ޔުއޭފާ ޔޫރޮޕާ ލީގުގެ ލީގު ފޭސްގައި އެތުލެޓިކް ބިލްބާއޯއިން އައިއެފްއެލްފްސްބޯގް ބަލިކޮށް އެއްވަނައިގައި އޮތް ލާޒިއޯއާ އަރާ ހަމަކޮށްފިއެވެ.
ބިލްބާއޯގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ 3-0 އިންނެވެ.
ބިލްބާއޯއިން ކާމިޔާބުކުރި ފުރަތަމަ ލަނޑު ހަވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ އަޑަމާ ބޮއިރޯއެވެ. ދެވަނަ ލަނޑު ޖަހައި އެ ޓީމުގެ ލީޑު ފުޅާކޮށްދިނީ ބެނާޓު ޕްރަޑޯސް މެޗުގެ 24 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިން ލަނޑުންނެވެ. ފަހު ލަނޑު މެޗުގެ 53 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ގޯކާ ގުރުޒޭޓާއެވެ.
މެޗުގައި އެލްފްސްބޯގަށް މާ އެދެވޭ ކުޅުމެއް ދެއްކޭގޮތެއްނުވިއެވެ. ބިލްބާއޯގެ ގޯލަށް އަމާޒުކޮށް އެންމެ ހަމަލާއެއް ވެސް ފޮނުވާލެވިފައެއް ނުވެއެވެ.
މި ކާމިޔާބީއާ އެކު ބިލްބާއޯ ވަނީ ކުޅުނު ފަސް މެޗުން ލިބިފައިވާ 13 ޕޮއިންޓާ އެކު ދެވަނައަށް ކުރިއަށް ޖެހިލާފައެވެ. އެއީ، އެއްވަނައިގައި އޮތް ލާޒިއޯއާ އެއް ވަރަށް ޕޮއިންޓް ލިބި ނަމަވެސް ފައިދާ ގޯލަށް ބަލާއިރު ލާޒިއޯއަށް ކުރި ލިބޭތީއެވެ. އެލްފްސްބޯގު އޮތީ ހަތަރު ޕޮއިންޓާ އެކު 28 ވަނައިގައެވެ.
މި މުބާރާތުގައި ފެނަބާޗޭއާއި ސްލާވިއާ ޕްރާހާ ބައްދަލުކުރި މެޗު ރަށުން ބޭރުގައި 2-1 އިން ކާމިޔާބުކޮށްފައިވަނީ ފެނަބާޗޭއެވެ.
މެޗުގެ ފުރަތަމަ ލަނޑު ހަތްވަނަ މިނެޓުގައި ޓޯމަސް ޗޯރީ ކާމިޔާބުކޮށްދިން ނަމަވެސް ފެނަބާޗޭއިން ވަނީ 35 ވަނަ މިނެޓުގައި އެޑިން ޖެކޯ އަދި 85 ވަނަ މިނެޓުގައި ޔޫސުފް އެން ނެސިރީ ކާމިޔާބުކޮށްދިން ލަނޑުން މެޗުގެ ލީޑު ނަގައި މެޗު ކާމިޔާބުކޮށްފައެވެ.
މި ކާމިޔާބީއާ އެކު ފެނަބާޗޭ މިހާރު އޮތީ ކުޅުނު ފަސް މެޗުން ލިބިފައިވާ އަށް ޕޮއިންޓާ އެކު 15 ވަނައިގައެވެ. ސްލާވިއާ ޕްރާހާ އޮތީ ހަތަރު ޕޮއިންޓާ އެކު 26 ވަނައިގައެވެ.