އިދިކޮޅުން ގިނަ ފާޑުކިޔުންތަކެއް އަމާޒުކުރި އާބަން ޑިވެލޮޕްމަންޓްގެ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ތަސްދީގު ކުރައްވައިފިއެވެ.
މި ބިލުގެ މައިގަނޑު ބޭނުންތަކުގެ ތެރޭގައި ހިމެނެނީ:
- ރާއްޖޭގައި އާބަން ސަރަހައްދުތައް ކަނޑައެޅުން
- އެފަދަ ސަރަހައްދުތައް ތަރައްގީކުރުމާގުޅޭ ކަންކަން ހަރުދަނާ ގާނޫނީ އޮނިގަނޑެއްގެ ދަށުން އިންތިޒާމުކުރުމަށްޓަކައި، އާބަން ސަރަޙައްދުތަކާއި އެފަދަ ސަރަޙައްދުތަކުގެ ޒޯންތަކާއި ގިންތިތަކާއި ބިމުގެ ބޭނުން ކަނޑައެޅުން
- އަދި އެފަދަ ސަރަޙައްދުތައް ތަރައްގީކޮށް ހިންގުމުގެ އަސާސީ މިންގަނޑުތަކާ، އާބަން ސަރަހައްދުތަކުގައި ހިންގާ ތަރައްގީގެ މަޝްރޫއުތައް މޮނިޓާކޮށް ފިޔަވަޅު އެޅުމާބެހޭ އުސޫލުތައް ބަޔާންކުރުން
މި ގާނޫނުގެ ދަށުން ރާއްޖޭގައި އާބަން ސަރަޙައްދުތައް ކަނޑައެޅުމާއި، އާބަން ސަރަހައްދުތައް ތަރައްގީކޮށް ހިންގުމާގުޅޭ ގައުމީ ސިޔާސަތު ކަނޑައަޅާނީ ވަޒީރުންގެ މަޖިލީހުގެ ލަފާގެމަތިން ރައީސެވެ.
މި ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވަނީ ހައުސިން މިނިސްޓްރީއާއެވެ.
މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، "އާބަން ޑިވެލޮޕްމަންޓް އޮތޯރިޓީ"ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް އުފެދޭނެކަމުގައި ގާނޫނުގައި ބަޔާންކޮށްފައިވެއެވެ. މި އޮތޯރިޓީ ވެސް ހިންގާނީ ހައުސިން މިނިސްޓްރީންނެވެ.
މި ގާނޫނަށް އަމަލުކުރަން ފަށާނީ މި ގާނޫނު ތަސްދީގުކޮށް، ގެޒެޓުގައި ޝާއިއުކުރާ ތާރީޚުން ފެށިގެން ހަ މަސްދުވަހުގެ ތެރޭގައެވެ.
މި ބިލު މަޖިލީހުން ފާސްކުރީ މިދިޔަ ބުދަ ދުވަހުއެވެ. މި ބިލު ފާސްކޮށްފައިވަނީ ޖަލްސާގައި ބައިވެރިވި 70 މެންބަރުންގެ ވޯޓުންނެވެ.
ރާއްޖޭގައި އާބަން ސެންޓަރުތައް ގާއިމް ކުރުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ. އެހެންކަމުން އާބަން ސެންޓަރުތައް ގާއިމުކުރާ ހަތް ރަށެއް މިދިޔަ މަހުގެ ކުރީކޮޅު ވަނީ އިއުލާންކޮށްފައެވެ.
އެ ރަށްތަކަކީ:
- ރ. އުނގޫފާރު
- ބ. އޭދަފުށި
- ޅ. ނައިފަރު
- އދ. މަހިބަދޫ
- ފ. ނިލަންދޫ
- ދ. ކުޑަހުވަދޫ
- ލ. ފޮނަދޫ
އާބަން ޑިވެލޮޕްމަންޓް ބިލުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގައި ކުރި އިރު، މި ބިލާ ގުޅޭ ގޮތުން އިދިކޮޅު އެމްޑީޕީން ގިނަ ކަންބޮޑުވުންތަކެއް ފާޅުކުރިއެވެ. އެގޮތުން އެ ބިލު ފާސްކުރުމުން ކައުންސިލްތަކުގެ ބާރު ކެނޑި، ކަތީބު ނިޒާމަކަށް ރުޖޫއަވާ ކަމަށް އެ ޕާޓީން ބުނެފައިވެއެވެ.
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވެސް ވަނީ މި ބިލަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.