ކްލަބް މޯލްޑިވްސް ސެކްޓަރ ލީގު 2026 ގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ މާލޭ އެރޭޓެޑް ވޯޓަރ ކޮމްޕެނީ (އެމްއޭޑަބްލިއުސީ)، ކުލަބު ހޯކްސް އަދި މާކޯ ރެކްރިއޭޝަން ކުލަބުން ގަދަ 16 ގެ ޖާގަތައް ކަށަވަރުކޮށްފިއެވެ.
ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްދާ ސެކްޓަރ ލީގުގައި 20 ޓީމެއް ވާދަކުރެއެވެ. މި ޓީމުތައް ފަސް ގްރޫޕަކަށް ބަހާލާފައިވާއިރު، ކޮންމެ ގްރޫޕެއްގައި ހަތަރު ޓީމު ހިމެނެއެވެ. ކޮންމެ ގްރޫޕަކުންވެސް އެންމެ ކުރީގައި ނިންމާ ތިން ޓީމު ގަދަ 16 އަށް ދަތުރުކުރާއިރު، ފަހު ޖާގަ ލިބޭނީ ފުލަށްދާ ފަސް ޓީމުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ނެރޭ ޓީމަކަށެވެ.
މި މުބާރާތުގެ ގްރޫޕް އޭގައި ރޭ ކުޅުނު ފުރަތަމަ މެޗުން މޯލްޑިވްސް އިސްލާމިކް ބޭންކް (މިބްސާ) މޮޅުވީ ކުލަބު ވެލިގާ އަތުން 1-0 ގެ ނަތީޖާއަކުންނެވެ.
މި ގްރޫޕުގެ އަނެއް މެޗުން މިރޭ އެމްއޭޑަބްލިއުސީން ވަނީ ބިއޮންޑް ރެކްރިއޭޝަން ކުލަބު އަތުން 3-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ.
މި ނަތީޖާތަކާއެކު ގްރޫޕް އޭގެ އެއްވަނައިގައި އޮތް އެމްއޭޑަބްލިއުސީން ގަދަ 16 ގެ ޖާގައެއް ކަށަވަރުކުރީ ކުޅުނު ދެ މެޗުންވެސް މޮޅުވެ ހަ ޕޮއިންޓާއެކުއެވެ.

ކުލަބު މޯލްޑިވްސް ސެކްޓާ ލީގުގައި ރޭ މާކޯ ކުޅުނު މެޗުގެ ތެރެއިން-- ފޮޓޯ: ފޮޓޯ މާސްޓާ
ދެވަނައިގައި އޮތް ވެލިގާ އާއި، ތިންވަނައިގައި އޮތް މިބްސާއަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮތް ބިއޮންޑަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.
މި މުބާރާތުގެ ގްރޫޕް ބީގައި ރޭ ކުޅުނު މެޗުން އެންމެ ފަހުގެ ރަނަރަޕް ހޯކްސް ވަނީ 14-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކުލަބު ހެޕީ މާކެޓް ބަލިކޮށްފައެވެ. އަދި މި ގްރޫޕުގެ އަނެއް މެޗުން މާކޯ މޮޅުވީ ކުލަބު ލޯކަލްޗަރ އަތުން 4-1 ގެ ނަތީޖާއަކުންނެވެ.
މި ނަތީޖާތަކާއެކު ގްރޫޕް ބީން ގަދަ 16 ގެ ޖާގަތައް ހޯކްސް އާއި މާކޯއިން ވަނީ ކަށަވަރުކޮށްފައެވެ. އެއްވަނައިގައި އޮތް ހޯކްސް އާއި، ދެވަނައިގައި އޮތް މާކޯ ވަނީ ކުޅުނު ދެ މެޗުންވެސް މޮޅުވެ ހަ ޕޮއިންޓް ހޯދާފައެވެ. ތިންވަނައިގައި އޮތް ލޯކަލްޗަރ އާއި ފުލުގައި އޮތް ހެޕީ މާކެޓަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.
މި މުބާރާތުގެ ގްރޫޕް ސީގައި ރޭ ކުޅުނު މެޗުން ކުލަބު އެސްބީއައި ވަނީ 3-1 ގެ ނަތީޖާއަކުން ބަރޮސް މޯލްޑިވްސް ބަލިކޮށްފައެވެ. މި ނަތީޖާއާއެކު ގްރޫޕް ސީގެ އެއްވަނައިގައި އޮތް ލިއޯ އެފްސީ އާއި، ދެވަނައިގައި އޮތް ބަރޮސް އަދި ތިންވަނައިގައި އޮތް އެސްބީއައިއަށް ވަނީ ތިން ޕޮއިންޓް ލިބިފައެވެ. ފުލުގައި އޮތް ކުލަބު އެޕޯލޯއަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.
މީގެ އިތުރުން ގްރޫޕް ޑީގައި ރޭ ކުޅުނު މެޗުން އެންމެ ފަހުގެ ޗެމްޕިއަން އެރީނާ ހޮޓެލްސް ވަނީ 3-0 ގެ ނަތީޖާއަކުން ޔޫރޯ ރެކްރިއޭޝަން ކުލަބު ބަލިކޮށްފައެވެ.
މި ނަތީޖާއާއެކު ގްރޫޕް ޑީގެ އެއްވަނައިގައި އޮތް އެރީނާ އާއި، ދެވަނައިގައި އޮތް އާރްއޯއެލް އަދި ތިންވަނައިގައި އޮތް ސިލްވަރ ސޭންޑްސްއަށް ވަނީ ތިން ޕޮއިންޓް ލިބިފައެވެ. ފުލުގައި އޮތް ޔޫރޯއަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.
މި މުބާރާތުގެ ހަތަރު މެޗެއް މާދަމާރޭވެސް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ލިއޯ އެފްސީއާއި ކުލަބު އެޕޯލޯއާޢި ސިލްވަރ ސޭންޑްސް އަދި އާރްއޯއެލް ބައްދަލުކުރާ މެޗު އޮތީ މިރޭ 20:15 ގައެވެ.
މީގެއިތުރުން ކުލަބު އާރްސީސީއާއި މެޑްޓެކްގެ އިތުރުން ޓީމު ވިލާއާއި މީޑިއާނެޓް ބައްދަލުކުރާ މެޗު ކުޅޭގޮތަށް ހަމަޖެހިފައިވަނީ މިރޭ 21:45 ގައެވެ. މި ހުރިހާ މެޗެއް ސަން ޕްލޭއިން ވަގުތުން ގެނެސްދޭގޮތަށް ވަނީ ހަމަޖެހިފައެވެ. މުބާރާތުގެ ބްރޯޑްކާސްޓިން ޕާޓްނަރަކީ ސަން ސިޔާމް މީޑިއާއެވެ.