އަސްކަރީ ގާނޫނު އިއުލާނުކުރެއްވުމާ ގުޅިގެން ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔޮލް މަގާމު ދުރުކުރުމަށް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި ނެގި ވޯޓުން އެމަނިކުފާނު ސަލާމަތްވެވަޑައިގެންފިއެވެ.
އެ ވޯޓު ފެއިލްވީ ޔޫން ނިސްބަތްވެވަޑައިގަންނަވާ ޕީޕަލް ޕަވާ ޕާޓީ (ޕީޕީޕީ) އިން ވޯޓު ބޮއިކޮޓް ކުރުމުންނެވެ.
ޔޫން މަގާމުން ދުރުކުމަށް 300 މެންބަރުންގެ މައްޗަށް އެކުލެވޭ ގާނޫނު ހަދާ މަޖިލީހުގެ ތިން ބައި ކުޅަ ދެ ބައިގެ އަޣުލަބިއްޔަތު ބޭނުންވެއެވެ. މަޖިލީހުގައި ޕީޕީޕީގެ 108 މެންބަރުން ތިބިއިރު، ޔޫންގެ އިތުބާރު ނެތްކަމަށް ފާސް ކުރުމަށް ޕީޕީޕީގެ މަދުވެގެން އަށް މެންބަރުންގެ ތާއީދު އިދިކޮޅު ފަރާތްތަކުން ހޯދަންޖެހެއެވެ. ނަމަވެސް ފަހު ވަގުތު ޕީޕީޕީގެ މެންބަރުންވަނީ އިތުބާރު ނެތްކަމުގެ ވޯޓު ބޮއިކޮޓު ކޮށްފައެވެ.
ވޯޓު ނެގުމަށް މަދުވެގެން 200 މެމްބަރުންގެ ވޯޓު ބޭނުންވި ނަމަވެސް، ވޯޓުގައި ބައިވެރިވެވަޑައިގެންފައި ވަނީ 195 މެމްބަރުންނެވެ. އެއީ ޔޫންގެ ޕާޓީއަށް ނިސްބަތްވާ ތިން މެންބަރުން ހިމަނައިގެންނެވެ. އެހެންކަމުން ޔޫންގެ އިތުބާރު ނެތްކަމުގެ ހުށަހެޅުންވަނީ ބާތިލު ކޮށްފައެވެ.
ނަމަވެސް އިދިކޮޅު ޑިމޮކްރަޓިކް ޕާޓީން ވަނީ ޔޫންގެ އިތުބާރު ނެތްކަމުގެ މައްސަލަ އަލުން ތަޅުމަށް ވައްދާނެ ކަމަށް ބުނެފައެވެ. އެ ޕާޓީން ބުނީ އެ މަސައްކަތް ދެން ކުރިއަށް ގެންދާނީ މި ފަހަރަށް ވުރެ ރޭވުންތެރިކޮށް ޒިންމާދާރުކަމާއެކުގައި ކަމަށެވެ.
މި މަހުގެ ތިން ވަނަ ދުވަހު ޔޫން އަސްކަރީ ގާނޫނު އިއުލާނުކުރެއްވީ އިދިކޮޅުން ބަޣާވާތެއް ކުރަން އުޅޭ ކަމަށާއި އުތުރު ކޮރެއާއާ ގުޅިގެން މަސައްކަތް ކުރާ ކަމަށް ތުހުމަތު ކުރައްވައެވެ. ނަމަވެސް ގާނޫނު ހަދާ މަޖިލީހުން ފާސްނުވުމުން އަސްކަރީ ގާނޫނު ދެތިން ގަޑިއިރުތެރޭގައި ވަނީ އަނބުރާ ގެންގޮސްފައެވެ.
އޭގެފަހުން ހުކުރު ދުވަހު ޔޫން ވަނީ އަސްކަރީ ގާނޫނު އިއުލާނުކުރެއްވުމުގެ މަސައްކަތާގުޅިގެން މައާފަށް އެދިވަޑައިގެންފައެވެ. މައާފަށް އެދިވަޑައިގެން ނަމަވެސް އިސްތިއުފާއެއް ނުދެއްވައެވެ. ވޯޓުގެ ކުރިން އިސްތިއުފާ ދެއްވުމަށް ޕާޓީގެ ބައެއް މެމްބަރުން ޔޫން ކިބައިން އެދިވަޑައިގެންފައިވެސްވެއެވެ.
ގައުމުގެ ސިޔާސީ މަޝްރަހު ހަމައަކަށް އެޅުވުމުގެ ޒިންމާ ޕީޕީޕީއާ ހަވާލުކުރައްވާފައިވާ ކަމަށް ހާމަކުރައްވާ ޔޫން ވިދާޅުވީ އޭނާ މަގާމުގައި ދެމިހުރުމާ ގުޅޭގޮތުން ނިންމުމެއް ނިންމާނީވެސް ޕާޓީން ކަމަށެވެ.
ޔޫންގެ ފަސް އަހަރުގެ ރިޔާސީ ދައުރު ހަމަވުމުގެ ކުރިން އިސްތިއުފާ ދެއްވައިފި ނަމަ ނުވަތަ މަގާމުން ދުރުކޮށްފި ނަމަ 60 ދުވަހުގެ ތެރޭގައި ރިޔާސީ އިންތިޚާބު ބާއްވަންޖެހޭނެކަމަށް ދެކުނު ކޮރެޔާގެ ގާނޫނު އަސާސީ ޝަރުތުކުރެއެވެ.