ޗައިނާ ވިޔަފާރިތަކާއެކު ދިވެހި ވިޔަފާރިވެރިން ގާތް ގުޅުން ބާއްވަންޖެހޭ، ފުރުސަތު ބައިވަރު އެބަހުރި: ޗައިނާ ސަފީރު

ޗައިނާ ސަފީރު ކޮންގް ޝިއަން ހުއާ "ސަން"ގެ ޑިޕްލޮމެޓިކް ފޯކަސް ޕްރޮގްރާމްގައި ވާހަކަދައްކަވަނީ -- ސަން ފޮޓޯ

ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް މިނިވަން ވިޔަފާރީގެ އެއްބަސްވުމާއެކު ދިވެހި ވިޔަފާރިވެރިންނަށް ޗައިނާގައި ބައިވަރު ފުރުސަތުތައް ފަހިވެފައި އެބައޮތް ކަމަށާއި، އެ ފުރުސަތުތައް ހޯދުމަށް ޓަކައި ދިވެހި ވިޔަފާރިތަކުން ޗައިނާގެ ވިޔަފާރީތަކާ ގާތް ގުޅުމެއް ބާއްވައިގެން މަސައްކަތްކުރަންޖެހޭ ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު ކޮންގް ޝިއަން ހުއާ ވިދާޅުވެއްޖެއެވެ.

"ސަން"ގެ ޑިޕްލޮމެޓިކް ފޯކަސް ޕްރޮގްރްމާގައި، ޗައިނާއަކީ 1.4 ބިލިއަން މީހުންގެ އާބާދީއެއްކަން ފާހަގަކުރައްވައި ސަފީރު ވިދާޅުވީ، ޗައިނާގައި 'ކޮންސިއުމާ މާކެޓް"އަށް ބޮޑު ޑިމާންޑެއް އެބައޮތް ކަމަށެވެ.

އަދި މުސްތަގްބަލަށް، ޗައިނާގެ އަމާޒަކީ ޖީޑީޕީގެ ނިސްބަތުން ބޮލަކަށް ޖެހޭ އާމްދަނީގެ މިންވަރު 2035ވަނަ އަހަރާ ހަމައަށް ދާއިރު 20،000 ޑޮލަރާއި، 30،000 ޑޮލަރާ ދެމެދަށް އިތުރުކުރުން ކަމަށާއި އޭގެ މާނައަކީ ކުރިއަށް އޮތް 10 އަހަރު ތެރޭ ދުނިޔޭގެ އެންމެ ބޮޑު ކޮންޒަމްޕްޝަން މާކެޓު އޮންނަ ގައުމަކަށް ވެސް ވާނީ ޗައިނާ ކަމަށް ސަފީރު ވިދާޅުވިއެވެ.

އެެހެންކަމުން ދިވެހީންނަށް ޗައިނާގެ ބާޒާރުގައި ވަރަށް ގިނަ ފުރުސަތުތަކެއް އެބަހުރި ކަމަށް ވެސް ސަފީރު ވިދާޅުވިއެވެ. ވަކިން ޚާއްސަކޮށް މަސްވެރިކަމުގެ އުފެއްދުންތަކާއި، ފަތުރުވެރިކަމުގެ ޚިދުމަތުގައި ފުރުސަތު ގިނަކަން ފާހަގަކުރެއްވިއެވެ.

"ޗައިނާގެ ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، 2025ގެ ފުރަތަމަ ތިން ކުއާޓަރުގައި، ރާއްޖެއިން ޗައިނާއަށް އެތެރެކުރި މުދާ ވަނީ ދެގުނަ ވެފައި. އޭގެ ތެރޭ މަސްވެރިކަމުގެ އުފެއްދުންތަކަކީ ހަތަރު ބައިކުޅަ އެއްބައި. އަޅުގަނޑު ގަބޫލުކުރަނީ އެއީ ހަމައެކަނި ފެށުންކަމަށް،" ރާއްޖެއާއި ޗައިނާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް މިދިޔަ އަހަރުގެ ޖެނުއަރީގައި އަމަލުކުރަން ފެށުމާއެކު ރާއްޖެއިން ޗައިނާއަށް މުދާ އިތުރުކުރި މިންވަރު އިތުރުވިކަން ފާހަގަކުރައްވައި ސަފީރު ވިދާޅުވިއެވެ.

ސަފީރު ވަނީ ޗައިނާގެ މާކެޓް ޑިމާންޑަށް ދިވެހި މަސްވެރިކަމުގެ އުފެއްދުންތައް އުފެއްދުމަށް އެދިވަޑައިގެންފައެވެ. އަދި ޗައިނާގައި ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތަކާ މެދު ރަނގަޅަށް ހޭލުންތެރިކަން އިތުރުކުރެވިއްޖެނަމަ ޗައިނާގައި އެ ޑިމާންޑު އުފެއްދޭނެކަމަށް ސަފީރު ވިދާޅުވިއެވެ.

"އަޅުގަނޑު ހައިރާނެއް ނުވާނެ ކުރިއަށް އޮތް މަދު އަހަރުތަކުގެ ތެރޭ، ރާއްޖޭގެ މަހުގެ އުފެއްދުންތައް އެންމެ ގިނައިން އިމްޕޯޓުކުރާ ގައުމަކީ ޗައިނާއަށް ވެއްޖެނަމަ،" ސަފީރު ވިދާޅުވިއެވެ.

ރާއްޖެއިން މިހާރު ޗައިނާއަށް މަސްވެރި އުފެއްދުންތައް އެންމެ އާންމުކޮށް ބޭރުކުރަނީ ގަނޑުކުރި މަހުގެ ގޮތުގައެވެ. ޕްރޮސެސްކުރުމަށްފަހު އުފެއްދުމެއްގެ ގޮތުގައި އެކްސްޕޯޓުކުރުމުގެ ބަދަލުގައި ގަނޑުކުރި މަސް ބޭރުކުރާނަމަ އެ ވިއްކަންޖެހެނީ މާ ދަށް އަގެއްގައެވެ.

ފަތުރުވެރިކަމުގެ ދާއިރާއަށް އަލިއަޅުއްވައިލައްވަމުން ސަފީރު ވިދާޅުވީ، 2010ވަނަ އަހަރުން ފެށިގެން، ކޮވިޑާއެކު ދިމާވި މެދުކެނޑު ނަމަވެސް ޗައިނާއަކީ ރާއްޖޭގެ އެއް ނަންބަރު މާކެޓުކަމަށެވެ. އަދި ފަތުރުވެރިކަމުގައި، ޗައިނާގައި ޕްރޮމޯޝަން މަސައްކަތްތައް ގިނަކޮށް، ޗައިނާގެ ޓްރެވަލް އެޖެންސީތަކާއެކު އިތުރަށް މަސައްކަތް ކުރެވޭނެ ކަަމަށް ވިދާޅުވިއެވެ. އަދި މަތީފަންތީގެ އާ ޚިދުމަތްތައް ރާއްޖޭގައި، ޗައިނާގެ ފަތުރުވެރިންގެ ބޭނުންތަކާ އެއްގޮތަށް ތައާރަފްކުރުމަކީ ވެސް ކުރެވޭނެ މުހިންމު ކަމެއް ކަމަށް ވިދާޅުވިއެވެ.

އެއާއެކު، ސަފީރު ވަނީ ޗައިނާގެ ވިޔަފާރިތަކާއެކު ގާތް ގުޅުން ބާއްވަން ވިޔަފާރިވެރިންނަށް ގޮވައިލައްވައިފައެވެ.

comment ކޮމެންޓް