ވަޓްސްއެޕްގައި ފޯވާޑް މެސެޖުތަކަށް އަމިއްލަ މެސެޖު މިހާރު އިތުރުކުރެވޭނެ

ވަޓްސްއެޕް: ދުނިޔޭގެ އެންމެ މަޤުބޫލް އެއް މެސެޖިން ޕްލެޓްފޯމް

މެޓާ ކުންފުނީގެ ދަށުން ހިންގާ މެސެޖިން ޕްލެޓްފޯމް ވަޓްސްއެޕްގައި ފޯވާޑް ކުރާ މެސެޖުތަކަށް އަމިއްލަ މެސެޖެއް އިތުރުކުރެވޭ ގޮތް ތަޢާރަފުކޮށްފިއެވެ.

ވަޓްސްއެޕްގެ ބީޓާ ވާޝަންތަކާ ބެހޭ މަޢުލޫމާތު ފޯރުކޮށްދޭ ވެބްސައިޓް ވާބެޓާއިންފޯއިން ހާމަކޮށްފައިވާ ގޮތުގައި މި އައު ފީޗާ މެދުވެރިކޮށް ފޯވާޑް ކުރާ މެސެޖަކާއެކު އިތުރު މެސެޖެއް ފޮނުވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މިހާރު މި ފީޗާ ވަނީ އެންޑްރޮއިޑް ބީޓާ ވާރޝަން 2.24.25.3 ގައި ބޭނުންކުރެވެން ފަށާފައެވެ. އަދި ކުރިއަށް އޮތް ތަނުގައި ހުރިހާ ޔޫޒަރުންނަށް މި ފީޗަރ ތަޢާރަފުކުރެވޭނެ ކަމަށް ބެލެވެއެވެ.

ކުރިން މި ފަދަ ފީޗަރެއް ލިބެން ހުރީ ހަމައެކަނި ފޮޓޯ، ވީޑިއޯ އަދި ޖިފްތަކާ އެކުގައެވެ. ނަމަވެސް މި އައު އަޕްޑޭޓާ އެކު ޓެކްސްޓް މެސެޖު، ޑޮކިއުމަންޓް އަދި ލިންކްތަކާ އެކުވެސް އިތުރު މެސެޖެއް ފޮނުވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މީގެ ސަބަބުން ފޯވާޑް ކުރާ މެސެޖުތަކަށް އިތުރު ތަފްސީލު ނުވަތަ މަޢުލޫމާތު ފޯރުކޮށްދިނުމަށް ފަސޭހަވެގެންދާނެއެވެ.

މި ފީޗަރގެ ބޭނުން ހިފައިގެން ފޯވާޑް ނުކުރާ މެސެޖުތަކަށްވެސް އިތުރު މެސެޖެއް އެޓޭޗްކުރެވޭނެއެވެ. މިސާލަކަށް ޚަބަރެއްގެ ލިންކެއް ފޯވާޑްކުރާއިރު އެ ޚަބަރާ ގުޅޭ ގޮތުން އަމިއްލަ ޚިޔާލެއް ނުވަތަ ކުރު ޚުލާސާއެއް ހިމެނުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ވަޓްސްއެޕްގެ މި އައު ފީޗާ ތަޢާރަފުކުރުމާ އެކު ޔޫޒަރުންނަށް މުވާސަލާތުކުރުމުގައި އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

ވަޓްސްއެޕަކީ ދުނިޔޭގެ އެންމެ މަޤްބޫލު މެސެޖިންގ އެޕްލިކޭޝަންތަކުގެ ތެރެއިން އެއް އެޕްލިކޭޝަނެވެ. 2014 ވަނަ އަހަރު މެޓާ (ކުރީގެ ފޭސްބުކް) އިން ވަޓްސްއެޕް ގަތުމަށްފަހު، އެޕްލިކޭޝަނަށް ގިނަގުނަ ބަދަލުތަކެއް ގެނެސްފައިވެއެވެ. މީގެ ތެރޭގައި ސަލާމަތީ ފީޗާތަކާއި، ވިޔަފާރިތަކަށް ޚާއްޞަ ވަޓްސްއެޕް ބިޒްނަސް، އަދި ވީޑިއޯ އަދި ވޮއިސް ކޯލްތައް ހިމެނެއެވެ.

ވަޓްސްއެޕްގެ މަޤްޞަދަކީ ބޭނުންކުރާ ފަރާތްތަކަށް ފަސޭހަ، ރައްކާތެރި އަދި އިތުބާރުހުރި މުވާސަލާތީ ވަސީލަތެއް ފޯރުކޮށްދިނުމެވެ. މިގޮތުން، ކުންފުނިން ގަވާއިދުން އެޕްލިކޭޝަނަށް އައު ފީޗަރތައް ތަޢާރަފުކުރަމުން ގެންދެއެވެ.

comment ކޮމެންޓް