ފުވައްމުލަކު ގެއެއްގައި ރޯވުން: 10 މީހުން އަދިވެސް ވަގުތީ ހިޔާތަކުގައި

ފުވައްމުލަކު ގެއެއްގައި ރޯވުން: 10 މީހުން ވަގުތީ ހިޔާތަކުގައި --ފޮޓޯ/އެންޑީއެމްއޭ

މިދިޔަ އަންގާރަ ދުވަހުގެ ރޭ ފުވައްމުލަކު ސިޓީގެ ގެއެއްގައި އަލިފާން ރޯވުމާ ގުޅިގެން ވަގުތީ ހިޔާތަކަށް ގެންދިޔަ އެ ގޭގެ މީހުން އަދިވެސް ތިބީ އެ ހިޔާތަކުގައި ކަމަށް, ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން މިއަދު ބުނެފިއެވެ.

އަލިފާން ރޯވެފައި ވަނީ ފުވައްމުލަކު މިސްކިތްމަގު އަވަށުގައި ހުންނަ, 'ޝިވާ ގޭ' ގައެވެ. އެންޑީއެމްއޭއިން ހިއްސާކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، އެ ގޭގައި ދިރިނޫޅެވޭ ވަރަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

އެ ހާދިސާއާ ގުޅުން ހުރި އެންމެ ފަހުގެ ތަފްސީލުތައް ދެއްވައި، އެންޑީއެމްއޭގެ އޮފިޝަލު މިއަދު "ސަން"އަށް ވިދާޅުވީ، އެ ހާދިސާގައި ޖުމުލަ ދިހަ މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށާއި އެ މީހުން އަދިވެސް ތިބީ އެ ހިޔާތަކުގައި ކަމަށެވެ.

އެ ގެ މަރާމާތުކޮށް މީހުން ދިރިއުޅެވޭވަރު ވަންދެން އެ މީހުންނަށް ވަގުތީ ބޯހިޔާވަހިކަމާއި ޒަރޫރީ ކަންކަން ހަމަޖައްސައި ދެއްވާނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ގެއަށް ލިބުނު ބައެއް ގެއްލުންތައް-- ފޮޓޯ/އެންޑީއެމްއޭ

މި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި އެއްވެސް ތަހުގީގީ އިދާރާއަކުން ހާމައެއް ނުކުރެއެވެ.

ދޭތެރެ ދޭތެރެއިން ރާއްޖޭގައި މިފަދަ އަލިފާނުގެ ހާދިސާތައް ހިނގައެވެ. އެންމެ ގިނައިން އަލިފާނުގެ ހާދިސާތައް ހިނގަނީ ކަރަންޓް ޝޯޓް ވެގެންނާއި ގޭސް ލީކްވުންފަދަ ކަންކަން ދިމާވެގެންނެވެ. މިފަދަ ހާދިސާތަކުގައި މީހުންނަށާއި މުދަލަށް ވަރަށް ބޮޑެތި ގެއްލުންތައް ލިބިފައި އެބަހުއްޓެވެ.

comment ކޮމެންޓް