ހައުސިން މިނިސްޓްރީ ހިންގި ބިން ސާފުކުރުމުގެ މަސައްކަތް ފަށައިފި

ހައުސިން މިނިސްޓްރީ ހިންގާ އިމާރާތުގައި އަލިފާން ރޯވުން: އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ފަށައިފި -- ސަން ފޮޓޯ: މުޙައްމަދު ހަމްޒާ

މިދިޔަ ބުރާސްފަތި ދުވަހު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ބޭނުން ނުކުރެވޭ ވަރަށް އެނދި އިމާރާތް ހުރި ބިން ސާފުކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ސިޓީސް, ލޯކަލް ގަވަމެންޓް ޕަބްލިކް ވޯކްސް އިން މިއަދު ފަށައިފިއެވެ.

އަލިފާން ރޯވި އިމާރާތުގައި ހިންގަނީ ހައުސިން މިނިސްޓްރީ، އިންފްރާންސްޓްރަކްޗާ މިނިސްޓްރީ އަދި އެންވަޔަރަމަންޓް މިނިސްޓްރީގެ އިތުރުން މާލޭ ސިޓީ ކައުންސިލުގެ ތިން ސެކްޝަނެކެވެ.

ހައުސިން މިނިސްޓްރީ ހިންގި އިމާރާތް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައި -- ފޮޓޯ/ އެމްއެންޑީއެފް

މިކަމާ ގުޅިގެން ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ކުރެއްވި ޓުވީޓެއްގައި ވަނީ، މި ހާދިސާއާ ގުޅިގެން މިހާރު ބަންދު ކޮށްފައިވާ އަމީނީމަގުގެ އެ ސަރަހައްދު މާދަމާ ހުޅުވާލެވޭވަރު ވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

މި ހާދިސާގައި އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބި، ތިން މިނިސްޓްރީގެ ޚިދުމަތް ވަގުތީ ގޮތުން ވަނީ މެދުކެނޑިފައެވެ. އަދި، އެ އިމާރާތުގައި ހިންގި މާލެ ސިޓީ ކައުންސިލްގެ ބަޔަކަށް ވެސް ގެއްލުންތަކެއް ލިބި، އެކަައުންސިލްގެ ޚިދުމަތްތަކަށް ވެސް ވަނީ ބުރޫއަރާފައެވެ.

އެހެންކަމުން ގެއްލުންވި ތިން މިނިސްޓްރީގެ މަސައްކަތްތައް މިހާރު ވަނީ ދަރުބާރުގެއަށް ވަގުތީގޮތުން ބަދަލުކޮށްފައެވެ.

https://sun.mv/200190

އިއްޔެ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ވިދާޅުވީ، އަންނަ އާދިއްތަ ދުވަހު ހައުސިން މިނިސްޓްރީގެ ޚިދުމަތްތައް ދަރުބާރުގޭގައި އާންމުންނަށް ދެވޭނެހެން އިންތިޒާމު ހަމަޖެއްސޭނެ ކަމަށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ. އަދި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ވެސް އަދި އެނގިފައެއް ނުވެއެވެ.

comment ކޮމެންޓް