ޑޮލަރުގެ ހަނގުރާމައިގައި އެމެރިކާ އަޅާ ފިޔަވަޅުތަކަށް ޗައިނާވެސް ރައްދު ދޭނެ: ޗައިނާގެ މީޑިއާ

ބެއިޖިން (2 ޑިސެންބަރު 2024): ޑޮލަރަށް ބަރޯސާވުން ކުޑަކުރާ ގައުމުތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވުމާއެކު އޭގެ ރައްދުގައި ޗައިނާއިން އެމެރިކާއާ ދެކޮޅަށް އެޅިދާނެ ފިޔަވަޅުތަކާބެހޭގޮތުން އެގައުމުގެ މީޑިއާއިން ވާހަކަ ދައްކައިފިއެވެ.

ޗައިނާގެ މަސްއޫލުވެރިއަކާ ހަވާލާދީ އެގައުމުގެ ރަސްމީ މީޑިއާ ބުނާގޮތުން ޑޮލަރަށް ބަރޯސާވުން ކުޑަ ކުރުމަށްޓަކައި ޗައިނާ އަޅަމުން ގެންދާ ފިޔަވަޅުތައް އެމެރިކާއަށް ނުހުއްޓުވޭނެއެވެ. އެކަން ހުއްޓުވުމަށްޓަކައި އެމެރިކާ ފިޔަވަޅު އަޅައިފިނަމަ އޭގެ ރައްދު ޗައިނާވެސް އެމެރިކާއަށް ދޭނެއެވެ.

ޗައިނާއިން އެމެރިކާއަށް ދޭނެ ރައްދުގެ ތެރޭގައި ޗައިނާ އަތުގައިވާ އެމެރިކާގެ ޓްރަޜަރީ ބޮންޑްތަކުގެ ތެރެއިން ބައެއް ވިއްކާލުމާއި ޗައިނާގެ ނާދިރު މައުދަންތައް އެމެރިކާއަށް ފޯރުކޮށްދޭ މިންވަރު ވަރަށް ބޮޑަށް މަދުކޮށްލުމާއި ޗައިނާގެ ފައިސާގެ އަގު ދަށްކުރުން ފަދަކަންކަން ހިމެނިދާނެއެވެ. މިއިން ކޮންމެ ކަމަކީވެސް އޭގެ ނޭދެވޭ އަސަރު ވަރަށްބޮޑަށް އެމެރިކާގެ އިގްތިސާދަށް ކުރާނެ ކަމެއްކަމަށް ޗައިނާގެ ގްލޯބަލް ޓައިމްސް ބުނެއެވެ.

ޗައިނާގައި ނާދިރު މައުދަންތަކަކީ އެމެރިކާގެ މަތީފެންވަރުގެ ޓެކްނޮލޮޖީގެ އުފެއްދުންތަކަށް އިންތިހާއަށް ބޭނުން އެއްޗެކެވެ. މިތަކެތި ފޯރުކޮށްދިނުން ކޮންޓްރޯލްކޮށްފިނަމަ އެމެރިކާގެ ހައިޓެކް އުފެއްދުންތައް ވަރަށް ބޮޑަށް ދަށަށް ދާނެއެވެ. ޗައިނާގެ ފައިސާގެ އަގު ދަށްކޮށްފިނަމަ އެއީ ޗައިނާގައި ޒަމާނުއްސުރެ އިންވެސްޓްކޮށްގެން އުޅޭ އެމެރިކާ ކުންފުނިތަކަށް ބޮޑު ގެއްލުމެއް ލިބޭނެކަމެވެ.

ޗައިނާ އަތުގައި އެމެރިކާގެ އެތަށް ސަތޭކަ ބިލިއަން ޑޮލަރެއްގެ ޓްރެޜަރީ ބޮންޑްތައް ހުރިއިރު އޭގެތެރެއިން ބައެއް ވިއްކާލުމަކީ އެމެރިކާއަށް މާލީ ގެއްލުންތައް ބޮޑުވާނެކަމެކެވެ. މީގެއިތުރުން ޗައިނާއަށް އެތެރެކުރާ އެމެރިކާގެ އުފެއްދުންތަކުން ނަގާ ޑިއުޓީ ބޮޑުކުރުމަކީވެސް ޗައިނާއަށް ކުރެވިދާނެކަމެކެވެ.

