ޔުއޭފާ ޗެމްޕިއަންސް ލީގުގެ ލީގު ފޭސްގައި ތާވަލުގެ އެއްވަނައިގައި އޮތް އިނގިރޭސި ޕްރިމިއާ ލީގުގެ ލިވަޕޫލާއި އެންމެ ފަހުގެ ޗެމްޕިއަން ސްޕެނިޝް ލަލީގާގެ ރެއާލް މެޑްރިޑް ބައްދަލުކުރި މެޗު ކާމިޔާބުކޮށް، ސައްތައިން ސައްތަ ރިކޯޑް ލިވަޕޫލުން ދަމަހައްޓައިފިއެވެ.
ލިވަޕޫލްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ 2-0 އިންނެވެ.
ލިވަޕޫލުން މޮޅު ކުޅުމެއް ދެއްކި މި މެޗުގައި ރެފްރީގެ ފުރަތަމަ ކަށިގަނޑާ އެކު އެ ޓީމުން އާންމުކޮށް، ކުޅޭ ހަލުވިކަމާ އެކު ކުރިއަށް އަރާ ހަމަލާދިނުން ފެނިގެންދިޔައެވެ. މެޗުގައި ރެއާލުން ގިނައިރު ޖެހުނީ ޑިފެންސަށް އިސްކަން ދޭށެވެ.
ފުރަތަމަ ހާފުގައި ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް ލިވަޕޫލުން ވަނީ ދެ ފަހަރެއްގެ މަތިން ލަނޑެއް ޖެހުމާ ވަރަށް ގާތަށް ގޮސްފައެވެ. ފުރަތަމަ ހާފުގެ ކުރީކޮޅު ރެއާލްގެ ޑިފެންޑަރު ރައުލް އެސެންސިއޯވަނީ އެ ޓީމުގެ ގޯލް ރޮނގުމަތިން އެއް ހަމަލާ ދިފާއުކޮށްފައެވެ. އަދި، ޑާވިން ނޫނޭޒަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ދެ ފުރުސަތެއް ލިބުނެވެ.
ފުރަތަމަ ލަނޑު މެޗުގެ 52 ވަނަ މިނެޓުގައި ލިވަޕޫލަށް ކާމިޔާބުކޮށްދީ ލީޑު ނަގައިދިނީ އެލެކްސިސް މެކްއެލިސްޓާއެވެ. މި ލަނޑާ އެކު މުޅި ދަނޑު އެއް އަޑަކުން ގުގުމައިގެން ދިޔައިރު ރެއާލްގެ ހާސްކަން އިތުރުވިއެވެ. ނަމަވެސް، މި ލަނޑު ކާމިޔާބުކުރިތާ ހަތް މިނެޓު ފަހުން ރެއާލަށްވަނީ މެޗުގެ ނަތީޖާ ހަމަހަމަކުރާނެ ރަނގަޅު ފުރުސަތެއް ލިބިފައެވެ.
ލިވަޕޫލްގެ އެންޑީ ރޮބާޓްސަން ރެއާލްގެ ލޫކަސް ވަޒަކުއޭޒަށް ފައުލް ކުރުމާ ގުޅިގެން ރެއާލަށް ޕެނަލްޓީއެއް ލިބިގެން ދިޔަ ނަމަވެސް ކިލިއަން އެމްބާޕޭ ފޮނުވާލި ޕެނަލްޓީ ވަނީ ލިވަޕޫލްގެ ކީޕަރު ކައޮއިމްހިން ކެލެހާ ދިފާއުކޮށްފައެވެ.
މެޗުގައި ލިވަޕޫލަށް ވެސް ޕެނަލްޓީއެއް ލިބުނެވެ. ނަމަވެސް، 70 ވަނަ މިނެޓުގައި މުހައްމަދު ސަލާހް ޖެހި ޕެނަލްޓީ ދިޔައީ ގޯލް ދަނޑި ކައިރިން ބޭރަށެވެ. މެޗުގައި ލިވަޕޫލްގެ ދެވަނަ ލަނޑު މެޗުގެ 76 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިޔާ ކޯޑީ ގަކްޕޯއެވެ.
މި ކާމިޔާބީއާ އެކު ލިވަޕޫލުން ވަނީ މުބާރާތުގައި ފުރަތަމަ ފަހަރަށް ރެއާލްގެ މައްޗަށް ކުރި ހޯދާފައެވެ. މީގެ ކުރިން ވާދަކުރި އަށް ފަހަރު ވެސް ލިވަޕޫލަށް ކާމިޔާބު ހޯދިފައެއް ނުވެއެވެ. މީގެ ތެރޭގައި ދެ ފައިނަލް މެޗު ވެސް ހިމެނެއެވެ.
ލިވަޕޫލް މިހާރު އޮތީ 15 ޕޮއިންޓާ އެކު ތާވަލުގެ އެއްވަނައިގައެވެ. ރެއާލް އޮތީ ފަސް މެޗުން ލިބިފައިވާ ހަ ޕޮއިންޓާ އެކު 24 ވަނައިގައެވެ. މިހާތަނަށް ކުޅުނު ފަސް މެޗުގެ ތެރެއިން ތިން މެޗުން ރެއާލް ވަނީ ބަލިވެފައެވެ. މި މެޗުގައި ވިނީޝިއަސް ޖޫނިއާއަށް އަނިޔާގެ ސަބަބުން ނުކުޅެވުނުއިރު ކިލިއަން އެމްބާޕޭ ފެނިގެންދިޔައީ ވަރަށް ބޮޑަށް ފޯމް ގެއްލިފައިވި ކުޅުންތެރިއެއްގެ ގޮތުގައެވެ.
މި މުބާރާތުގައި އިނގިރޭސި ޕްރިމިއާ ލީގުގެ އެސްޓަން ވިލާއާއި އިޓަލިއަން ސެރީއާގެ ޖުވެންޓަސް ބައްދަލުކުރި މެޗު އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުނުކުރެވި ނިމުނީ އެއްވަރުވެގެންނެވެ.
ވިލާގެ ދަނޑުގައި ކުޅުނު މި މެޗުގައި ގިނައިރު ޔޫވޭއިން ބޯޅަ ގެންގުޅުނުއިރު ގިނަ ހަމަލާ އުފެއްދިތަން ފެނިގެންދިޔައީ ވިލާއިންނެވެ. ނަމަވެސް، ދެ ޓީމަށް ވެސް މެޗުގައި ލަނޑެއް ކާމިޔާބުކުރެވޭގޮތެއްނުވިއެވެ. މި ނަތީޖާއާ އެކު ވިލާ މިހާރު އޮތީ 10 ޕޮއިންޓާ އެކު ނުވަވަނައިގައެވެ. ޔޫވޭ އޮތީ އަށް ޕޮއިންޓާ އެކު 19 ވަނައިގައެވެ.