ރާއްޖެއަށް ދިމާވެފައި އޮތް އެންމެ ބޮޑު އެއް މައްސަލަ ކަމަށްވާ މަސްތުވާތަކެތީގެ މައްސަލަތައް ހައްލުކުރާނަމަ ފުލުހުންނަށް އެކަށީގެންވާ ބާރުތައް ދޭންޖެހޭނެ ކަމަށް ހޮޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުއްސައްތާރު މުހައްމަދު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ގޮތަށް މަސްތުވާތަކެތީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ އިއްޔެގެ ޖަލްސާގައެވެ. އެއަށްފަހު މިއަދުގެ ޖަލްސާގައި އެ ބިލުގެ ބަހުސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ބިލަށް ބަހުސްކުރައްވާ މެންބަރު ސައްތާރު ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމުގެ ވާހަކަ ދައްކަނީ މި ގައުމަކީ 100 ޕަސެންޓު މުސްލިމް ގައުމަކަށް ވެފައި ދީނުގައި މަސްތުވާތަކެތި ބޭނުންކުރުން ހަރާމްކުރައްވާފައި އޮތުމުން އެކަނި ނޫން ކަމަށެވެ. އެ ވާހަކަ ދައްކަނީ އެއީ މުޖުތަމައުއަށް އޮތް ބޮޑު ގެއްލުމަކަށް ވާތީ ކަމަށް ސައްތާރު ވިދާޅުވިއެވެ.
އަދި މަސްތުވާތަކެތީގެ މައްސަލަތައް ރާއްޖޭގައި ހައްލުނުކުރެވި ވަނީ ތަންފީޒީ ފަރާތްތަކަށް އެކަށީގެންވާ ވަރަށް ބާރު ނުދެވޭތީ ކަމަށް ސައްތާރު ވިދާޅުވިއެވެ.
"އަޑުއިވެނީ ކޮންމެ ކުށެއްކުރާ މީހަކު ވެސް އެއް ދޮރުން ވަދެފަ އަނެއް ދޮރުން ނިކުމެގެންދާ ވާހަކަ. މިކަން މިގޮތަށް ވާންޖެހެނީ މިފަދަ ބޮޑެތި މައްސަލަތަކުގެ ފަހަތުން ދާންޖެހޭ ފަރާތްތަކަށް އެކަށީގެންވާ ބާރު ނުދޭތީ. ފުލުހުންނަށް ވެސް އެކަށީގެންވާ ބާރު ދޭންވީ. ދީގެން މިކަންކަން ހައްލުކުރެވޭނީ،" ސައްތާރު ވިދާޅުވިއެވެ.
ސައްތާރު ވިދާޅުވީ، މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ވުރެ އެ ވިއްކާ މީހުންގެ މައްސަލަ ބޮޑުކަމަށެވެ. އެހެންކަމުން ކޮންމެ ގޮތެއް ހަދާފައި ނަމަވެސް މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަަކައި ޑްރަގް ނެޓްވޯކްތައް ފުނޑުފުނޑުކޮށްލަން އެބަޖެހޭ ކަމަށް ސައްތާރު ވިދާޅުވިއެވެ.
"ރާއްޖޭގެ އާއިލާތަކުގެ ތެރެއިން މަދުވާނެ މަސްތުވާއެއްޗެހި ބޭނުންނުކުރާ ކުއްޖަކު ނެތް އާއިލާއެއް. މީގެ ނުރައްކާކަން ހުރިވަރު ބައްލަވާލައްވާ އަޅުގަނޑުގެ އަމިއްލަ ރަށުގަ ފުލުހުން މަސްތުވާއެއްޗެހި ފަހަތުން ދުވެ، ކުދިން ހިފާ ހައްޔަރުކުރި ފަހުން އެމީހުންނާ ގުޅުން ހުރި ހެކި ނައްތާލުމުގެ ގޮތުން ގޭގެ އަންދާލާފަ އެބަހުރި. ފުލުހުންގެ ސައިކަލު އަންދާލާފަ އެބަހުރި،" ސައްތާރު ވިދާޅުވިއެވެ.
