ފުވައްމުލަކު ޔޫރޯ ސްޓޯރް ފިހާރައިން 130އަށް ވުރެ ގިނަ ސިނގިރޭޓު ކާޓަން މިއަދު ވަގަށް ނަގައިފިއެވެ.
މީޑިއާތަކާ ފުލުހުން ހިއްސާކުރި މެސެޖެއްގައި ވަނީ، މިރޭ ފުވައްމުލަކު ސިޓީ ޔޫރޯ ސްޓޯރުގެ ގޯ ޑައުންއިން 130އަށް ވުރެ ގިނަ ސިނގިރޭޓު ކާޓަން ވަގަށް ނަގާފައިވާ މައްސަލައެއް އެ ޚިދުމަތަށް ރިޕޯޓުކޮށްފައިވާ ކަަމަށެވެ.
މި މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާ ކަަމަށް ފުލުހުން ބުނެއެވެ.
ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ،
މި މައްސަލައިގެ އިތުރު ތަފްސީލު ހޯދުމަށް 'ސަން'އަށް އެސިޓީގެ ކައުންސިލަރުންނަށް ގުޅި ނަމަވެސް ޖަވާބެއް ނުދެއްވައެވެ.
މިފަހުން ވެސް ކަސްޓަމްސް އިން ވަނީ ފުލުހުންނާ ގުޅިގެން ދެ ބޮންޑެޑް ވެއާހައުސްއަކުން ގަވައިދާ ޚިލާފަށް ޖުމުލަ 955 ކޭސް ސިނގިރޭޓު ނެރުނު މައްސަލައެއް ތަހުގީގުކުރަން ފަށައިފައެވެ.
މި ސަރުކާރުން ދުންފަތާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މިދިޔަ ޑިސެމްބަރު މަހު ވޭޕް ވެސް މަނާކޮށްފައިވާއިރު، ދުންފަތުގެ އިސްތިއުމާލު ކުރުމާ ގުޅޭ ހަރުކަށި ގަވައިދެއް ވަނީ މިދިޔަ ހަފުތާގައި ގެޒެޓްކޮށްފައެވެ. އެ ގަވައިދުގެ ދަށުން ސިނގިރޭޓު ނުވަތަ ބިޑި އުފައްދަން ބޭނުންކުރާ ފިލްޓަރާ އެއްކޮށް ނުވަތަ ވަކިން ވިޔަސް ރޯލްކޮށްފައި ހުންނަ ހުސް ޓިއުބާއި ހުސް ފޮށްޓާއި އެ ބޭނުމަށް ބޭނުންކުރާ އާލާތްތައް އެތެރެކުރަން ހުއްދަ ނުދެވޭނެ ކަމަށް ބުނެފައެވެ.
މި ބަދަލާއެކު ދުންފަތް އަގު ބޮޑުވެ، ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.