ކޮންމެ ސަރުކާރަކުން ފައްޓަވާފައިވާ މަޝްރޫއަކަށް ވެސް މި ސަރުކާރުން އިޙުތިރާމު ކުރާ ކަމާއި އެ މަޝްރޫއުތައް ނިންމައިދޭނެކަން ރައީސް ޑރ. މުޙައްމަދު މުއިއްޒު ސާބިތުކޮށްދެއްވައިފި ކަމަށް ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
އއ. އުކުޅަހު ފުޓުބޯޅަ ދަނޑު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ވިދާޅުވީ، ކުރީގެ ސަރުކާރުތަކުން ފަށައިފައިވާ މަޝްރޫއުތައް ވެސް ބާރު ސްޕީޑުގައި ގެންދެވޭނެ ގޮތަށް، ފައިސާ ހޯދައިގެން ކުރިއަށްގެންދަވާނެ ކަމަށް ރައީސް ވިދާޅުވެފައިވާނެ ކަމަށެވެ.
"މިއަދު މި ރަށުގެ ދަނޑުން ނަމޫނާއަކަށް ފުދޭ އެކަން. އެ ދައްކަވައިދެއްވަނީ ޚާއްސަކޮށް ޒުވާނުންނަށް ހުރި ކަންކަން. ޒުވާނުންނަށް ހުރި ބައިވަރު ވަސީލަތްތައް މިއަދު މިހާ ހިސާބަށް އައިއިރު ހުރިހާ ރަށެއްގައި ގާތްގަނޑަކަށް ހުއްޓި، ބައެއް ދަނޑުތައް ވީރާނާވެފައި ހުރިކަން އަޅުގަނޑުމެންނަށް އެނގެން އޮތީ،" ނައިބު ރައީސް ވިދާޅުވިއެވެ.
އެހެންނަމަވެސް، ސްޕޯޓްސް މިނިސްޓްރީން ޒުވާނުންނާ ގުޅިގެން ވަރަށް ގާތުން މަސައްކަތް ކުރާ ކަމީ ސަރުކާރަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ޒުވާނުންނަކީ މި ގައުމުގެ 'ހަކަތަ' ކަމަށާއި ޒުވާނުން ޒުވާނުންގެ ގޮތުގައި މިސަރުކާރުން ބަލައި ގަންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެ ހަކަތައިގައި ވަރު ނެތްކަމުގައި ވާނަމަ ދިވެހި ގައުމު ނުހިނގާނޭކަން ފާހަގަކުރައްވައި އެމަނިކުފާނު ވަނީ ޒުވާނުންގެ އަޑު އަހައިގެން، ޒުވާނުންނަށް ހުރި ކަންކަން ފުރިހަމަ ކުރުމަށް މި ސަރުކާރުން އަހަންމިއްޔަތު ކަން ދެއްވާ ކަމަށް ވިދާޅުވެފައެވެ.
"އަދި ޒުވާނުންނަށް އަޅުގަނޑުމެން ދޭން ބޭނުންވާ ޔަގީން ކަމަކީ މިހެން ހުރި ހުރިހާ ދަނޑުތަކެއް ދާދި އަވަހަށް މި ސަރުކާރުން ނިންމައިދޭނެ ކަމުގެ ޔަގީންކަން،" ނައިބު ރައީސް ވިދާޅުވިއެވެ.
ނައިބު ރައީސް ވަނީ ދަނޑު ހުޅުވުމުގެ މުނާސަބަތުގައި ކުޅުނު މެޗުގައި ބޭނުންކުރި ބޯޅައިގައި ސޮއިކުރައްވާފައިވެއެވެ. ދަނޑު ހުޅުވުމުގެ މުނާސަބަތުގައި ކުޅުނު މެޗުގައި ވާދަކުރީ، ރާއްޖޭގެ ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިންގެ މައްޗަށް އެކުލަވާލާފައިވާ ލެޖެންޑުންގެ ޓީމަކާއި އުކުޅަހު ޒުވާނުންގެ ޓީމެކެވެ.
މި ރަސްމިއްޔާތުގައި ސްޕޯޓްސް މިނިސްޓަރު ޢަބްދުﷲ ރާފިއުއާއި އުކުޅަހު ކައުންސިލްގެ ރައީސް ޝައުކަތު އިބްރާހިމްވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.