އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު އެނބުރި ވަޑައިގަތުމުގެ ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް ވަދާއީ ޒިޔާރަތް ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ މިއަދުގެ ހެނދުނު ރައީސް އޮފީހުގައެވެ.
ރައީސް އޮފީހުން ބުނީ، މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ގުޅުން ކުރިއެރުވުމަށް އިންޑިއާ ސަފީރު ދެއްވާފައިވާ އެހީތެރިކަމަށް ރައީސް މުއިއްޒު ޝުކުރު އަދާކުރައްވާފައިވާ ކަމަށެވެ. އަދި، އިންޑިއާ ސަފީރުގެ ސަފީރުކަމުގެ ދައުރަކީ ފަހަކަށް އައިސް ރާއްޖެއާއި އިންޑިއާގެ އެކުވެރިކަމާއި ދެ ގައުމުގެ ގުޅުން އާރޯވެގެންދިޔަ މުހިންމު މަރުޙަލާއެއްކަން ރައީސް ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުމުގައި ރާއްޖޭގެ ތަރައްޤީއަށް އިންޑިއާގެ އެހީތެރިކަން އަބަދު ވެސް ލިބެމުންދާނެކަމުގެ ޔަގީންކަންދެއްވައި، ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރާ މަސައްކަތްތަކުގައި، ރައީސް ދައްކަވާ ލީޑާޝިޕާއި އެކުގައި މަސައްކަތް ކުރެއްވުމުގެ ރޫޙު އިސްކުރައްވާކަން ސަފީރު ވަނީ ފާހަގަކުރައްވާފައެވެ.
މި ކަމަކީ ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަކޮށްދޭ ކަމެއް ކަމުގައި ވެސް އިންޑިއާ ސަފީރު ވަނީ ވިދާޅުވެފައެވެ.
ރައީސާއި އިންޑިއާ ސަފީރު ވަނީ އޮކްޓޯބަރު މަހު ރައީސް އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި އެކުލަވާލެވުނު "އަ ވިޝަން ފޯ އިކޮނޮމިކް އެންޑް މެރިޓައިމް ސެކިއުރިޓީ ޕާޓްނާޝިޕް" ކަރުދާހުގެ މައްޗަށް އަލިއަޅުއްވާލައްވައި އޭގެ ސަބަބުން ރާއްޖޭގެ ތަރައްގީގައި އިންޑިއާއިން ހިއްސާވާ މިންވަރު އިތުރަށް ފުޅާކުރުމުގެ މަގު ކަނޑައެޅުނުކަން ފާހަގަކުރައްވާފައެވެ.
އެގޮތުން، ރާއްޖޭގައި އިގުތިސާދީ އިސްލާހުތައް ގެނައުމަށާއި އިޖުތިމާއީ ރައްކާތެރިކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކަށް އިންޑިއާއިން ދެއްވާ އެހީތެރިކަމާ އެކު ލިބެމުން އަންނަ ކުރިއެރުންތައް ދެ ބޭފުޅުން ވެސް ވަނީ ފާހަގަކުރައްވާފައެވެ.
މި ބައްދަލުވުމުގައި ރައީސާއި އިންޑިއާ ސަފީރު ދެއްކެވި ވާހަކަފުޅުގައި ދެ ގައުމުގެ ގުޅުން މިހާރު ކުރިއަށްދާ ގޮތުގައި ދެމިއޮންނާނެކަމާއި އިންޑިއާގެ އެހީގައި ރާއްޖޭގައި ހިންގާ މަޝްރޫތައް ވަގުތަށް ނިންމޭނެކަމުގެ ޔަގީންކަން ވަނީ ދެއްވާފައެވެ. ކުރިއަށް އޮތް ތަނުގައި އެކުގައި މަސައްކަތްކުރެވޭނެ ދާއިރާތަކާ މެދު ވެސް ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.
އިންޑިއާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރައީސްގެ އަރިހަށް ކުރެއްވި ވަދާއީ ޒިޔާރަތް ނިންމަވާލައްވަމުން ރައީސް ވަނީ އިންޑިއާ ސަފީރަށް ހެޔޮއެދުންތައް އަރިސްކުރައްވައި ރާއްޖޭގެ ތަރައްގީގެ ކަންކަމުގައި އިތުރަށް ގުޅުން ބަދަހިކުރެއްވުމަށް ޝައުގުވެރިވެވަޑައިގަންނަވާކަން ހާމަކުރައްވާފައެވެ.
މި ސަރުކާރު ފުރަތަމަ ވެރިކަމަށް އައިއިރު ދެ ގައުމުގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވިއެވެ.
އެކަމަކު، އޭގެ ފަހުން ދެ ގައުމުގެ ގުޅުން ވަނީ ރަނގަޅުވެފައެވެ. ރައީސް މުއިއްޒު ވަނީ އިންޑިއާއަށް ފުރަމާނަ ދަތުރުފުޅެއް ވެސް ކުރައްވާފައެވެ. އެއަށް ފަހު، އިންޑިއާއިން ވަނީ ރާއްޖެއަށް މާލީ އެހީތެރިކަން ވެސް ފޯރުކޮށްދީފައެވެ.