ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަޓްސްއެޕް ބޭނުންކުރާ އެތައް ބަޔަކަށް އަމާޒުކޮށްގެން އިސްރާއީލް ކުންފުންޏަކުން ޖާސޫސީ ހަމަލާއެއް ރާވައިފިއެވެ.
ވަޓްސްއެޕްގެ އިސް އޮފިޝަލަކު ހާމަކުރި ގޮތުގައި، އިސްރާއީލްގެ ސްޕައިވެއާ ކުންފުނި، ޕެރަގޮން ސޮލިއުޝަންސްއިން 24 ގައުމެއްގެ ގިނަ އަދަދެއްގެ ޔޫޒަރުންނަށް ޖާސޫސީ ހަމަލާ ދީފައިވެއެވެ. މީގެ ތެރޭގައި ނޫސްވެރިންނާއި މަދަނީ މުޖުތަމައުގެ މެންބަރުން ހިމެނެއެވެ.
ގާތްގަނޑަކަށް 90 ޔޫޒަރަކަށް މި ހަމަލާ އަމާޒުކޮށްފައިވާ ކަމަށް ވަޓްސްއެޕުން ރޮއިޓާޒްއަށް މައުލޫމާތު ދީފައިވެއެވެ. މީގެ ތެރޭގައި ޔޫރަޕްގެ ގިނަ އަދަދެއްގެ މީހުން ހިމެނެއެވެ. މި ހަމަލާގައި ބޭނުންކޮށްފައިވަނީ ޔޫޒަރުގެ އެއްވެސް އިންޓަރެކްޝަނަކާ ނުލާ އަމާޒަށް ވަދެވޭ "ޒީރޯ-ކްލިކް ހެކް"ގެ ނަމުން މަޝްހޫރު ނުރައްކާތެރި ހަމަލާއެކެވެ.
ވަޓްސްއެޕުން މިހާރު މި ހަމަލާ ހުއްޓުވާފައިވާ ކަމަށާއި، ހަމަލާގެ ޝިކާރައަކަށްވި ފަރާތްތައް ކެނެޑާގެ އިންޓަނެޓް މޮނިޓަރިން ގްރޫޕް ސިޓިޒަން ލެބްއާ ހަވާލުކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި، ހަމަލާ ހުއްޓުވުމަށްޓަކައި ޕެރަގޮންއަށް އެކަން ހުއްޓާލުމަށް އަންގާ ސިޓީއެއް ވެސް ފޮނުވާފައިވެއެވެ.
ޕެރަގޮންގެ ފަރާތުން މި މައްސަލައާ ގުޅޭ ގޮތުން އެއްވެސް ކޮމެންޓެއް ދީފައެއް ނުވެއެވެ. އެހެންނަމަވެސް، ކުންފުނީގެ ވެބްސައިޓްގައި ބުނެފައިވަނީ އެ ކުންފުނިން "އަޚުލާޤީ މިންގަނޑުތަކުގެ މައްޗަށް ބިނާކޮށް" މަސައްކަތްކުރާ ކަމަށެވެ. އަދި، ޑިމޮކްރެސީ އޮންނަ ހަރުދަނާ ގައުމުތަކުގެ ސަރުކާރުތަކަށް އެކަނި އެ ކުންފުނިން ޚިދުމަތް ދޭ ކަމަށް ވެސް މީޑިއާ ރިޕޯޓްތަކުގައި ބުނެފައިވެއެވެ.
ސިޓިޒަން ލެބްގެ ދިރާސާވެރިއެއް ކަމަށްވާ ޖޯން ސްކޮޓް-ރެއިލްޓަން ބުނި ގޮތުގައި ވަޓްސްއެޕް ޔޫސަރުންނަށް ޕެރަގޮންގެ ސްޕައިވެއާ އަމާޒުކުރިކަން ހާމަވުމަކީ މާސެނަރީ ސްޕައިވެއާ ދަނީ އިތުރުވަމުންކަމާއި، އެކަމުގެ ސަބަބުން ނޭދެވޭ ބޭނުންތައް ކުރަމުންދާކަން ދައްކުވައިދޭ ހެއްކެއް ކަމަށެވެ.
ޕެރަގޮންއަކީ މިދިޔަ މަހު ފްލޮރިޑާގެ އިންވެސްޓްމަންޓް ގްރޫޕް، އޭއީ އިންޑަސްޓްރިއަލް ޕާޓްނާސްއިން ގަތް ކުންފުންޏެކެވެ.