އަމިއްލަ ޗެޓްބޮޓް ހެދޭގޮތް ވަޓްސްއެޕްގައި ތަޢާރަފުކުރަނީ

ވަޓްސްއެޕްސްއަށް ގިނަ ފީޗާތަކެއް އިތުރުކުރަނީ --

ވަޓްސްއެޕްގެ ބޭނުންކުރާ ފަރާތްތަކަށް އަމިއްލައަށް އޭއައި ޗެޓްބޮޓް ތައްޔާރުކުރެވޭ ގޮތް ވަރަށް އަވަހަށް ތަޢާރަފު ކުރަން އެ ކުންފުނިން ގަސްދުކުރާ ކަމަށް ބުނެފިއެވެ.

މިއީ ވަޓްސްއެޕްގެ ޕްލެޓްފޯމަށް އިތުރުކުރާ އެންމެ ފަހުގެ އޭއައި ޓެކްނޮލޮޖީގެ ވަސީލަތްތަކުގެ ތެރެއިން އެއް ވަސީލަތެވެ.

ވަޓްސްއެޕްގެ އަޕްޑޭޓްތަކާ ބެހޭ މަޢުލޫމާތު ދޭ ވަބެޓާއިންފޯއިން ހާމަކުރި ގޮތުގައި މި އައު ޚިދުމަތް ފެނިފައި ވަނީ އެންޑްރޮއިޑްގެ ބީޓާ ވާޝަން 2.25.1.26 ގައެވެ.

"އޭއައި ކެރެކްޓާ" ގެ ނަމުގައި ތަޢާރަފުކުރާ މި އައު ޚިދުމަތާ ގުޅިގެން ވަޓްސްއެޕްގެ އިންޓަފޭސްއަށް ވެސް ބަދަލުތަކެއް އަންނާނެ ކަމަށް ލަފާކުރެވެއެވެ. އެގޮތުން މިހާރު ކޮމިއުނިޓީ ޓެބް އޮންނަ ތަނުގައި "އޭއައި" ޓެބެއް ފެންނަން ފަށާނެއެވެ. މިއީ އޭއައި އާ ގުޅުންހުރި ހުރިހާ ވަސީލަތްތަކެއް އެއްތަނަކުން ފަސޭހައިން ލިބޭނެ ގޮތް ހެދުމަށް ގެންނަ ބަދަލެކެވެ.

މި ޚިދުމަތް މެދުވެރިކޮށް ކަސްޓަމަރުންގެ ސުވާލުތަކަށް ޖަވާބުދިނުމާއި، ދުވަހުގެ މުހިންމު ޚަބަރުތައް ފޯރުކޮށްދިނުން ފަދަ ކަންކަމަށް ޗެޓްބޮޓްތައް ތައްޔާރުކުރެވޭނެއެވެ. އަދި މި ފީޗާ ބޭނުންކުރާ ފަރާތްތަކަށް ލުއިފަސޭހަ ކުރުމަށްޓަކައި ޗެޓްބޮޓްތައް ތައްޔާރުކުރުމަށް ވަޓްސްއެޕްގެ ފަރާތުން އިރުޝާދުތަކެއް ވެސް ދޭން ރާވާފައިވެއެވެ. މި އިރުޝާދުތަކުގެ އެހީގައި ޓެކްނިކަލް ހުނަރު ނެތް ފަރާތްތަކަށް ވެސް އެފަރާތްތަކުގެ ބޭނުމަށް އަމިއްލަ ޗެޓްބޮޓް ތައްޔާރުކުރެވޭނެއެވެ.

ޗެޓްބޮޓް ތައްޔާރުކުރުމުގައި ޔޫޒަރުންނަށް އެ ބޭނުންވާ ކަންކަމަކަށް އަމާޒުކޮށް ބޮޓް ތައްޔާރުކުރެވޭނެއެވެ. މިސާލަކަށް ވިޔަފާރިއެއްގެ ކަސްޓަމާ ސާވިސްއަށް ބޭނުންކުރާ ޗެޓްބޮޓެއް ތައްޔާރުކުރާނަމަ، އެ ފަރާތަކުން އެކަމަށް ބޭނުންވާ ގޮތަށް ބޮޓް ކަސްޓަމައިޒް ކުރެވޭނެއެވެ.

މި ޚިދުމަތް އަދި ވަނީ ތަރައްޤީކުރުމުގެ މަރުހަލާގައެވެ. އެހެންކަމުން ބީޓާ ވާޝަނުގައި ވެސް މިހާރު މި ޚިދުމަތެއް ނުލިބެއެވެ. އަދި މި ޚިދުމަތް ރަސްމީކޮށް ތަޢާރަފުކުރާނެ ތާރީޚެއް ވެސް އިޢުލާނުކޮށްފައެއް ނުވެއެވެ. ނަމަވެސް ބީޓާ ވާޝަންގައި މިހާރު ފެންނަން ހުރުމުން އެކަމުގެ މަސައްކަތް ކުރިއަށްދާކަން އެނގެއެވެ.

މި އައު ޚިދުމަތް ތަޢާރަފުވުމުން ވަޓްސްއެޕް ބޭނުންކުރާ ގޮތަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް ބެލެވެއެވެ. އޭގެ ސަބަބުން މުވާސަލާތުކުރުމުގެ ކަންކަން ފަސޭހަވެ، އޮޓޮމޭޓް ކުރެވޭނެ ކަންކަން އިތުރުވެގެންދާނެއެވެ.

މިއީ ވަޓްސްއެޕް އޭއައި ޓެކްނޮލޮޖީއާއެކު ކުރިއަށް ދިއުމުގެ މަޤުސަދުގައި އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތެރެއިން އެއް ފިޔަވަޅެވެ.

މި ވަސީލަތް ބޭނުންކޮށްގެން ވިޔަފާރިތަކަށާއި އަމިއްލަ ފަރުދުންނަށް އައު ގޮތްތަކެއް ހުޅުވިގެންދާނެއެވެ.

comment ކޮމެންޓް