އަންނަ އަހަރުގެ އަމާޒަކީ ވޯލްޑް ޓްރެވެލް އެވޯޑްސްގައި ގިނަ ކެޓަގަރީތަކަކުން ވާދަކޮށް މަދުވެގެން 15 އެވޯޑު ހާސިލްކުރުން ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެއެވެ.
ވޯލްޑް ޓްރެވެލް އެވޯޑްސްގައި ރާއްޖެއަށް ވިދިވިދިގެން ފަސް ވަނަ ފަހަރަށް މި އަހަރު ލީޑިން ޑެސްޓިނޭޝަންގެ އެވޯޑު ލިބުމާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައިސަލް ވިދާޅުވީ އަންނަ އަހަރު ވެސް އެ މުބާރާތުން ގިނަ އެވޯޑުތަކެއް ކާމިޔާބު ކުރުމުގެ ފުރުސަތު އޮތް ކަމަށެވެ.
އަޅުގަނޑުމެން މި އަންނަ އަހަރު އަމާޒަކީ 15 ނުވަތަ ވިއްސަކަށް އެވޯޑު ހާސިލްކުރުމަށް މަސައްކަތް ކުރުން އެމްއެމްޕީއާރުސީ އަދި އިންޑަސްޓްރީއާ ގުޅިގެންޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް

ވޯލްޑް ޓްރެވަލް އެވޯޑްސްއިން ރާއްޖެއިން ކާމިޔާބުކުރި ވޯލްޑް ލީޑިން ޑެސްޓިނޭޝަން އަދި ވޯލްޑް ލީޑިން ގްރީން ގްރީން ޑެސްޓިނޭޝާންގެ އެވޯޑް --- ސަން ފޮޓޯ/ އިބްރާހިމް ނާއިޝް
އޭނާ ވިދާޅުވީ މިއަހަރުގެ އެވޯޑް ހަފުލާގައި ލިބުނު ކާމިޔާބީއަށް ރައީސް ޑރ. މުޙައްމަދު މުއިއްޒުއަށް މަރުހަބާ ދަންނަވާ ކަމަށާއި ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް އެ މަނިކުފާނު ދެއްވާ އަހައްމިއްޔަތުކަމާއި އިރުޝާދަކީ މި ކާމިޔާބީގެ އަސްލު ކަމަށެވެ.
ފައިސަލް ވަނީ މި ލިބުނު ކާމިޔާބީއާ ގުޅިގެން ހޮސްްޕިޓާލިޓީ ދާއިރާއާއި މުޅި ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރާ އެންމެންނަށް ވެސް އިޚުލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވާ ކަމަށް ވިދާޅުވެފައެވެ.

މިނިސްޓަރު ފައިސަލް: ވޯލްޑް ޓްރެވަލް އެވޯޑްސްއިން ރާއްޖެއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވުނު ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ އިބްރާހިމް ނާއިޝް
ރައީސްގެ އަމާޒަކީ މި އަހަރު ދެ މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުންކަން ފާހަގަކުރައްވައި ފައިސަލް ވިދާޅުވީ މި އަހަރުގެ މިހާތަނަށް 1،815،000 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ، އަންނަ މަހުގެ 25 ވަނަ ދުވަހަށް ދެ މިލިއަން ފަތުރުވެރިވާނެ ކަމަށް ތަފާސްހިސާބުން އަންދާޒާކުރެވޭ ކަމަށެވެ.

ވޯލްޑް ޓްރެވަލް އެވޯޑްސްއިން ރާއްޖެއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވުނު ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ އިބްރާހިމް ނާއިޝް
އަޅުގަނޑުމެން އިރާދަކުރެއްވީޔާ އެމްއެމްޕީއާރުސީއާ އަދި ހަމަ މުޅި އިންޑަސްޓްރީގެ އިރުޝާދާއެކުގައި އެބޭފުޅުންގެ ކޮންސާންތައް އަޑުއަހައިގެން އިތުރަށް ކުރަން ޖެހޭ މަސައްކަތްތައް ކުރާނަންޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް
ވޯލްޑް ލީޑިން ޑެސްޓިނޭޝަންގެ އިތުރަށް ރާއްޖެއިން މިއަހަރު ވަނީ އިތުރު އަށް ކެޓަގަރީއަކުން އެވޯޑް ހާސިލް ކޮށްފައެވެ. އޭގެތެރޭގައި ހިމެނެނީ:
- ވޯލްޑްސް ލީޑިން ގްރީން ޑެސްޓިނޭޝަން - ދިވެހިރާއްޖެ
- ވޯލްޑްސް ލީޑިން ސީޕްލޭން އޮޕަރޭޓާރ 2024 - ޓްރާންސް މޯލްޑިވިއަން އެއާވޭސް
- ވޯލްޑްސް ލީޑިން އެއާޕޯޓް ރިސޯޓް 2024 - ހުޅުލެ އައިލެންޑް ހޮޓެލް، ދިވެހިރާއްޖެ
- ވޯލްޑްސް ލީޑިން ލަގްޒަރީ ހަނީމޫން ރިސޯޓް 2024 - ވަކަރު މޯލްޑިވްސް
- ވޯލްޑްސް ލީޑިން ލަގްޒަރީ އައިލެންޑް ރިސޯޓް 2024 - ދަ ސެއިންޓް މޯލްޑިވްސް ވޮއްމުލި ރިސޯޓް
- ވޯލްޑްސް ލީޑިން ޕްރައިވެޓް އައިލެންޑް ރިސޯޓް 2024 - ވެލާ ޕަރައިވެޓް އައިލެންޑް، ދިވެހިރާއްޖެ
- ވޯލްޑްސް ލީޑިން ވޯޓާ ވިލާ ރިސޯޓް 2024 - އެމެރަލްޑް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާ
ދުނިޔޭގެ ޓޫރިޒަމްއާއި ދަތުރުފަތުރުގެ ސިނާއަތުގައި ފާހަގަކޮށްލެވޭ ޝަރަފުތައް ރަމްޒުކޮށްދޭ ވޯލްޑް ޓްރެވަލް އެވޯޑްސްއަކީ 1993 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ ފެންވަރުގައި ދަތުރުފަތުރާއި ޓޫރިޒަމްގެ ހުރިހާ ދާއިރާއަކުން ހޯދާފައިވާ ކާމިޔާބީތައް ފާހަގަކޮށް އަގުވަޒަން ކުރުމަށް ދޭންފެށި އެވޯޑެކެވެ.