ފުވައްމުލަކަށް ޖައްސަނިކޮށް، މޯލްޑިވިއަންގެ ބޯޓަކަށް އިންޖީނު މައްސަލައެއް ދިމާވެއްޖެ

މޯލްޑިވިއަންގެ ފްލައިޓް ފުވައްމުލަކުގައި ޖެއްސުން -- ފޮޓޯ/ ސޯޝަލް މީޑިއާ

މާލެއިން ފުވައްމުލަކަށް މިއަދު ދަތުރުކުރި ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލައިޓެއް ރަންވޭއަށް ޖައްސަނިކޮށް އިންޖީނު މައްސަލައެއް ދިމާވެގެން އެމަޖެންސީގައި ލޭންޑުކޮށްފިއެވެ.

މި ކަމާ ގުޅިގެން "ސަން"އަށް މައުލޫމާތު ދެއްވަމުން މޯލްޑިވިއަންގެ ޑީއެމްޑީ އަލީ ސަލީމް ވިދާޅުވީ ބޯޓުގެ އިންޖީނަށް މައްސަލަ ދިމާވީ ފުވައްމުލަކަށް ލޭންޑު ކުރަން އުޅެނިކޮށް ކަމަށެވެ. އެއާއެކު "ސޭފް ލޭންޑިން"އެއް ހަދައި، ދިމާވި މައްސަލަ ހައްލު ކުރުމަށް އިންޖިނިއަރުންގެ ޓީމެއް ފުވައްމުލަކަށް ދިއުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވިދާޅުވިއެވެ.

"ބޮޑު މައްސަލައެއް ނޫން. އެއީ މަތީގައި އޮއްވައި ލޭންޑް ކުރަން އުޅެނިކޮށް [އިންޖީނަށް ދިމާވި މައްސަލަ] ފާހަގަ ކުރެވުނީ. ފާހަގަ ކުރެވުނީމަ ސޭފްކޮށް ލޭންޑްކޮށްފައި ހުރިހާ ކަމެއް ގެންގޮސް، މިކޮޅުން އަޅުގަނޑުމެން މި ފޮނުވާލަނީ ޓެކްނިކަލް ޓީމް. ދިމާވި މައްސަލައެއް ބަލާފައި ހައްލުކޮށްގެން ދެން ނޯމަލް އޮޕަރޭޝަނަށް ގެންނާނީ،" އޭނާ ވިދާޅުވިއެވެ.

އެ ފްލައިޓު ފުވައްމުލަކަށް ޖައްސާ ގޮތަށް އޮތީ މިއަދު ހަވީރު 16:43ހާއިރެވެ. އެއަށްފަހު 17:05ގައި އޮތީ މާލެ އަންނަ ގޮތަށެވެ.

އެ ފްލައިޓުން މާލެ ދާން އުޅުނު މީހަކު "ސަން"އަށް މައުލޫމާތު ދެމުން ބުނީ ފުވައްމުލަކަށް ލޭންޑުކުރި ގޮތަށް އެއް ޓާން ނެގުމަށް ފަހު ފްލައިޓު ހުއްޓާލީ ކަމަށެވެ. އެއާއެކު ފަޔާ އެންޑް ރެސްކިއު ޓީމާއި، އިންޖިނިއަރުންގެ ޓީމު އެ ސަރަހައްދަށް ގޮސް ފްލައިޓުގައި ތިބި މީހުން ބާލަން ފެށި ކަމަށް އޭނާ ބުންޏެވެ.

އެ ވަގުތު ފްލައިޓުގައި ތިބި ފަސިންޖަރުން ތިބީ ވަރަށް ހާސްވެފައި ކަމަށް އޭނާ ކިޔައިދިނެވެ.

"ފްލައިޓު ދިޔަގޮތަށް ގޮސް ރަންވޭގެ ކޮޅަށް ގޮއްސަ އެންމެ ޓާންއެކޭ ކުރެވުނީ، އެއް ބުރަފަތި އެނބުރެނީ އަނެއް ބުރަފަތި ނުއެއް އެނބުރޭ. ޓާންކުރި ގޮތަށް އެތަނުގައި ފްލައިޓު މަޑުވީ. ދެން ފެނުނީ ފަޔާ އެންޑް ރެސްކިއުގެ މީހުންނާ އިންޖިނިއަރުންނާ އެ ތަނަށް ދިޔަތަން. ދެން ޕަސެންޖަރުންތައް ބާލަން ފަށައިފި،" އޭނާ ކިޔައިދިނެވެ.

މިހާތަނަށް ލިބިފައިވާ މައުލޫމާތުން އެނގިފައިވާ ގޮތުގައި، އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައިނުވެއެވެ.

ޓެކްނިކަލް ކަންކަމާ ގުޅިގެން ފްލައިޓުތައް މަދުމަދުން ނަމަވެސް އިމަޖެންސީކޮށް ލޭންޑު ކުރަން ޖެހެއެވެ.

comment ކޮމެންޓް