ރޯމާ ވެސް ޔޫރޮޕާގެ ފަހު 16 އަށް

ޔުއޭފާ ޔޫރޮޕާ ލީގުގެ ޕްލޭ އޮފްގައި އޭ އެސް ރޯމާއިން އެފްސީ ޕޯޓޯގެ ބަލިކޮށް، މުބާރާތުގެ ފަހު 16 ޓީމުގެ ބުރުން ޖާގަ ހޯދައިފިއެވެ.

ރޯމާއިން ޕްލޭއޮފް ކާމިޔާބުކުރީ 4-3ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ. ފުރަތަމަ ލެގް ޕޯޓޯގެ ދަނޑުގައި ކުޅެ، 1-1 އިން އެއްވަރުވިއިރު ރޭ ކުޅުނު ދެވަނަ ލެގު ރޯމާއިން އަމިއްލަ ދަނޑުގައި ކާމިޔާބުކޮށްފައިވަނީ 3-2 އިންނެވެ.

މެޗުގެ 27 ވަނަ މިނެޓުގައި ޕޯޓޯގެ ސާމޫ އަގްހެހޯވާ ވަނީ ލަނޑެއް ޖަހާފައެވެ. ނަމަވެސް، މި ލަނޑު ޖެހިތާ ހަތް މިނެޓް ފަހުން ރޯމާއިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ ޕައުލޯ ޑިބާލާއެވެ. އޭގެ ހަތަރު މިނެޓް ފަހުން ޑިބާލާވަނީ އިތުރު ލަނޑެއް ޖަހައި ރޯމާއަށް މެޗުގެ ލީޑު ނަގައިދީފައެވެ.

މެޗުގެ 51 ވަނަ މިނެޓުގައި އެ ޓީމުގެ ސްޓެފެން އުސްޓަކުއިއޯއަށް ރަތް ކާޑު ދެއްކުމާ އެކު ޕޯޓޯއިން ނަތީޖާ ހަމަހަމަކުރަން ކުރި މަސައްކަތަށް ހުރަސް އެޅުނެވެ. ފަހު ހާފުގެ ބޮޑު ބައި ޕޯޓޯއިން ކުޅެފައިވަނީ އެއް ކުޅުންތެރިއެއް މަދުކޮށެވެ. ރޯމާގެ ތިންވަނަ ލަނޑު މެޗުގެ 83 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ނިކޯލޯ ޕިސިލީއެވެ. ޕޯޓޯއިން ކާމިޔާބުކުރި ފަހު ލަނޑަކީ މެޗުގެ އިތުރު ވަގުތުގެ ހަވަނަ މިނެޓުގައި ރޯމާގެ ޑެވްޔޭ ރެންޝް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މި ކާމިޔާބީއާ އެކު ފަހު 16 އިން ރޯމާ ޖާގަ ހޯދާފައިވާއިރު މި ބުރުގައި ވާދަކުރާނެ ޓީމެއް އެނގޭނީ މިއަދު ނެގުމަށް ހަމަޖެހިފައިވާ ގުރުއަތުންނެވެ. ރޯމާގެ އިތުރުން ފަހު 16 އިން ވަނީ އޭޒީ އާލްކުމާއާއި އެފްސީއެސްބި ވެސް ޖާގަ ހޯދާފައެވެ. މީގެ ތެރެއިން އާލްކުމާ ޖާގަހޯދީ ޕްލޭ އޮފްގައި ގަލަތަސަރާއީއާ ބައްދަލުކޮށް 6 ލަނޑު 3 ލަނޑުގެ އެގްރިގޭޓް ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. އަދި، އެފްސީއެސްބީ ޖާގަހޯދީ ޕޮއާކާ ބައްދަލުކޮށް 4 ލަނޑު އެއް ލަނޑުގެ އެގްރިގޭޓް ނަތީޖާއަކުން ޕްލޭ އޮފް ކާމިޔާބު ކޮށްގެންނެވެ.

comment ކޮމެންޓް