އަމޮރިމްގެ ކޯޗުކަމުގައި ފުރަތަމަ މޮޅު؛ ބޯޑޯ ގްލިމްޓް އަތުން ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

ޔުއޭފާ ޔޫރޮޕާ ލީގުގެ ލީގު ފޭސްގައި މެންޗެސްޓާ ޔުނައިޓެޑުން ބޯޑޯ ގްލިމްޓް ބަލިކޮށް، ޔުނައިޓެޑްގެ އާ ކޯޗު ރުބެން އަމޮރިމްގެ ކޯޗުކަމުގެ ދަށުން އެ ޓީމު ފުރަތަމަ މެޗު ކާމިޔާބުކޮށްފިއެވެ.

ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ 3-2 އިންނެވެ.

މެޗު ވެގެންދިޔައީ ޔުނައިޓެޑްގެ ކުޅުންތެރިންނާއި ސަޕޯޓަރުންގެ އިތުރުން އާ ކޯޗު އަމޮރިމް ވެސް ނޭވާ ހިފަހައްޓާލައިގެން ހުންނަންޖެހޭ ވަގުތުތައް ހީކުރި ވަރަށް ވުރެ ގިނައިން އައި މެޗަކަށެވެ. ޔުނައިޓެޑުން ފެށީ ވަރަށް ފޯރީގައެވެ. މެޗުގެ ފުރަތަމަ މިނެޓުގައި މެޗުގެ ލީޑު އެ ޓީމަށް ނެގުން ވެގެންދިޔައީ އަމޮރިމްގެ ކޯޗުކަމުގެ ދަށުން އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ މެޗުގައި ހުވަފެނީ ފެށުމަކަށެވެ.

ބޯޑޯގެ ޑިފެންސްގައި ހެދުނު ގޯހެއްގެ ފައިދާ ނަގައި މި ލަނޑު ޔުނައިޓެޑަށް ކާމިޔާބުކޮށްދިނީ އަލެހަންޑްރޯ ގެނާޗޯއެވެ. މި ލަނޑާ އެކު ޔުނައިޓެޑުން މެޗު ކޮންޓްރޯލްކޮށް، ހަމަލާ އުފައްދަމުންދިޔަ ނަމަވެސް ބޯޑޯއިން ވަނީ ޑިފެންސްކުރުމާ އެކު ލިބޭ ފުރުސަތުތަކުގައި ކުރިއަށް އަރައި ޔުނައިޓެޑަށް ނުރައްކާކުރަން މަސައްކަތްކޮށްފައެވެ.

މެޗުގެ 19 ވަނަ މިނެޓުގައި ބޯޑޯއިން އުފެއްދި ކައުންޓާ އެޓޭކެއްގައި އެ ޓީމުންވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހަކޯން އެވްޔެންއެވެ. މި ލަނޑު ކާމިޔާބުކުރިތާ ހަތަރު މިނެޓު ފަހުން ފިލިޕް ޒިންކާނާގެލްވަނީ ބޯޑޯގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދީ ގިނަ ބަޔަކަށް ސިހުން ގެނުވާފައެވެ.

މެޗުގައި ޔުނައިޓެޑުން ކާމިޔާބުކުރި ދެވަނަ ލަނޑު ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ކާމިޔާބުކޮށްދީ މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ ފޯވަޑް ރަސްމުސް ހޮއިލުންޑެވެ.

މެޗުން ޔުނައިޓެޑް މޮޅުވި ލަނޑު ދެވަނަ ހާފުގެ ކުޅުން ފެށިތާ ފަސް މިނެޓު ފަހުން ކާމިޔާބުކޮށްދީފައިވަނީ ވެސް ހޮއިލުންޑެވެ. މެޗުގައި ޔުނައިޓެޑަށް އެ ޓީމުގެ ލީޑު ފުޅާކުރާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް އެއިން އެއްވެސް ފުރުސަތެއްގެ ބޭނުން އެ ޓީމަށް ހިފޭގޮތެއް ނުވިއެވެ.

މި ކާމިޔާބީއާ އެކު ޔުނައިޓެޑް މިހާރު އޮތީ ނުވަ ޕޮއިންޓާ އެކު 12 ވަނައަށް ކުރިއަށް ޖެހިލާފައެވެ. ބޯޑޯ އޮތީ ހަތް ޕޮއިންޓާ އެކު 17 ވަނައިގައެވެ.

މުބާރާތުގައި ރެއާލް ސޮސިއެޑާޑާއި އަޔެކްސް ބައްދަލުކުރި މެޗު އަމިއްލަ ދަނޑުގައި 2-0 އިން ކާމިޔާބުކޮށްފައިވަނީ ސޮސިއެޑާޑުންނެވެ. މެޗުގައި ސޮސިއެޑާޑުން ކާމިޔާބުކުރި ދެ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ އެންޑާ ބަރެނެޓްޒިއާއާއި ޓަކެފޫސާ ކޫބޯއެވެ.

މި ކާމިޔާބީއާ އެކު ސޮސިއެޑާޑް ހަތް ޕޮއިންޓާ އެކު 16 ވަނައިގައި އޮތްއިރު އަޔެކްސް އޮތީ 10 ޕޮއިންޓާ އެކު ހަވަނައިގައެވެ.

comment ކޮމެންޓް