވެ. މި ސީޒަންގެ ކުރީ ކޮޅުގައި މާ ރަނގަޅު ކުޅުމެއް ނުދެއްކުނު ބެލިންހަމް ވަނީ ރެއާލް އެންމެ ފަހުން ކުޅުން ފަސް މެޗުގައި ވެސް ލަނޑު ޖަހާފައެވެ. އޭނާ ވެފައިވަނީ 2021 ވަނަ އަހަރު ކަރިމް ބެންޒީމާ ޖެހިޖެހިގެން ފަސް މެޗުގައި ލަނޑު ޖެހި ފަހުން ރެއާލަށް ޖެހިޖެހިގެން ފަސް މެޗުގައި ލަނޑު ޖަހައިދިން ފުރަތަމަ ކުޅުންތެރިޔާއަށް ވެފައެވެ.

މެޗުގައި ރެއާލުން ކާމިޔާބުކުރި ދެވަނަ ލަނޑު މެޗުގެ 55 ވަނަ މިނެޓުގައި ބެލިންހަމް ތަނަވަސްކޮށްދިން ފުރުސަތެއްގައި ކާމިޔާބުކޮށްދިނީ އާޑާ ގުލާއެވެ. ނަމަވެސް، މި ލަނޑު ކާމިޔާބުކުރިތާ ފަސް މިނެޓު ފަހުން ބެލިންހަމްވަނީ ކޮންމެ ވެސް ވަރަކަށް އަނިޔާވެގެން ބާލަންޖެހިފައެވެ.

ރެއާލްގެ ފަހު ލަނޑު މެޗުގެ 62 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކިލިއަން އެމްބާޕޭއެވެ. މިއީ އޭނާ މި ސީޒަންގައި ލަލީގާގައި ކާމިޔާބުކުރި ނުވަވަނަ ލަނޑެވެ. މިއާއެކު ފްރެންޗް ލީގް އާންއާއި ލަލީގާއާ އެއްކޮށް ލީގު މެޗުތަކުގައި ކާމިޔާބުކުރި ލަނޑުގެ އަދަދު މިވަނީ 200 އަށް އަރާފައެވެ. ނަމަވެސް، އެމްބާޕޭގެ ފަރާތުން އޭނާގެ އެންމެ މޮޅު ކުޅުން މި ދުވަސްކޮޅު ފެންނަމުން ނުދާތީ ގިނަ ބަޔެއްގެ ފާޑު ކިޔުންވަނީ އަމާޒުވެފައެވެ.

މި ކާމިޔާބީއާ އެކު ރެއާލް މިހާރު އޮތީ ކުޅުނު 16 މެޗުން ލިބިފައިވާ 36 ޕޮއިންޓާ އެކު ދެވަނައިގައެވެ. އެއީ، 17 މެޗުން 38 ޕޮއިންޓާ އެކު އެއްވަނައިގައި އޮތް ބާސާއަށް ވުރެ ދެ ޕޮއިންޓް ފަހަތުންނެވެ.

ބާސާ މި ހަފުތާގައި ކުޅުނު މެޗުން އެއްވަރުވުމާއެކު ރެއާލް މިހާރު ނުކުޅެ އޮތް މެޗު ކާމިޔާބުކުރެވިއްޖެނަމަ އެ ޓީމަށް އެއް ޕޮއިންޓްގެ ލީޑަކާ އެކު އެއްވަނައަށް އެރުމުގެ ފުރުސަތު ލިބޭނެއެވެ. މެޗުން ބަލިވުމުން ޖިރޯނާ އޮތީ 22 ޕޮއިންޓާ އެކު އަށްވަނައިގައެވެ.

comment ކޮމެންޓް