ފަސް އަހަރުގެ މެދުކެނޑުމަކަށް ފަހު އަލުން ހުޅުވި ޝަންގްރިއްލާ ވިލިނގިލި ރިސޯޓު ހުޅުވުމަށްފަހު ބަންދުކުރި ކަމަށް ދެކެވޭ ވާހަކަތައް ޝަންގްރިއްލާ ގްރޫޕުން މިއަދު ދޮގުކޮށްފިއެވެ.
ކޮވިޑް-19ގެ ސަބަބުން، އެންމެ މަތީ ފަންތީގެ ފަތުރުވެރިންނަށް ޚާއްސަކޮށް ޚިދުމަތް ދެމުން ދިޔަ ޝަންގްރިއްލާ ރިސޯޓު އޭޕްރިލް 2020ގައި ބަންދުކުރުމަށްފަހު އަލުން ހުޅުވީ މިދިޔަ ޑިސެންބަރު މަހުގެ 30ވަނަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައެވެ.
ނަމަވެސް އެ ރިސޯޓަށް އައި ފުރަތަމަ ގެސްޓުން ފުރި ކަމަށާއި، އެ ރިސޯޓު ހުޅުވިތާ މާ ގިނަ ދުވަހެއްނުވެ އަލުން ބަންދުކުރި ކަމަށް، ރާއްޖޭގެ ރިސޯޓެއްގައި މަސައްކަތްކުރައްވާ އިސް ބޭފުޅަކު ވަނީ 'ފޭސްބުކް'ގައި ޕޯސްޓެއް ކުރައްވައިފައެވެ.
އެހެންވެ 'ސަން'އިން ސުވާލުކުރުމުން، ޝަންގްރިއްލާ ގްރޫޕުގެ މެދުއިރުމައްޗާއި އިންޑިއާއާއި އެފްރިކާ ސަރަހައްދުގެ އެސިސްޓަންޓް ވައިސް ޕްރެޒިޑެންޓް، ރީޖަނަލް މާކެޓިން އެންޑް ކޮމިއުނިކޭޝަންސް ކެޓަރީނާ ޑިކްސޮން މިއަދު ވިދާޅުވީ، ޝަންގްރިއްލާ ރިސޯޓު ބަންދުނުކުރާ ކަމަށާއި، ރިސޯޓު ހިންގަމުން އަންނަނީ މަދު ވިލާތަކަކުން ޚިދުމަތްދޭ ގޮތަށް ކަމަށެވެ.
އަދިވެސް މަރާމާތުގެ ބައެއް މަސައްކަތްތައް ރިސޯޓުގައި ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.
މިކަމާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީއާއި އައްޑޫ ސިޓީ ކައުންސިލުގެ ބަހެއް ލިބޭ ގޮތް ނުވިއެވެ.
ލަގްޒަރީ ފެންވަރުގައި ތަރައްގީކުރި ޝަންގްރިއްލާ ރިޒޯޓު ރަސްމީކޮށް ހުޅުވީ ޖުލައި 31، 2009 ގައެވެ. އެ ތަނަކީ ސްޕީޑް ލޯންޗަކުން ފަސް މިނެޓު ތެރޭގައި ދަތުރުކޮށްގެން އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ދެވޭހާ ކައިރީގައި އޮންނަ ތަނެކެވެ.
ކޮވިޑަށް ފަހު، އެ ރިސޯޓް ނުހުޅުވި އެތައް ދުވަހެއް ފާއިތުވުމުގެ ސަބަބުން އައްޑޫގެ ރައްޔިތުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.