މަސްތުވާތަކެތީގެ ގާނޫނަށް އިސްލާހު ގެނައުމަށް މި ހަފުތާތެރޭ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، ގޭންގު ކުށްތަކުގެ ބިލު ވެސް ދެ ހަފުތާތެރޭ މަޖިލީހަށް ހުށަހަޅާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، މަސްތުވާތަކެތީގެ ވަބާއިން ރާއްޖެ ސަލާމަތްކުރުމަށް އިދާރާތަކުން ކުރާ މަސައްކަތަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ މިހާރު އަމަލުކުރަމުންދާ މަސްތުވާތަކެއްޗާބެހޭ ގާނޫނުގައި ހުރި ބައެއް އުނިކަންކަން ކަމަށެވެ.
އެހެންކަމުން، މަސްތުވާތަކެތީގެ މައްސަލަތައް ތަހުގީގުކޮށް، ދައުވާކުރުމުގައި ހުރި ގޮންޖެހުންތައް ނައްތާލުމަށް ޓަކައި، ދައުލަތުގެ ކަމާގުޅުންހުރި އިދާރާތަކުގެ މަޝްވަރާއާއެކު މަސްތުވާތަކެއްޗާބެހޭ ގާނޫނު ރިވިއުކުރުމަށްފަހު، އެ ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް މި ހަފުތާތެރޭ ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާނެކަމަށް އެ ޕޯސްޓުގައި ވެއެވެ.
"ހަމައެއާއެކު، މަސްތުވާތަކެތީގެ މައްސަލަތަކާ ވަރަށް ބޮޑަށް ގުޅިފައިވާ ގޭންގު ކުށްތަކުގެ މައްސަލައިން ދިވެހި ގައުމު ރައްކާތެރިކޮށް ސަލާމަތްކުރުމަށް ޓަކައި، މިހާރު އަމަލު ކުރަމުން އަންނަ ގޭންގު ކުށްތައް މަނާކުރުމުގެ ގާނޫނުގެ ބަދަލުގައި، މިސަރުކާރުގެ ފަރާތުން އަލަށް އެކުލަވާލަމުންދާ ގޭންގު ހަދައިގެން ކުރާ ކުށްތައް މަނާކުރުމުގެ ބިލު ކުރިޔަށް އޮތް ދެ ހަފްތާ ތެރޭގައި ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާނެ،" އެ ޕޯސްޓުގައި ވެއެވެ.
ރައީސް ވަނީ މިފަދަ ބޮޑެތި މައްސަލަތަކަށް ދާއިމީ ހައްލެއް ގެނައުމަށް ސަރުކާރުން ކުރާ މަސައްކަތްތަަކަށް ރައްޔިތުން ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވައިފައެވެ.
މިދިޔަ އާދިއްތަ ދުވަހު ހދ. މަކުނުދޫ ބޭރުން ފެނުނު ސްރީ ލަންކާގެ މަސްބޯޓަކުން، މަގުމަތީ އަގުގައި އެއް ބިލިއަން ރުފިޔާ ހުންނަވަރުގެ މަސްތުވާތަކެތި ފުލުހުން އަތުލައިގެންފައެވެ.
މިކަމާ ގުޅިގެން ރައީސް ކުރެއްވި ޕޯސްޓެއްގައި އެމނިކުފާނު ވިދާޅުވީ، ރާއްޖެ މަސްތުވާތަކެތިން އެއްކޮށް ސަލާމަތްކުރުމަކީ މި ސަރުކާރުން އެންމެ އިސްކަންދޭ އެއް ކަންތައް ކަމަށެވެ.
މީގެ އިތުރުން، ގޭންގުކަށްތައް ހުއްޓުވުމަކީ ވެސް މި ސަރުކާރުން ޚާއްސަ އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމެކެވެ.
އެގޮތުން، ރާއްޖޭގައި އުޅޭ ނަން މަޝްހޫރު ބޮޑެތި ގޭންގުތަކުގެ ކަންތައްތައް އެއްކޮށް ހުއްޓުވާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާނު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.