ވަޓްސްއެޕްގެ މެސެޖް ރިމައިންޑާ ފީޗާ ތައާރަފުކުރަން ފަށައިފި

ވަޓްސްއެޕް: އެންމެ މަގުބޫލު އެއް އެޕްލިކޭޝަން --

އެންޑްރޮއިޑް ބޭނުންކުރާ ފަރާތްތަކަށް ވަޓްސްއެޕްގެ މެސެޖް ރިމައިންޑާ ފީޗާ ތައާރަފުކުރަން ފަށައިފިކަމަށް ޓެކް ރިޕޯޓްތައް ބުނެފިއެވެ.

މި ފީޗާއަކީ ބޭނުންކުރާ ފަރާތްތަކަށް ލިބޭ މެސެޖްތައް ފަސޭހައިން ހަނދާންކޮށްދިނުމަށް ތައާރަފުކުރާ ފީޗާއެކެވެ.

މި ފީޗާ މިހާރު ވަނީ ބީޓާ ޓެސްޓަރުންނަށް ތައާރަފުކުރަން ފަށާފައެވެ. މީގެ ކުރިން ސްޓޭޓަސް އަޕްޑޭޓްތަކަށް އެކަނި ދެމުން އައި ރިމައިންޑާ ފީޗާ މިހާރު ވަނީ މެސެޖްތަކަށް ވެސް ފުޅާކޮށްފައެވެ. ނަމަވެސް މި ފީޗާ ފަރުމާކުރެވިފައި ވަނީ އިސްކަންދޭ ކޮންޓެކްޓްތަކުގެ އަޕްޑޭޓްތަކާއި މެސެޖްތަކަށް އެކަނި ނޯޓިފިކޭޝަން ދޭ ގޮތަށެވެ.

ފީޗާ ޓްރެކާ ވާބެޓާއިންފޯގައި ބުނެފައިވާ ގޮތުން މި ފީޗާ ބޭނުންކުރެވޭނީ އެންޑްރޮއިޑްގެ ވަޓްސްއެޕް ބީޓާ ވާޝަން 2.24.25.29 އަޕްޑޭޓް ކުރުމަށްފަހުގައެވެ.

މި ފީޗާގެ ތަފްސީލު ފެންނަން ހުންނާނީ ސެޓިންގްސް > ނޯޓިފިކޭޝަންސް > ރިމައިންޑާސް މެނޫގެ ދަށުންނެވެ.

ވަޓްސްއެޕް ރިމަންޑާ ފީޗާ ނޮޓިފިކޭޝަން ސެޓިން --

މި ފީޗާ މަސައްކަތްކުރާ ގޮތާ ބެހޭ ގޮތުން އަދި ވަޓްސްއެޕުން އިތުރު މަޢުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ. އަދި ހުރިހާ ކޮންޓެކްޓްތަކުގެ މެސެޖްތަކާއި ސްޓޭޓަސް އަޕްޑޭޓްތަކަށް މި ފީޗާ މަސައްކަތްކުރާނެކަން ނުވަތަ ނޫންކަން ވެސް އަދި ސާފެއް ނުވެއެވެ.

މި ފީޗާ ތަޢާރަފުކުރުމާއެކު، ވަޓްސްއެޕް ބޭނުންކުރާ ފަރާތްތަކަށް މުހިންމު މެސެޖްތައް ނުބަލާ ހުރުމުގެ ފުރުސަތު ކުޑަވެގެންދާނެ ކަމަށް ބެލެވެއެވެ. އަދި މިއީ ވަޓްސްއެޕްގެ ބޭނުންތެރިކަން އިތުރަށް ރަނގަޅުވެގެންދާނެ ކަމެއްކަމަށް ވެސް ލަފާކުރެވެއެވެ.

2009ވަނަ އަހަރު ތައާރަފުކުރެވުނު މި އެޕްލިކޭޝަން 2014ވަނަ އަހަރު ފޭސްބުކުން ގަތުމަށްފަހު، އޭގެ ބޭނުންކުރާ ފަރާތްތަކުގެ އަދަދު އަހަރުން އަހަރަށް އިތުރުވިއެވެ. 2023ވަނަ އަހަރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިހާރު ދުނިޔޭގައި ގާތްގަނޑަކަށް ދެ ބިލިއަނަށްވުރެ ގިނަ މީހުން ވަޓްސްއެޕް ބޭނުންކުރެއެވެ.

ރާއްޖޭގައި ވެސް ވަޓްސްއެޕަކީ އެންމެ ގިނައިން ބޭނުންކުރާ މުވާސަލާތީ އެއް އެޕްލިކޭޝަނެވެ.

ވަޓްސްއެޕުން ގަވާއިދުން އާ ފީޗާތައް ތަޢާރަފުކުރަމުންދާއިރު، މި ފަހަރު ތަޢާރަފުކުރި މެސެޖް ރިމައިންޑާ ފީޗާއަކީ ބޭނުންކުރާ ފަރާތްތަކަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމެއް ކަމުގައި ބެލެވެއެވެ.

comment ކޮމެންޓް