ފުރަތަމަ ހާފުގައި އޮތީ ހުސް ލަނޑު؛ އާސެނަލް ދެވަނައަށް އަރައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލުން ވެސްޓް ހާމް ޔުނައިޓެޑް ބަލިކޮށް، ދެވަނައަށް ކުރިއަށް ޖެހިލައިފިއެވެ.

ވެސްޓް ހާމްގައި ކުޅުނު ލަންޑަން ޑާބީއެއްގެ ގޮތުގައި ފާހަގަކޮށްލެވިފައިވާ މި މެޗު އާސެނަލުން ކާމިޔާބުކޮށްފައިވަނީ 5-2 އިންނެވެ.

އާސެނަލުން ވަރަށް ފޯރިއާ އެކު ފެށި މި މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގައިފާވަނީ ވެސް އެ ޓީމުންނެވެ. މި ލަނޑު މެޗުގެ 10 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ގެބްރިއެލެވެ. މެޗުގެ 27 ވަނަ މިނެޓުގައި އާސެނަލްގެ ދެވަނަ ލަނޑު ޖަހައިދިނީ ލިއާންޑްރޯ ޓްރޮސާޑެވެ. މެޗުގައި އާސެނަލުން ކާމިޔާބުކުރި ތިންވަނަ ލަނޑު މެޗުގެ 34 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ކެޕްޓަން މާޓިން އޮޑެގާޑެވެ. މި ލަނޑު ޖެހިތާ ދެ މިނެޓު ފަހުން ކައި ހަވާޓްޒް ވަނީ އެ ޓީމުގެ ލީޑު އިތުރަށް ފުޅާކޮށްދީފައެވެ.

ދެން ފެނިގެންދިޔައީ ވަރަށް ގާތްގާތުގައި ވެސްޓް ހާމުން ދެ ލަނޑު ކާމިޔާބުކޮށް، އެ ޓީމުން ކޮންމެ ވެސް ވަރަކަށް ހިތްވަރު އާކުރި ތަނެވެ. މެޗުގެ 38 ވަނަ މިނެޓުގައި އާރޮން ވެން ބިސާކާ ވެސްޓް ހާމްގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިންއިރު ދެވަނަ ލަނޑު 40 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެމާސަންއެވެ.

އެކަމަކު، އާސެނަލުން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ލީޑު ފުޅާކޮށްފައެވެ. މި ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ފަސްވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބުކާޔޯ ސާކާއެވެ. މި ލަނޑާ އެކު މެޗުގެ ފުރަތަމަ ހާފު ވެގެންދިޔައީ ޕްރިމިއާ ލީގުގެ ތާރީޚުގައި ފުރަތަމަ ހާފުގައި ހަތް ލަނޑު ފެނުނު ހަތަރުވަނަ މެޗަށެވެ.

ދެވަނަ ހާފުގައި އާސެނަލުން ބޮޑަށް ބެލީ ލަނޑު ޖެހުމަށްވުރެ ލީޑާ އެކު އިތުރު ޕްރެޝަރެއް ނެތި މެޗު ނިންމާލުމަށެވެ.

މި ކާމިޔާބީއާ އެކު އާސެނަލް މިހާރުވަނީ ދެވަނައަށް ކުރިއަށް ޖެހިލާފައެވެ. އެއްވަނައިގައި އޮތް ލިވަޕޫލާ ދެމެދު މިހާރު އޮތީ ހަ ޕޮއިންޓްގެ ފަރަގެކެވެ. ނަމަވެސް، ލިވަޕޫލާ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ކުޅޭ މެޗު ލިވަޕޫލުން ކާމިޔާބުކޮށްފި ނަމަ އެ ޓީމަށް ނުވަ ޕޮއިންޓްގެ ލީޑެއް އަލުން ލިބޭނެއެވެ. ސިޓީން އެ މެޗު ކާމިޔާބުކޮށްފި ނަމަ އެޓީމަށް އަލުން ދެވަނައަށް އެރުމުގެ ފުރުސަތު ލިބޭނެއެވެ. މެޗުން ބަލިވުމާ އެކު ވެސްޓް ހާމް މިހާރު އޮތީ 15 ޕޮއިންޓާ އެކު 14 ވަނައިގައެވެ.

މި މުބާރާތުގައި ބްރެންޓްފަޑާއި ލެސްޓާ ސިޓީ ބައްދަލުކުރި މެޗު 4-1 އިން ކާމިޔާބުކޮށްފައިވަނީ ބްރެންޓްފަޑެވެ.

މި މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 21 ވަނަ މިނެޓުގައި ފަކުންޑޯ ބޮނަނޯޓޭ ކާމިޔާބުކޮށްދިން ލަނޑުން ލެސްޓާ ލީޑު ނެގި ނަމަވެސް ޔޮއާން ވީސާ ވަނީ އޭގެ ހަތަރު މިނެޓު ފަހުން ބްރެންޓްފަޑަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ. މި މެޗުގައި ބްރެންޓްފަޑްގެ ކެވިން ޝާޑަ ތިން ލަނޑު ޖަހައި ހެޓްރިކް ހެދިއެވެ.

މި ކާމިޔާބީއާ އެކު ބްރެންޓްފަޑް މިހާރު އޮތީ 20 ޕޮއިންޓާ އެކު ހަތްވަނައިގައެވެ. ލެސްޓާ އޮތީ 10 ޕޮއިންޓާ އެކު 16 ވަނައިގައެވެ. މެޗު ބަލާލުމަށްވަނީ ލެސްޓާގެ ކޯޗުކަމާ އަލަށް ހަވާލުވި ރޫޑް ވެން ނިސްޓެރޯއީ ގޮސްފައެވެ.

comment ކޮމެންޓް