ފައިތިލައިގެ ފުންނާބާ އެކު ފައިގެ އަރިމަތި ފަޅައިގެން ދިއުމަކީ ވަރަށް ގިނަ ބަޔަކު ތަހައްމަލުކުރާ ވޭން ހުރި ކަމެކެވެ. ދާދިފަހުން އެމެރިކާގައި ކުރި ދިރާސާއަކުން ދެއްކި ގޮތުގައި އެ ޤައުމުގެ 20 އިންސައްތަ ފުރާވަރުގެ ކުދިން އަންނަނީ މި ވޭން ތަހައްމަލުކުރަމުންނެވެ.
އާންމުކޮށް ފައިތިލަ ފަޅައިގެން ދިއުމަކީ ފިރިހެނުންނަށް ވުރެ ބޮޑަށް އަންހެނުންނަށް ދިމާވާ މައްސަލައެކެވެ. ފައިތިލަ ފަޅައިގެން ދިއުމަކީ މާ ބޮޑު ސީރިއަސް މައްސަލައަކަށްނުވި ނަމަވެސް އޭގެ ސަބަބުން ހުސް ފަޔާ އެކު ތަންތަނުގައި ހިނގުމުން އުނދަގޫތަކެއް އިހުސާސް ކުރުވައެވެ. ހަމައެއާއެކު މާ ބޮޑަށް ފައިތިލި ފަޅައިގެން ގޮސްފައިވާ ނަމަ އެކަމުން ވަރަށް ބޮޑަށް ތަދު އިހުސާސް ކުރުވައެވެ.
ކާޑިއޮލޮޖީ، ހަމުގެ ބަލިތައް އަދި ސޮރެއާސިސްގެ ބަލިތަކަށް ފަރުވާ ދެއްވާ އެމެރިކާގެ ޑޮކްޓަރެއް ކަމަށްވާ ޑރ. ޑެބްރާ ސަލީވިއަން މިކަމާ ގުޅިގެން ލިޔުއްވާފައިވާ ލިޔުމެއްގައި ވިދާޅުވެފައިވަނީ ފައިތިލަ ފަޅައިގެން ގޮސްފައިވާ މީހުންނަށް ގޭގައި އެ ކަމަށް ފަރުވާ ހޯދައިގެން ބައްޔަށް ލުޔެއް ހޯދިދާނެ ކަމަށެވެ.
އެގޮތުން، ފައިތިލައިގައި އުނގުޅަށް ޚާއްސަ "ހީލް ބާމް"އެއް ގޭގައި ބޭނުންކުރެވިދާނެ ކަމަށް ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.
މިފަދަ ބާމް ބޭނުންކުރުން އެންމެ ރަނގަޅީ ހެނދުނުގެ ވަގުތުގައި ކަމަށާއި ކޮންމެ ދުވަހަކު ވެސް މަދުވެގެން ތިންއިރު ފައިތިލަ މޮއިސްޗަރައިސް ކުރުން މުހިންމު ކަމަށް ޑރ. ޑެބްރީ ވިދާޅުވެފައިވެއެވެ. ހަމައެއާ އެކު ފައިގެ ފުންނާބު ރައްކާތެރި ކުރުމަށް ބޫޓަށް އެރުން އާދަ ކުރުމަކީ ވެސް ކުރެވިދާނެ ކަމެއް ކަމަށް އެ ލިޔުމުގައި ފާހަގަ ކުރައްވާފައިވެއެވެ.
ފައިތިލަ ފަޅައިގެން ދިއުމުގެ ސަބަބުން ގައިގެ އެހެން ތަންތަނަށް ވުރެ އަވަހަށް ފައިތިލައިގެ ވަށައިގެންވާ ހަންގަނޑު ހިކި ބޯވެއެވެ. މިހެންދިމާވާނަމަ ތާފަނާ ފެނުގައި 20 މިނެޓު ވަންދެން ފައިތިލަ ބެހެއްޓިދާނެއެވެ. ބޭނުންނަމަ މި ފެނުގެ ތެރެއަށް ކޮންމެ ވެސް ކަހަލަ މައިލްޑް ދިޔާ ސައިބޯނި ވެސް އެޅިދާނެއެވެ.
ވިހި މިނެޓު ވުމުން ފައި ރަނގަޅަށް އުނގުޅާލުމަށް ފަހު ފެން ހިއްކާލާފައި ހީލް ބާމް ނުވަތަ މޮއިސްޗަރައިޒާއެއް ފަޅައިގެން ގޮސްފައިވާ ތަންތަނުގައި އުނގުޅާލެވިދާނެއެވެ. އެއަށް ފަހު ޕެޓްރޯލިއަމް ޖެލް ފައިގައި އުނގުޅާލާފައި އިސްޓާކީނެއް ފަޔަށް ލެއްވުމަކީ އެންމެ ރައްކާތެރިގޮތް ކަމަށް ޑރ. ޑެބްރާ ވަނީ އިރުޝާދު ދެއްވާފައެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި ގޭގައި ދެވިދާނެ އިތުރު ފަރުވާގެ ތެރޭގައި ތެތްކަން ހުންނަ ބެންޑޭޖަކުން ފައިތިލައިގެ ފަޅައިގެން ގޮސްފައިވާ ސަރަހައްދު ބެންޑޭޖޮކޮށްލެވިދާނެއެވެ. ފުޓް ސްކްރަބެއްގެ ގޮތުގައި މާމުއި ބޭނުންކޮށް، ފައިތިލަ ކާށި ތެލުން މަސާޖުކޮށްލުމަކީ ވެސް ލުޔެއް ލިބޭނެ ކަންކަމެވެ.