އަބަދު ކަށިގޮއްވެނީތަ؟ އެއީ މައްސަލައެއްތަ؟

އިނގިލިން ކަށިގޮއްވުމަކީ ގިނަ މީހުންނަށް އެ ކަމާ ދުރަށްނުދެވޭ ވަރަށް ގައިގައި ހަރުލާފައި ހުންނަ އާދައެއް -- ފޮޓޯ/ސަފޯކްޓައިމްސް

ކަށިގޮއްވުމަކީ އަތުގެ އަދި ފައިގެ އިނގިލިތަކުގެ ބަދައިން އަޑުގޮވާ ގޮތަށް އިނގިލި ލެނބުމުން އިވޭ އަޑަށް ކިޔާ ނަމެކެވެ. އާންމުކޮށް ގިނައިން ފެންނާނީ އަތުގެ އިނގިލިން ކަށިގޮއްވާ މަންޒަރެވެ. ނަމަވެސް، ފައިގެ އިނގިލިތަކުން ކަށިގޮއްވުމުގެ އާދަވެސް ހުންނަ މީހުން މަދެއް ނޫނެވެ.

ބައެއް މީހުންނަށް ކަށިގޮއްވާ މަންޒަރު ބަލަން އުނދަގޫވާއިރު އިނގިލިން ކަށިގޮއްވުމަކީ ހަށިގަނޑުގެ ޖޮއިންޓްސްތަކަށް އޭގެ އަސަރުކުރާ ކަމެއް ކަމަށް ބައެއް މީހުން ބުނެއުޅޭ އަޑު އިވެއެވެ.

ޔުޓީ ހެލްތު އޯސްޓިންގެ މަސްކިއުލޯސްކެލެޓަލް އިންސްޓިޓިއުޓްގެ ލައިސަންސް ލިބިފައިވާ ފިޒިކަލް ތެރަޕިސްޓެއް ކަމުގައިވާ ބްރޭންޑަން ޑޯބެލް ބުނެފައިވާ ގޮތުގައި ކަށިގޮއްވުމާއި އާތުރައިޓްސްއާ ގުޅުން ހުންނަ ވާހަކަތައް އަޑުއިވިފައި ހުރި ނަމަވެސް ގިނަ ފަހަރަށް މީހުން ކަށިގޮއްވަނީ އަމިއްލައަށް ކަމަށެވެ.

އަމިއްލައަށް ކަށިގޮއްވުމަކީ ރައްކާތެރި ގޮތެއް ކަމަށާއި ގަދަބާރުން ކަށިތަކަށް ގެއްލުންވާ ގޮތަށް ކަށިނުގޮއްވާނަމަ އޭގައި މައްސަލައެއް އޮތް ކަމަށް ނުދެކޭ ކަމަށް ބްރެންޑަން ޑޯބެލް ވަނީ ބުނެފައެވެ.

ކަށިގޮއްވާއިރު އިވޭ އަޑަކީ އެ ވަގުތު ޖޮއިންޓްގައި ސައިނޯވިއަލް ދިޔަ އުފެދޭ އަޑު ކަމަށާއި މި ދިޔައިގެ ސަބަބުން ކަށިތަކުގެ ދެމެދުގައި އެއް ކަށި އަނެއް ކަށި އުނގުޅޭ އުނގުޅުން މަދުކޮށް ކާޓިލޭޖް ރައްކާތެރިކޮށްދެއެވެ.

ދިރާސާވެރިން ބުނާގޮތުގައި ކަށިގޮއްވުމަކީ ބައެއް މީހުން ހިތްހަމަޖައްސާލުމުގެ ގޮތުން ކޮށްލާ ކަމެއް ކަމަށް--ފޮޓޯ/ޔޫޓީހެލްތުއޮސްޓިން

ކަށިގޮއްވާ ވަގުތު ބަދައިގައި ބޮކިތަކެއް އުފެދި އެ އެކްޓިވޭޓްވާ ކަމަށާއި އެއީ ކަށިގޮއްވާ މީހުންނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް ބައެއް މާހިރުން ދެކެއެވެ. ގިނަ ބަޔަކު ކަށިގޮއްވަން ޝައުގުވެރިވާ ސަބަބު ދިރާސާވެރިންނަށް ހޯދާފައި ނެތް ނަމަވެސް މި އާދައާ ގުޅިގެން ލިބޭ ގެއްލުމާ ދެމެދު މާ ބޮޑު ގުޅުމެއްވާކަން ދިރާސާތަކުން ދައްކާފައެއް ނުވެއެވެ.

ކުރިން 1998 ގައި ދިރާސާވެރިޔާ ޑޮނަލްޑް އެލް އަންގަ، ވަނީ 50 އަހަރަށްވުރެ ދިގު މުއްދަތަކަށް އޭނާގެ ވައަތުގެ އިނިގިލިން ކަށިގޮއްވާފައި އޭގެ ތަޖުރިބާ ހިއްސާކޮށްފައެވެ. މި މުއްދަތުގެ ތެރޭ ޑޮނަލްޑް އެލް އަންގަ ދިޔައީ އިނގިލިތަކުން ކަށިގޮއްވަމުން އޭގެ ފޮޓޯތައް ވެސް ނަގަމުންނެވެ.

އޭގެ އަހަރުތަކެއް ފަހުން ބެލި ބެލުމުން އެނގުނު ގޮތުގައި އޭނާގެ ވާއަތާއި ކަށިނުގޮއްވާ ކަނާއަތާ ދެމެދު މާ ބޮޑު ފަރަގެއް ހުރިކަމަށް ފާހަގަނުކުރެވޭ ކަމަށް ވަނީ ބުނެފައެވެ.

އެ ކަމުން އެއްވެސް ގެއްލުމެއް ވެސް ލިބިފައި ހުރިކަން އެނގިފައި ނެތްއިރު މިއީ އެންމެ މީހެއްގެ ތަޖުރިބާއަށްވުމުން ކަށިގޮއްވުމަކީ ސީދާ ރައްކާތެރި ކަމެއްގެ ގޮތުގައި ނިންމެން ނެތް ކަމަށް ދިރާސާވެރިން ވަނީ ބުނެފައެވެ. ގިނަ ހާލަތްތަކުގައި ކަށިގޮއްވުމަކީ ގެއްލުމެއް ނެތް ކަމެއް ނަމަވެސް ބައެއް މީހުން އެ އާދަ ދޫކޮށްލަން ބޭނުންވެދާނެއެވެ.

ޔޫޓީ ހެލްތު އޮސްޓިންގެ މުލްވާ ކްލިނިކް ފޯ ދަ ނިއުރޯސައިންސްގެ އެޑަލްޓް ސައިކޭޓްރީގެ ލައިސަންސް ލިބިފައިވާ ސައިކޮލޮޖިސްޓެއް ކަމަށްވާ ގްރެގް މުލާ ބުނެފައިވާ ގޮތުގައި ކަށިގޮއްވުމުގެ ސަބަބުން މީހަކަށް އެއީ ވޭނެކޭ އިހުސާސްކުރެވި ނުވަތަ އެހެން މީހުންގެ ފަރާތުން އެކަމާ ގުޅިގެން ނުރުހުން ލިބޭނަމަ އެއީ އެ އާދަ ދޫކޮށްލަންވެއްޖެކަމުގެ ސިގްނަލެކެވެ.

comment ކޮމެންޓް