މިގޮތަށް ހަދައިފިނަމަ މިހާރަށް ވުރެވެސް ބޮޑަށް ޗައިނާއާއި އެމެރިކާގެ ޑްރޭޑް ބެލަންސް ޗައިނާ ކޮޅަށް ބަރުވާނެއެވެ. އަދި އެމެރިކާގެ އުފެއްދުންތައް ޗައިނާއަށް އެތެރެކުރާ މިންވަރު ކުޑަވެ އެމެރިކާއަށް ލިބޭ ވިޔަފާރީގެ އާމްދަނީ ބޮޑުތަނުން މަދުވެގެން ދާނެއެވެ.

ޗައިނާއާއި އެމެރިކާގެ ޓްރޭޑް ބެލަންސަށް ބަލާއިރު ފެންނަނީ ވަރަށް ބޮޑަށް ޗައިނާ ކޮޅަށް ބަރުވެފައިވާ ތަނެވެ. ޗައިނާއިން އެމެރިކާއަށް އެކްސްޕޯޓް ކުރާ ތަކެތީގެ މިންވަރު 575 ބިލިޔަން ޑޮލަރަށް އަރާއިރު އެމެރިކާއިން ޗައިނާއަށް އެކްސްޕޯޓް ކުރާ ތަކެތީގެ މިންވަރު އުޅެނީ އެންމެ 147 ބިލިޔަން ޑޮލަރުގައެވެ. މިއީ އެމެރިކާ ވަރަށް ކަންބޮޑުވާ ކަމެކެވެ. މިގެއްލުން އެމެރިކާއަށް ލިބެނީ ޗައިނާގެ އުފެއްދުންތަކުގެ އަގު ހެޔޮވެފައި އެމެރިކާގެ އުފެއްްދުންތަކުގެ އަގު ބޮޑު ކަމުންނެވެ.

ޑޮލަރުގެ މައްސަލާގައި ޗައިނާއާ ދެކޮޅަށް އެމެރިކާ ފިޔަވަޅު އަޅައިފިނަމަ އޭގެ ރައްދުގައި ޗައިނާ އެމެރިކާގެ އުފެއްދުންތަކާ ދެކޮޅަށް ފިޔަވަޅު އަޅައިފިނަމަ މިއަށް ވުރެވެސް ބޮޑަށް ދެގައުމުގެ ޑްރޭޑް ބެލަންސް ޗައިނާކޮޅަށް ބަރުވެގެންދާ ނެކަމަށް ޗައިނާގެ ނޫހެއްކަމަށްވާ "ގްލޯބަލް ޓައިމްސް" ބުނެއެވެ.

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެމެރިކާ ޑޮލަރުގެ ބަދަލުގައި އެހެން ފައިސާތަކުން ވިޔަފާރީގެ މުއާމަލާތްތައް ނުކުރުމަށް ޗައިނާ ލީޑުކުރާ ބްރިކްސްގެ ގައުމުތަކަށް އިންޒާރު ދެއްވާއެވެ. ޑޮލަރުގެ ބަދަލުގައި އެހެން ފައިސާތަކުން ވިޔަފާރީގެ މުއާމަލާތް ކުރާނަމަ އެމެރިކާ 100 ޕަސެންޓް ޓެރިފްއާ އެގައުމެއް ކުރިމަތިލާން ޖެހޭނެކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

