ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމާ ގުޅޭ ގޮތުން ރައީސް ޑރ. މުޙައްމަދު މުއިއްޒު، ކެޔޮޅުންނާ ބައްދަލުކުރައްވައި މިއަދު މަޝްވަރާކުރައްވައިފިއެވެ.
މިއަދު ހެނދުނު ރައީސް އޮފީހުގައި އޮޑިފަހަރުތަކުގެ ކެޔޮޅުންނާ ރައީސް ބައްދަލުކުރެއްވުމުން، ކެޔޮޅުން ވަނީ މަސްވެރިކަމުގެ ސިނާއަތުގައި މިހާރު ހުރި ކަންބޮޑުވުންތައް ރައީސާ ހިއްސާކޮށްފައެވެ.
އެގޮތުން، މަހުގެ އަގު ދަށްވުމާއި ކިރާ މަހަށް ލިބެންޖެހޭ ފައިސާ ލިބުމުގައި ހުރި ދަތިކަމާއި ތެޔޮ ނުލިބުމުގެ އިތުރުން މަސްކިރުމުގައި ހުރި ގޮންޖެހުންތައް ހިއްސާކޮށްފައިވެއެވެ. އަދި، ކެޔޮޅުން ވަނީ ވައުދުފުޅާ އެއްގޮތަށް މަސްވެރިކަމުގެ ސިނާއަތް ކުރިއަށް އަރުވަން ކުރާ މަސައްކަތްތައް ކުރިއަށް ގެންދަން ރައީސްގެ އަރިހުގައި އެދިފައެވެ.
މީގެއިތުރުން، މަސްވެރިކަމުގެ ސިނާއަތް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ކުރިއެރުވުމަށް ކުރެވިދާނެ ކަންކަން ކެޔޮޅުން ހިއްސާކޮށްފައިވާއިރު، މަސްވެރިކަމުގެ މާކެޓް އިތުރުކޮށް، މަހުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުން މި ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ.
މި ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ސަރުކާރުން މަސްވެރިންނާ ގާތުން އެމީހުންގެ ކަންބޮޑުވުންތަކަށް ހައްލު ލިބޭނެ ގޮތަށް މަސައްކަތް ކުރާނެ ކަމަށެވެ.
އެ ބައްދަލުވުމުގައި ކެޔޮޅުން ފާހަގަކުރި ކަންކަން ވަރަށް 'ސީރިއަސް' ގޮތެއްގައި ބައްލަވައިގެން އެކަންކަމަށް އަވަސް ފިޔަވަޅުތަކެއް އަޅަން މަސައްކަތް ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި، މުސްތަގްބަލުގައި ވެސް މިއަދު ބޭއްވުނު ފަދަ ގިނަ ބައްދަލުވުންތަކެއް ބާއްވަން މަސައްކަތް ކުރައްވާނެ ކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
މަސްވެރިންގެ އަތުން ގަންނަ މަހަށް 48 ގަޑިއިރު ތެރޭ ފައިސާ ދެއްކުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ. އަދި ފިޝަރީސް މިނިސްޓަރު އަހުމަދު ޝިޔާމް މީގެ ކުރިން ވަނީ މަސްވެރިކަމުގެ ސިނާއަތުގައި ހުރި ގޮންޖެހުންތައް މި ދައުރުގެ ފުރަތަމަ ތިން އަހަރު ތެރޭ ހައްލުކޮށް ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.