ޓޫރިޒަމް ވިޔަފާރިތަކުން ޓޫރިސްޓެއްގެ ބޮލަކަށް ވަކި އަދަދަކަށް ޑޮލަރު މާރުކުރަންޖެހޭ ގޮތަށް ހަދާފައިވާ ގަވާއިދަށް އެއްގޮތަކަށް ވެސް ތާއީދު ނުކުރައްވާ ކަމަށާއި، ރައްޔިތުންގެ އަތުން ފައިސާ އަތުލުމުގެ ކުރިން ސަރުކާރު ކުޑަވާން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ ކުރީގެ މެންބަރު، އަލީ އާޒިމް މިރޭ ވިދާޅުވެއްޖެއެވެ.
މަރުކަޒީ ބޭންކު، އެމްއެމްއޭއިން ވަނީ ރިސޯޓުތަކާއި ގެސްޓްހައުސްތަކުން އެ ތަންތަނަށް އަންނަ ފަތުރުވެރިންގެ ބޮލަކަށް ވަކި އަދަދަކަށް ޑޮލަރު މާރުކުރަން ޖެހޭ ގޮތަށް ގަވާއިދެއް އެކުލަވައިލާފައެވެ. އެ ގާނޫނަކަށް ހެދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
އެ ގަވާއިދު ބުނާ ގޮތުން، ފަތުރުވެރިކަމުގެ ޚިދުމަތްދޭ މަތީ ފަންތީގެ ވިޔަފާރިތަކުން، ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރު މާރުކުރަންޖެހެއެވެ. ގެސްޓްހައުސްތަކަށް އަންނަ ކޮންމެ ފަތުރުވެރިއަކަށް 25 ޑޮލަރު މާރުކުރަންޖެހެއެވެ.
މި ކަމާ ގުޅިގެން އެސްއެސްޓީވީގެ "ބާރު ހަތަރެއް"ގައި އާޒިމް ވިދާޅުވީ ގައުމެއް ދަރަނިވެރިވާއިރު، މި ސަރުކާރުން ކުރަމުން އެ ގެންދަނީ ކޮށްގެން ނުވާނެ ކަންތައްތައް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ސިޔާސީ މުވައްޒަފުން މަދުކޮށް، ސަރުކާރުގެ އިސްރާފު ކުޑަ ކުރުމެވެ. ރައްޔިތުންގެ އަތުން އެއްޗެއް އަތުލުމުގެ ސަރުކާރުގެ އިސްރާފު ކުޑަވާންޖެހޭ ކަމަށާއި، ޕްރޮޖެކްޓުތައް ވެސް ހުއްޓައިލަންޖެހޭ ކަމަށް އާޒިމް ވިދާޅުވިއެވެ.
"ރައްޔިތުންގެ އަތުން އެއްޗެއް އަތުލުމުގެ ކުރިން ސަރުކާރު އެބަ ޖެހޭ ކުޑަވާން. ސަރުކާރުގެ އެބަޖެހޭ އިސްރާފުތައް މަދުވާން. ސަރުކާރުން މި ވަގުތަށް އެބަޖެހޭ ޕްރޮޖެކްޓުތައް ހުއްޓައިލަން. ކުރާނެ ކަމެއް ނެތް" އާޒިމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި ގައުމުގެ ހަގީގީ މާލީ ހާލަތު ރައްޔިތުންނަށް ނުބުނެދީ، ގަދަކަމުން ރައްޔިތުންގެ އަތުން ފައިސާ ހޯދުމަށް ގަވާއިދުތަކެއް ހެދުމަކީ މުސްތަގުބަލަށް ވިސްނާއިރު، ވަރަށް ނުރައްކާތެރި ކަމެކެވެ. ޑޮލަރު މާރުކުރަންޖެހޭ ގޮތަށް ހަދާފައިވާ ގަވާއިދަކީ އެއްވެސް ވަރަކަށް ތާއީދު ކުރާ ގަވާއިދެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
ޓޫރިޒަމް ވިޔަފާރިތަކަށް ޑޮލަރު މާރުކުރުން މަޖުބޫރުވާގޮތަށް ގަވާއިދު ހެދިއިރު، ވިޔަފާރިވެރިން އެ ކަމަށް ކަންބޮޑުވުން ފާޅުކުރަނިކޮށް، ރައީސް ޑރ. މުހައްމަދު މުއިއްޒުވަނީ އެ ގަވާއިދު ބަދަލު ނުކުރައްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. އެ ގަވާއިދުގައިވާ ކަންކަން ގާނޫނަކަށް ހެދުމުގެ މަސައްކަތް ވެސް މަޖިލީހުން ދަނީ ކުރަމުންނެވެ.
އެމްއެމްއޭގެ ގަވާއިދުގައިވާ ގޮތުން ޓޫރިސްޓު ރިޒޯޓުތަކުން ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރު މާރުކުރަންޖެހޭނެއެވެ. އަދި ގެސްޓްހައުސްތަކުން ކޮންމެ ފަތުރުވެރިއަކަށް މާރުކުރަންޖެހޭނީ 25 ޑޮލަރެވެ.
ރައީސް ވިދާޅުވި ގޮތުގައި މި ގޮތަށް ގަވާއިދު އިސްލާހުކުރުމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެއެވެ. އެ ގޮތުން:
- ސަރުކާރުން ހިއްސާވާ ކުންފުނިތަކުން ޕެރަލަލް މާކެޓަށް ނުގޮސް ރަސްމީ ރޭޓުގައި ޑޮލަރު ލިބޭނެ އިންތިޒާމެއް އަންނަ އަހަރުގެ ޖުލައި މަހުން ފެށިގެން ގާއިމުކުރުން
- ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ ކޮންމެ ދިވެއްސަކަށް ލިބޭ 500 ޑޮލަރު ދެގުނަކޮށް އެއަދަދު 1000 ޑޮލަރަށް 2026ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގައި ހެދުން
- ކްރެޑިޓް ކާޑު ލިމިޓްތައް 2026ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގައި ބޮޑުކޮށްދިނުން
- ދިވެހި ވިޔަފާރިވެރިންނަށް ތަކެތި އިމްޕޯޓްކުރުމުގެ ގޮތުން ބޭންކުތަކަށް ޓީޓީ ހެދުމަށް ދޫކުރާ ޑޮލަރުގެ ނިސްބަތް އަންނަ އަހަރުގެ ޖުލައި މަހުން ފެށިގެން އިތުރުކުރުން
ބޭރު ފައިސާއާ ބެހޭ ގަވައިދުގައިވާ ގޮތުން، ޑޮލަރު މާރުކުރަން ދެކޮޅު ހަދާނަމަ، އެ ފަރާތެއް 5،000 ރުފިޔާއާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެ ކަމަށެވެ. އަދި ޖޫރިމަނާ ކުރުމަށްފަހު، އެމްއެމްއޭއަށް ފެނިއްޖެ ހިނދެއްގައި، ގަވައިދަށް އަމަލުކުރަން ދެން ހިނގާ ކޮންމެ ދުވަހަކަށް 5،000 ރުފިޔާ ދައްކަން އެންގޭނެއެވެ.