ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔޮލް އިއުލާނުކުރައްވައި ފަހުން އަނބުރާ ގެންދެވި އަސްކަރީ ގާނޫނުގެ ސަބަބުން އެ ގައުމު ހަލަބޮލިވެފައިވާ ދަނޑިވަޅެއްގައި ދިފާއީ ވަޒީރު ކިމް ޔޮންގް ހިޔުންގް މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ޔޫން ވަނީ ކިމްގެ އިސްތިއުފާ ގަބޫލުކުރައްވައި، އާ ދިފާއީ ވަޒީރަކު އައްޔަންކުރައްވާފައި ކަމަށް އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވެއެވެ.
ގާނޫނު ހަދާ މަޖިލީހުން ފާސްނުވުމުން އަސްކަރީ ގާނޫނު އަނބުރާ ގެންދެވުމަށް ފަހު އެންމެ ފުރަތަމަ ކުރެއްވި ރަސްމީ މަސައްކަތުގައި ގޮތުގައި އާ ދިފާއީ ވަޒީރަކަށް އައްޔަންކުރައްވާފައި ސައުދީ އަރަބިއާގައި ހުންނަ އެ ގައުމުގެ ސަފީރު ޗޮއި ބިޔުންގް ހިއުކެވެ.
ޔޫންގެ ޗީފް އޮފް ސްޓާފް ޗަންގް ޖިންސުކް ވިދާޅުވީ، ޗޮއި އަކީ 2019 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރުގެ ނިޔަލަށް ދެކުނު ކޮރެއާ-އެމެރިކާ ކޮމްބައިންޑް ފޯސަސް ކޮމާންޑްގެ ޑެޕިއުޓީ ކޮމާންޑަރެއްގެ މަގާމު އަދާކުރެއްވި ރިޓަޔާޑް ސިފައިންގެ ޖެނެރަލެއް ކަމަށްވާތީ އާ ދިފާއީ ވަޒީރުގެކަމުގެ މަގާމަށް ޗޮއި ފިޓްވާނެއެވެ.
އޭނާ ސިފަކުރެއްވި ގޮތުގައި ޗޮއި އަކީ "ދެކުނު ކޮރެއާ- އެމެރިކާގެ ހަރުދަނާ އިއްތިހާދުގެ މައްޗަށް ބިނާކޮށް އަސްކަރިއްޔާގެ މައިގަނޑު މަސްއޫލިއްޔަތުތައް އަދާކުރާނެ" ދިފާއީ ވަޒީރެކެވެ.
އަސްކަރީ ގާނޫނު އިއުލާނުކުރެއްވުމާ ގުޅިގެން އާންމުންގެ ރުޅިވެރިކަމާއި އިދިކޮޅު ޕާޓީތަކުން ޔޫން ކުށްވެރިކުރާ ދަނޑިވަޅެއްގައި ދެކުނު ކޮރެއާގެ ގާނޫނު ހަދާ މަޖިލީހުން ވަނީ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައެވެ.
އިދިކޮޅު މައި ޕާޓީ، ޑިމޮކްރެޓިކް ޕާޓީން ސިފަކުރާ ގޮތުގައި ޔޫންގެ އަސްކަރީ ގާނޫނު އިއުލާނުކުރުމަކީ ގައުމަށް ޚިޔާނާތްވުމުގެ އަމަލެކެވެ.
ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ހުކުރު ދުވަހު ވޯޓަށް އަހާނެ ކަމަށް ބެލެވޭ ކަމަށްވެސް އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވެއެވެ.
ނަމަވެސް، ޔޫންގެ އަމިއްލަ ޕާޓީ ކަމަށްވާ ޕީޕަލް ޕަވާ ޕާޓީން ވަނީ ރައީސް މަގާމުން ދުރުކުރުމަށް ކުރާ މަސައްކަތްތަކާ ދެކޮޅު ހަދާނެ ކަމަށް ބުނެފައެވެ.
ޔޫންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ފާސްކުރަން ބޭނުންވާ މިންވަރަށް މަޖިލީހުގައި އިދިކޮޅު ފަރާތްތަކަށް ވޯޓެއް ނުލިބޭނެއެވެ. ގާނޫނު ހަދާ މަޖިލީހުގެ 108 ގޮނޑި ޔޫންގެ ޕީޕަލް ޕަވާ ޕާޓީ ކޮންޓްރޯލް ކުރާއިރު، ރައީސްގެ އިތުބާރު ނެތް ކަމަށް އެ ޕާޓީގެ ބައެއް މެންބަރުން ވެސް ވޯޓު ދޭން ޖެހޭނެއެވެ.
އަސްކަރީ ގާނޫނު އިއުލާނުކުރައްވައި ޔޫންގެ ސަރުކާރުން ވަނީ، އާންމުންގެ ގިނަ ހައްގުތަކެއް ހަނިކޮށްފައެވެ. އޭގެ ތެރޭގައި ހުރިހާ ސިޔާސީ ހަރަކާތްތަކެއް މަނާކުރުން ހިމެނެއެވެ. ކުއްލިހާލަތާ އެކު ގާނޫނު ހަދާ މަޖިލީހުގެ އިތުރުން ލޯކަލް ކައުންސިލްތަކާއި ސިޔާސީ ޕާޓީތަކާއި ސިޔާސީ ޖަމިއްޔާތަކުގެ މަސައްކަތްތައް ވެސް ވަނީ މަނާކޮށްފައެވެ.