ފަހު ވަގުތު ސަލާމަތްވެ، އަޔެކްސް ވެސް ޔޫރޮޕާގެ ގަދަ 16އަށް

ޔުއޭފާ ޔޫރޮޕާ ލީގުގެ ޕްލޭ އޮފްގައި އަޔެކްސް އެމްސްޓަޑަމްއިން ޔޫނިއަން ސެއިންޓް ގިލިއޮއިސް ބަލިކޮށް، މުބާރާތުގެ ފަހު 16 އިން ޖާގަ ހޯދައިފިއެވެ.

އަޔެކްސްއަށް މި ކުރިމަތިލުން ކާމިޔާބު ކޮށްފައިވަނީ 3-2ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ. ފުރަތަމަ ލެގު ސެއިންޓް ގިލޮއިސްގެ ދަނޑުގައި ކުޅެ 2-0އިން އަޔެކްސްއިން ކާމިޔާބުކުރިއިރު ރޭ އަޔެކްސްގެ ދަނޑުގައި ކުޅުނު މެޗު 2-1 އިން ކާމިޔާބުކޮށްފައިވަނީ ސެއިންޓް ގިލޮއިސްއެވެ.

ރޭގެ މެޗު ސެއިންޓް ގިލޮއިސްއިން ވަރަށް ފޯރިގައި ފަށާ މެޗުގެ 16 ވަނަ މިނެޓުގައިވަނީ މެޗުގެ ލީޑު ވެސް ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެވިން މެކް އެލިސްޓައެވެ. އަޔެކްސްއަށް އިތުރު މައްސަލަތަކާ ކުރިމަތިވީ 25 ވަނަ މިނެޓުގައި ޑެވީ ކްލާސެންއަށް ރަތް ކާޑު ދެއްކުމާ އެކުއެވެ. މި ކާޑު ދެއްކިތާ ތިން މިނެޓް ފަހުން ސެއިންޓް ގިލޮއިސްއަށް ލިބުނު ޕެނަލްޓީއަކުން އެ ޓީމުން ވަނީ ލީޑު އިތުރަށް ފުޅާކޮށް އެގްރިގޭޓް ނަތީޖާއިން ވެސް އެއްވަރުކޮށްފައެވެ. މި ޕެނަލްޓީ ކާމިޔާބުކޮށްދިނީ ޕްރޮމިސް އެކިންޕެލޫއެވެ.

މެޗުގައި ސެއިންޓް ގެލޮއިސްއަށް އިތުރު ލަނޑެއް ކާމިޔާބުކުރެވޭ ގޮތްނުވި ނަމަވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތު އެޓީމަށް ލިބުނެވެ. އަޔެކްސްއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ 93 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށް އެގްރިގޭޓް ނަތީޖާއިން ކުރި ހޯދައިދިނީ ކެނެތު ޓޭލާއެވެ.

މި ނަތީޖާއާ އެކު އަޔެކްސްއަށް މިވަނީ ފަހު 16ގެ ޖާގައެއް ކަށަވަރުވެފައެވެ. އަޔެކްސްގެ އިތުރުން ރެއާލް ސޮސިއެޑާޑާއި ފެނަބާޗޭ ވެސް ވަނީ ފަހު 16 ގެ ޖާގައެއް ކަށަވަރުކޮށްފައެވެ.

comment ކޮމެންޓް