ނ. ހޮޅުދޫގައި ބޮޑެތި ޒަޚަމްތަކަކާއެކު މަރުވެފައި އޮއްވައި ފެނުނު 50 އަހަރުގެ ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައިގައި ތަހުގީގު ފުރިހަމަ ކުރުމަށް އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ޒަކިއްޔާ މަރުވެފައި އޮއްވައި ފެނުނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 10ވަނަ ދުވަހުގެ ހެނދުނެވެ. އެހެންވެ، ހަމަ އެދުވަހު މާލޭން އެ މަރުގެ ތަހުގީގަށް ފުލުހުންގެ ޓީމެއް ދިޔައެވެ. އަދި ހަމަ އެެ ރޭގެ ވަގުތެއްގައި އިތުރު ތަހުގީގުތަކަށް އޭނާގެ ހަށިގަނޑު މާލެ ގެނައެވެ. ނަމަވެސް، ޕޯސްޓްމޯޓަމް ނަހަދައި، އެރަށަށް ފޮނުވާލައި ހޮޅުދޫގައި ވަނީ ޒަކިއްޔާގެ ހަށިގަނޑު ވަޅުލާފައެވެ.
ޒަކިއްޔާގެ މަރަށް ދެ މަހަށްވުރެ ގިނަ ދުވަސްވެފައިވާއިރު، އެ މައްސަލައިގެ ތަހުގީގު ލަސްވާތީ ހޮޅުދޫގެ ރައްޔިތުން އިއްޔެ ވަނީ އެކަމުގައި ހުރި ކަންބޮޑުވުން ފާޅުކޮށް އެއްވުމެއް ބާއްވާފައެވެ.
އެ އެއްވުމުގައި ހޮޅުދޫގެ ރައްޔިތުން ވަނީ ޒަކިއްޔާ މަރުވީ އަމިއްލައަކަށް ނޫން ކަމަށް ބުނެ ތަހުގީގު އަވަސް ކުރަން ގޮވާލާފައެވެ. އަދި، އެމީހުން ވަނީ ޒަކިއްޔާގެ މަރާ ގުޅިގެން ހެދި ތަހުލީލީ ރިޕޯޓުތައް ވެސް އާންމު ކުރުމަށް ގޮވައިލައިފައެވެ.

ޒަކިއްޔާގެ މަރުގެ މައްސަލަ އަވަސްކުރަން ގޮވާލައި ހޮޅުދޫގައި ބޭއްވި އެއްވުމުގެ ތެރެއިން: އެ ތަހުގީގު ފުރިހަމަ ކުރަން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައި --- ފޮޓޯ/ އަރީޝާ، ފޭސްބުކް
މި މައްސަލައާ ގުޅޭ ގޮތުން ސުވާލުކުރުމުން ފުލުހުން "ސަން"އަށް ބުނީ، ތަހުގީގު ފުރިހަމަ ކުރުމަށް އިތުރަށް ބަލަން ޖެހޭ ކަންތައްތަކެއް ބަލަމުން އަންނަ ކަމަށެވެ. މައްސަލައާ ގުޅިގެން އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާކުރަން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނެ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
ޒަކިއްޔާ މަރުވެފައި އޮއްވައި ކަރުން ޒަޚަމްތަކެއް ފެނުނުއިރު އޭނާގެ ކައިރި ވަޅިއެއް ވެސް އޮތްކަމަށް މީގެކުރިން "ސަން"އަށް މައުލޫމާތު ދިން ހޮޅުދޫ މީހަކު ވަނީ ބުނެފައެވެ.
މި ހާދިސާއާ ގުޅިގެން އެއްވެސް މީހަކަށް ޝައްކުކުރެވޭކަމަށް އަދި ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.