18 އަހަރުގެ ދިގު މެދުކެނޑުމަކަށްފަހު، ރާއްޖޭގެ ފުޓްބޯޅަ ސީޒަނުގެ ފުރަތަމަ މުބާރާތުގެ ގޮތުގައި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ކަޕް ވިނާސް ކަޕް މާދަމާ ފެށުމަށް ތައްޔާރުވެއްޖެއެވެ.
ހަތަރު ޓީމެއްގެ މެދުގައި ކުޅެވޭ މިފަހަރުގެ މުބާރާތުގައި ވާދަކުރަނީ މިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގެ ގަދަ ހަތަރު ޓީމެވެ.
އެއީ އެންމެފަހުގެ ލީގު ޗެމްޕިއަން އަދި އެފްއޭ ޗެރިޓީ ޝީލްޑްގެ ކާމިޔާބީ ހޯދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، އެފްއޭ ކަޕްގެ ޗެމްޕިއަން އަދި ލީގުގެ ތިންވަނަ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު، ޕްރެޒިޑެންޓްސް ކަޕުގެ ޗެމްޕިއަން އަދި ލީގު ރަނަރަޕް އޮޑި ސްޕޯޓްސް ކުލަބު، އަދި ލީގުގެ ހަތަރުވަނަ ހޯދި ބުރު ސްޕޯޓްސް ކުލަބެވެ.
މުބާރާތުގެ ކުޅުން މާދަމާ ހަވީރު ފަށާއިރު، ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ނިއުރޭޑިއަންޓާއި ބުރު ސްޕޯޓްސް ކުލަބެވެ. އަދި މާދަމާރޭގެ މެޗުގައި މާޒިޔާ ނުކުންނާނީ އޮޑި ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ.
މުބާރާތުގެ ދެވަނަ ދުވަހުގެ މެޗުތައް އަންނަ ބުރާސްފަތި ދުވަހު އޮންނާނެއެވެ. އެ ދުވަހުގެ ހަވީރު މާޒިޔާއިން ބުރުއާ ކުޅޭއިރު، އެރޭ ނިއުރޭޑިއަންޓް ބައްދަލުކުރާނީ އޮޑިއެވެ.

އެއަށްފަހު، އޭއެފްސީ ޗެލެންޖު ލީގުގެ ކޮލިފައިންގައި އޮގަސްޓް 11 ވަނަ ދުވަހު ތަޖިކިސްތާނުގެ އެފްއޭ ކަޕް ޗެމްޕިއަން އެފްސީ ރެގާރުއާ ދެކޮޅަށް ގަލޮޅު ދަނޑުގައި މާޒިޔާ ކުޅޭ މެޗަށްޓަކައި މުބާރާތް މެދުކަނޑާލާނެއެވެ.
މުބާރާތުގެ ލީގު ބުރުގެ ފަހު މެޗުތައް އޮގަސްޓް 15 ގައި އޮންނައިރު، ހަވީރު އޮޑިން ބުރުއާ ކުޅޭއިރު އެރޭ މާޒިޔާ ނުކުންނާނީ ނިއުރޭޑިއަންޓާ ދެކޮޅަށެވެ.
ރައުންޑް ރޮބިން އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ކުޅުމަށްފަހު، އެންމެ މަތިން ޕޮއިންޓު ހޯދާ ދެ ޓީމުގެ މެދުގައި ކުޅޭ ފައިނަލް މެޗު އޮންނާނީ އޮގަސްޓް 18 ވަނަ ދުވަހުގެ ރޭގަނޑެވެ.
ކަޕް ވިނާސް ކަޕަކީ މީގެ 31 އަހަރު ކުރިން، 1995 ވަނަ އަހަރު ރާއްޖޭގައި ކުޅެން ފެށި އަދި ވަރަށް ފޯރިއާއެކު ކުރިއަށްދިޔަ މުބާރާތެކެވެ. ޖުމްލަ 11 އެޑިޝަން ބޭއްވުމަށްފަހު 2008 ވަނަ އަހަރުން ފެށިގެން މެދުކެނޑިފައިވާ މި މުބާރާތް އެންމެފަހުން 2008 ގައި ބޭއްވި އިރު ޗެމްޕިއަންކަން ހޯދީ ނިއުރޭޑިއަންޓުންނެވެ.