ޑޮލަރުން ވިޔަފާރީގެ މުއާމަލާތްތައް ކުރުމަކީ އެމެރިކާއަށް އިގްތިސާދީ ގޮތުން އިންތިހާއަށް ފައިދާ ލިބޭ ކަމެކެވެ. އެމެރިކާއަަކީ އެގައުމަށް ލިބޭ އާމްދަނީ ގެ މިންވަރަށް ވުރެ ދަރަނީގެ މިންވަރު އެތަށް ޓްރިލިޔަން ޑޮލަރެއް އިތުރުވެފައިވާ ގައުމެކެވެ. އާމްދަނީ އާ ނުބައްދަލު ދަރަނި އެމެރިކާގައި އޮވެފައި ލިބޭ އެއްޗަކަށް ވުރެ ކުރާ ޚަރަދު އެތަށް ޓްރިލިޔަން ޑޮލަރަކުން އެމެރިކާގައި ގިނަ އިރުވެސް އެމެރިކާ ގެ އިގްތިސާދު އިނދަނުޖެހި އޮންނަނީ ދުނިޔޭގެ ރިޒާވް ފައިސާއެއްގެ ގޮތުގައި ޑޮލަރު އޮތުމުންނެވެ.

މިގޮތަށް މާލީ ނިޒާމު އޮތުމުން އެމެރިކާ ބޭނުންވަރަކަށް ޑޮލަރު ޖަހައިގެން އިގްތިސާދު ހިފެހެއްޓުމާއި ބެޖެޓް ފޫބެއްދުމުގެ ބާރު އެމެރިކާއަށް ލިބިގެން ދާތީއެވެ. އެހެން ނޫންނަމަ އެމެރިކާ ބަނގުރޫޓް ވުމަކީވެސް އެކަށީގެންވާ ކަމެެއްކަމަށް ތަޖުރިބާ ކާރުން ވިދާޅުވެެއެވެ. އެމެރިކާ ފިޔަވައި އެހެން ގައުމުތަކަށް މި ފުރުސަތެއް ނޯވެއެވެ.

އަނެއްކޮޅުން ޑޮލަރަކީ އެމެރިކާ ގައުމުތަކަށް އަދަބު ދިނުމަށް ސިޔާސީ ހަތިޔާރެއްގެ ގޮތުގައިވެސް ބޭނުންކުރާ އެއްޗެކެވެ.

އެހެންކަމުން ޑޮލަރުގެ ބަދަލުގައި އެހެން ފައިސާތަކުން ވިޔަފާރީގެ މުއާމަލާތް ކުރުން ދުނިޔޭގެ ލެވެލްގައި ގިނަ ވެއްޖެނަމަ އިގްތިސާދު ހިފެހެއްޓުމަށްޓަކައި ބޭނުންވަރަކަށް ޑޮލަރު ޗާޕް ކުރުމުގެ ފުރުސަތު އެމެރިކާއަށް ގެއްލިގެން ދާނެއެވެ. މިއީ އެމެރިކާއަށް ކެތްނުކުރެވޭ ވަރުގެ ވޭންދެނިވި ކަމެކެވެ.

ޗައިނާ ލީޑުކުރާ ބްރިކްސްގެ ގައުމުތަކުން ގެންދަނީ ޑޮލަރުގެ އިތުރުން ދުނިޔޭގެ ފެންވަރުގެ ވިޔަފާރީގައި ބޭނުންކުރާ ރިޒާވް އައު ކަރަންސީ އެއް އުފެއްދުމަށް މަސައްކަތް ކުރަމުންނެވެ. މިފައިސާ ކައިރި މުސްތަގްބަލެއްގައި ވުޖޫދަށް އަންނާނެއެވެ. މީގެއިތުރުން ބްރިކްސްގެ ގައުމުތަކުގެ މެދުގައި ހިނގާ ވިޔަފާރީގެ ބޮޑެތި ބައެއް މުއާމަލާތްތައް މިހާރުވަނީ ޑޮލަރުގެ ބަދަލުގައި އެގައުމުތަކުގެ ފައިސާއިންވެސް ކުރަން ފަށާފައެވެ. މިއީވެސް އެމެރިކާގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.

comment ކޮމެންޓް