ޗައިނާގެ އޭއައި ޚިދުމަތް 'ޑީޕްސީކް' ބޭނުންނުކުރުމަށް ޓައިވާނުން އަންގައިފި

ޑީޕްސީކުން ވަނީ މުޅި އޭއައި ދާއިރާ ސިއްސުވާލައިފައި --

ޗައިނާގެ އޭއައި ޚިދުމަތް 'ޑީޕްސީކް' ބޭނުންނުކުރުމަށް ޓައިވާނުން އަންގައިފިއެވެ.

ޓައިވާނުގެ ޑިޖިޓަލް މިނިސްޓްރީން ބުދަ ދުވަހު ވަނީ ސަރުކާރުގެ އިދާރާތަކުން ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޑީޕްސީކްގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޚިދުމަތް ބޭނުން ނުކުރުމަށް އަންގާފައެވެ. މިގޮތަށް އަންގާފައިވަނީ އެއީ ޗައިނާގެ އުފެއްދުމަކަށްވާތީ، ސަލާމަތީ ކަންބޮޑުވުންތަކެއް ހުރި ކަމަށް ބުނެއެވެ.

ޑިމޮކްރެޓިކް ވެރިކަމެއް އޮންނަ ޓައިވާނުން ވަނީ ކުރީއްސުރެ ޗައިނާގެ ޓެކްނޮލޮޖީއާ މެދު ފާރަވެރިވެފައެވެ. އެއީ ބެއިޖިންގުން ޓައިވާނަކީ އެ ޤައުމުގެ ބައެއް ކަމަށް ދަޢުވާކުރާތީއާއި، ތައިޕޭގައި އޮންނަ ސަރުކާރާ ދެކޮޅަށް އަސްކަރީ އަދި ސިޔާސީ ބިރުދެއްކުންތައް ދައްކަމުން އަންނާތީއެވެ.

ޓައިވާނުގެ ޑިޖިޓަލް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މަޢުލޫމާތުގެ ސަލާމަތަށް ހުރި ނުރައްކާތައް ހުއްޓުވުމަށްޓަކައި ސަރުކާރުގެ އިދާރާތަކުން ޑީޕްސީކްގެ އޭއައި ޚިދުމަތް ބޭނުންކުރުން މަނާކޮށްފައިވާ ކަމަށެވެ.

"ޑީޕްސީކްގެ އޭއައި ޚިދުމަތަކީ ޗައިނާގެ އުފެއްދުމެކެވެ. އަދި އޭގެ މަސައްކަތުގައި ބޯޑަރު ހުރަސްކޮށް މަޢުލޫމާތު ފޮނުވުމާއި މަޢުލޫމާތު ލީކުވުން ފަދަ މަޢުލޫމާތުގެ ސަލާމަތާ ގުޅޭ ކަންބޮޑުވުންތައް ހިމެނެއެވެ. އަދި އެއީ ޤައުމުގެ މަޢުލޫމާތުގެ ސަލާމަތަށް ނުރައްކާވާ އުފެއްދުމެކެވެ،" މިނިސްޓްރީން ބުނެފައިވެއެވެ.

އެ މިނިސްޓްރީން އިތުރަށް ބުނެފައިވަނީ ކަމާގުޅޭ ޓެކްނޮލޮޖީގެ ކުރިއެރުންތަކާ ގުޅޭގޮތުން އަޕްޑޭޓްވެ ތިބޭނެ ކަމަށާއި، ގައުމީ ސަލާމަތް ކަށަވަރުކުރުމަށްޓަކައި މަޢުލޫމާތުގެ ސަލާމަތާ ގުޅޭ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލުތައް ވަގުތުން ގެންނާނެ ކަމަށެވެ.

މީގެ ކުރިން ބުދަ ދުވަހު، ދެކުނު ކޮރެއާގެ މަޢުލޫމާތުގެ ޕްރައިވެސީއާ ބެހޭ ފަރާތުން ވެސް ބުނެފައިވަނީ ޑީޕްސީކުން ބޭނުންކުރާ މީހުންގެ އަމިއްލަ މަޢުލޫމާތު ބަލަހައްޓަނީ ކިހިނެއްތޯ އެ ކުންފުންޏާ ސުވާލުކުރަން ރާވާ ކަމަށެވެ.

ފްރާންސް، އިޓަލީ އަދި އަޔަލޭންޑް ފަދަ އެހެން ޤައުމުތަކުގެ އިދާރާތަކުން ވެސް ވަނީ ޑީޕްސީކުން އަމިއްލަ މަޢުލޫމާތު ބޭނުންކުރާ ގޮތާ ގުޅޭގޮތުން ބަލަމުން ގެންދާ ކަމަށް ބުނެފައެވެ.

އެމެރިކާގެ ވާދަވެރި ޗެޓްޖީޕީޓީއާ ވާދަކުރާ ޗައިނާގެ ޑީޕްސީކް އޭއައި އެސިސްޓެންޓް، އައި އޯއެސް އެޕްސްޓޯއިން ވަނީ ރެކޯޑް އަދަދަކަށް ޑައުންލޯޑް ކޮށްފައެވެ.

މިކަމުގެ ސަބަބުން ގްލޯބަލް އިންވެސްޓަރުން އެމެރިކާގެ ޓެކް ސްޓޮކްތައް ވިއްކާލުމާ ގުޅިގެން ޗިޕްތައް އުފައްދާ އެންވިޑިއާގެ މާކެޓް ވެލިއު އިން 593 ބިލިއަން ޑޮލަރުގެ ގެއްލުމާ ކުރިމަތިލާން ޖެހިފައި ވެއެވެ.

comment ކޮމެންޓް