ހުޅުމާލޭގައި އާންމު ސިއްހަތަށް ގެއްލުންވާ ގޮތަށް ހުރި ދެ ތަނެއްގައި އުޅެމުންދިޔަ 14 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ރޭ ގެންގޮސްފިއެވެ.
އިމިގްރޭޝަނުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ޓާސްކުފޯހުން ރޭ ކުރިއަށްގެންދިއަ ރެއިޑު އޮޕަރޭޝަނެއްގައި ބިދޭސީން ދިރިއުޅޭ ދެ ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
އެގޮތުން ފުރަތަމަ ބަލާފައިވާ ތަނުގައި ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ ބިދޭސީ ނުވަ ފިރިހެނުން އަދި ދެވަނަ ތަނުން ބިދޭސީ ތިން އަންހެނަކާއި ދެ ފިރިހެނުން ހިމެނޭހެން ޖުމްލަ 14 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.
އިމިގްރޭޝަނުން ވަނީ އެ ރެއިޑުގައި ބަލައި ފާސްކުރި ތަންތަނުގެ ފޮޓޯތައް ވެސް އެކްސްގައި ހިއްސާކޮށްފައެވެ. އެ ފޮޓޯތަކުން ގިނަ އަދަދެއްގެ ބިދޭސީން ކުޑަ ޖާގައެއްގައި ތިބި މަންޒަރާއި ސާފުތާހިރުކަން ކުޑަ ގޮތަކަށް އެ ތަންތަން ހުރި މަންޒަރު ފެނެއެވެ.
އިމިގްރޭޝަނުން އަންނަނީ ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދަން އޮޕަރޭޝަންތައް ހިންގަމުންނެވެ.
މި ގޮތުން މި މަހު 19ވަނަ ދުވަހު އިމިގްރޭޝަންއިން ވަނީ މަސް މާރުކޭޓް ސަރަހައްދު ބަަލައި ފާސްކޮށް ގަވާއިދާ ޚިލާފަށް އުޅުނު 39 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މިދިޔަ މަހުގެ 17 ވަނަ ދުވަހު މި ސަރުކާރަށް އެއް އަހަރު ފުރުމާ ގުޅިގެން ޕީއެސްއެމްއިން ކުރިއަށްގެންދިޔަ ޕްރޮގްރާމެއްގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ހޯމް މިނިސްޓްރީއަށް މައިގަނޑު ހަތަރު ކަމެއް ހަވާލުކުރެއްވި ކަމަށެވެ. އޭގެ ތެރޭގައި ރާއްޖޭގައި ގަވާއިދާ ޚިލާފަށް ދިރިއުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުން ހިމެނޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
މި ސަރުކާރުގެ އަމާޒަކީ ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ފުރަތަމަ ތިން އަހަރުގެ ތެރޭގައި ހައްލުކުރުން ކަމަށް އިހުސާން ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
އިމިގްރޭޝަނުން މީގެ ކުރިން ވަނީ، މި އަހަރުގެ އަމާޒަކީ ގަވާއިދާ ޚިލާފަށް އުޅޭ 5،000 ބިދޭސީން ފޮނުވައިލުން ކަމަށާއި އެ އަމާޒަށް މިދިޔަ މަހު ވާސިލުވެފައިވާ ކަމަށް ބުނެފައެވެ.