ސައްތާރު ވިދާޅުވީ އެކަން ހައްލުކުރެވޭނީ ވީހާ ވެސް ބޮޑަށް އިސްލާމީ ޝަރީއަތާ ގާތަށް ޖެހިގެން ކަމަށެވެ. އިސްލާމީ ޝަރީއަތުގައި ހުރި ހުކުމްތައް ތަންފީޒުކޮށްގެން މަރުގެ އަދަބު ދޭންޖެހިއްޖެ ނަމަ މަރުގެ އަދަބު ވެސް ދޭންޖެހޭނެ ކަމަށް ސައްތާރު ވިދާޅުވިއެވެ.
ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުއްވީ ގަމު ދާއިރާގެ ޕީއެންސީ މެންބަރު ޔޫސުފް ނަޝީދެވެ.
އެގޮތުން މި ބިލުގައި ހިމަނާފައިވާ މައިގަނޑު ކަންތައްތަކަކީ:
- ގާނޫނުގެ ދަށުން ކޮންޓްރޯލް ކޮށްފައިވާ މަސްތުވާއެއްޗެހީގެ އިތުރުން އަލަށް ކޮންޓްރޯލް ކުރަންޖެހޭ މަސްތުވާތަކެތި ކޮންޓްރޯލް ކުރެވޭނެ ނިޒާމެއް ތައާރަފުކުރުން.
- މަސްތުވާތަކެއްޗާ ގުޅޭ އިތުރު ކުށާއި އަދަބު ކަނޑައެޅުން.
- މަސްތުވާތަކެއްޗަށް ދެވި ހިފާފައިވާ މީހުންނަށް ދެވޭ ފަރުވާގެ ނިޒާމު އިތުރަށް ހަރުދަނާކުރުން.
- ޑްރަގު ކޯޓު ހިންގުމުގެ އުސޫލުތަކާއި ޑްރަގް ކޯޓުގެ ފަރުވާގެ ޕްރޮގްރާމާ ގުޅޭ އުސޫލުތައް މުރާޖައާކުރުން.
- މަސްތުވާތަކެއްޗާ ގުޅޭ ކުށްތައް ހުއްޓުވުމަށްޓަކައި ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް އިތުރު ބާރުތައް ލިބިދިނުން.
- ކުށް ކޮށްގެން ހޯދާ މުދާ ހިފެހެއްޓުމާއި އެފަދަ މުދާ ދައުލަތަށް ނެގުމުގެ އުސޫލު މުރާޖާކުރުން.
- އެ ނޫންވެސް ގާނޫނު ތަންފީޒުކުރުން އިތުރަށް ހަރުދަނާކުރުމަށްޓަކައި ގެންނަންޖެހޭ އިސްލާހުތައް ގެނައުން.
މި ބިލު ހުށަހެޅުމުގެ ބޭނުމަކީ، ދިވެހިރާއްޖޭގައި މަސްތުވާތަކެތިން ވިޔަފާރިކުރުމާއި، މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ވިޔަފާރި އިތުރަށް ފުޅާވެ، މަސްތުވާތަކެތި ގެންގުޅޭ އަދި ބޭނުންކުރާ މިންވަރު އިތުރުވެ، މަސްތުވާތަކެއްޗާ ގުޅޭ ކުށްތައް އިތުރުވަމުންދާތީ އެކަންކަން ހުއްޓުވުމަށްޓަކައި ގާނޫނު ތަންފީޒުކުރާ ފަރާތްތަކަށް ލިބިދޭ ބާރުތައް އިތުރުކުރުމަށްޓަކައެވެ.
އަދި މަސްތުވާތަކެއްޗަށް ދެވި ހިފާފައިވާ މީހުންނަށް ހަރުދަނާ ގޮތެއްގައ ފަރުވާދީ، ހެޔޮގޮތުގައި މުޖުތަމައުއަށް އަނބުރާ ރުޖޫއަވެވޭނެ ފުރުސަތު ދިނުމަށްޓަކައި މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގައި ކަނޑައަޅާފައިވާ ނިޒާމު އިސްލާހުކޮށް އެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށެވެ.
މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަކީ މި ސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރާކަމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.