ޔުއޭފާ ޗެމްޕިއަންސް ލީގުގެ ލީގު ފޭސްގައި ޑަޗް އެރެޑިވިސީގެ ޕީއެސްވީން ޔޫކްރޭނިއަން ޕްރިމިއާ ލީގުގެ ޝަކްޓާ ޑޮނެސްކް ބަލިކޮށްފިއެވެ.
ޕީއެސްވީގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ އެންމެ ފަހު ވަގުތު ކާމިޔާބުކުރި ތިން ލަނޑާ އެކު 3-2 އިންނެވެ.
ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޕީއެސްވީންނެވެ. ނަމަވެސް, މެޗުގެ ފެށުން ރަނގަޅުވީ ޝާކްޓާގެއެވެ. މިގޮތުން, މެޗުގެ އަށްވަނަ މިނެޓުގައި އުފެއްދި ހަމަލާއެއްގައި ޝަކްޓާއިން ވަނީ މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑެނީލޯ ސިކާންއެވެ. މެޗުގެ 37 ވަނަ މިނެޓުގައި އޮލެކްސަންޑްރާ ޒުބްކޯވް ކާމިޔާބުކޮށްދިން ލަނޑާ އެކު ޝަކްޓާއިން ދެ ލަނޑުގެ ލީޑެއް ނެގިއެވެ.
މެޗުގެ 69 ވަނަ މިނެޓުގައި ޝަކްޓާގެ ޕެޑްރޯ ހެންރީކޭއަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލިވެ. ޕީއެސްވީގެ ފުރަތަމަ ލަނޑު ޖަހައިދީ އެ ޓީމަށް ހިތްވަރު އާކޮށްދިނީ މެޗު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް މަލިކް ޓިލްމަން ކާމިޔާބުކޮށްދިން ލަނޑުންނެވެ. މި ލަނޑު ޖެހިތާ ތިން މިނެޓު ފަހުން ޓިލްމަންވަނީ އިތުރު ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ. މެޗުން ޕީއެސްވީ މޮޅުވި ލަނޑު މެޗުގެ އިތުރު ވަގުތުގެ ފަސްވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ރިކާޑޯ ޕެޕީއެވެ.
މި ކާމިޔާބީއާ އެކު ޕީއެސްވީ މިހާރު އޮތީ އަށް ޕޮއިންޓާ އެކު 18 ވަނައިގައެވެ. ޝަކްޓާ އޮތީ ހަތަރު ޕޮއިންޓާ އެކު 26 ވަނައިގައެވެ.
މި މުބާރާތުގައި ސާބިއަން ސުޕާ ލީގާގެ ކްރެވެނާ ޒުވެޒްޑާއާއި ޖަރުމަނު ބުންޑެސްލީގާގެ ވީއެފްބީ ޝުޓުޓްގާޓް ބައްދަލުކުރި މެޗު ގިނަ ބަޔަކު ހީކުރި ގޮތާ ހިލާފަށް 5-1 ގެ ބޮޑު ތަފާތަކުން ކާމިޔާބުކޮށްފައިވަނީ ކްރެވެނާއިންނެވެ.
ކްރެވެނާގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ލަނޑު ޝުޓުޓްގާޓްގެ އެރްމެޑީން ޑެމިރޮވިޗް ކާމިޔާބުކުރި ނަމަވެސް ކްރެވެނާއިން ވަނީ ފަހަތުން އަރައި ފަސް ލަނޑު ކާމިޔާބުކޮށްފައެވެ. މެޗުގައި އެ ޓީމުގެ ލަނޑުތައް ކާމިޔާބުކޮށްދީފައިވަނީ ސުލާސް، ރާޑޭ ކްރުނިޗް، މިރްކޯ އިނާވިޗް އަދި ނެމެންޔާ ރަޑޮންޔިޗް ދެ ލަނޑެވެ.
މި ފަހަރުގެ މުބާރާތުގައި ހޯދުނު ފުރަތަމަ ކާމިޔާބީއާ އެކު ކްރެވެނާ މިހާރު އޮތީ 31 ވަނައިގައެވެ. ޝުޓުޓްގާޓް އޮތީ ހަތަރު ޕޮއިންޓާ އެކު 27 ވަނައިގައެވެ.
މީގެ އިތުރުން، އޮސްޓްރިއަން ބުންޑެސްލީގާގެ ސްޓާމް ގްރާޒާއި ސްޕެނިޝް ލަލީގާގެ ޖިރޯނާ ބައްދަލުކުރި މެޗު 1-0 އިން ކާމިޔާބުކޮށްފައިވަނީ ސްޓާމް ގްރާޒެވެ. މެޗުގައި އެ ޓީމުގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދީފައިވަނީ މީކާ ބިއަރެތުއެވެ.
މި ކާމިޔާބީއާ އެކު ސްޓާމް ގްރާޒް އޮތީ ތިން ޕޮއިންޓާ އެކު 29 ވަނައިގައެވެ. ޖިރޯނާ އޮތީ ތިން ޕޮއިންޓާ އެކު 30 ވަނައިގައެވެ.