ގެއަކަށް ގެއްލުންދިން މައްސަލަ: ހައްޔަރު ކުރި މީހުން ބުނީ ދިޔައީ ގެ ސާފުކުރަން ކަމަށް

ގެއަކަށް ގެއްލުންދިން މައްސަލައިގައި ހައްޔަރުކުރި މީހުން --

ގަލޮޅުގައި ހުރި ގެއަކަށް ދިޔައީ ރައްޓެއްސަކު ކުއްޔަށް ހިފި އެޕާޓްމަންޓެއް ސާފުކުރަން ކަމަށް، ގެއަކަށް ގެއްލުންދީ އެ ގޭގެ ވެރިމީހާއަށް އިންޒާރުދީ ބިރުދެއްކި މައްސަލައެއްގައި ހައްޔަރުކުރި މީހުން ބުނެފިއެވެ.

މި މައްސަލައިގައި ހަތަރު މީހުން ހައްޔަރު ކުރީ މިދިޔަ ހޮނިހިރު ދުވަހުގެ ރެއެވެ. މި މައްސަލައާ ގުޅިގެން އާދިއްތަ ދުވަހު ފުލުހުން ހިއްސާކުރި މެސެޖެއްގައި ވަނީ، މާލޭގެ ގަލޮޅުގައި ހުންނަ ގެއެއްގެ ވެރިފަރާތަށް ބަޔަކު ބިރުދައްކައި އިންޒާރު ދީފައިވާ މައްސަލައެއް ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓުކޮށްފައި ވާކަމަށެވެ.

އަދި އެރޭގެ 12:45 ހާއިރު ހަތަރު މީހަކު އެ ގެއަށް ވަދެ ގެއްލުން ދިން މައްސަލައެއްގައި ކުށުގެ ވެށިން އެމީހުން ހައްޔަރުކޮށްފައި ވާކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

އެ މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ:

  • އއ. މާޅޮސް، ރީތިހިޔާ (23)، މުހައްމަދު އަފްލާޙް
  • ނ. ވެލިދޫ، އެލަސް (21)، އިބްރާހިމް އަހްނަފް
  • ނ. މަނަދޫ، ހަވޭލި (23)، މުޙައްމަދު އަޒާން
  • ތ. ގުރައިދޫ، ފަޒާ (21)، އަލީ ނަވާފު

މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މިދިޔަ އާދިއްތަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރު ކުރިއެވެ. ކޯޓުގައި މި ހަތަރު މީހުން ވެސް ބުނީ، ގަލޮޅުގައި ހުރި އެޕާޓްމަންޓަކީ އަތޫފް ކިޔާ ރައްޓެއްސަކު ކުއްޔަށް ނަގައިފައިވާ ތަނެއްކަމަށެވެ. އަދި އަތޫފާ ގޭގެ ވެރިފަރާތާ ދެމެދު ވެފައިވާ އެއްބަސްވުން ވެސް އެބަ އޮތް ކަމަށާއި އެ ހަތަރު މީހުން އެތަނަށް ދިޔައީ އަތޫފުގެ ފަރާތުން އެތަން ސާފުކޮށްދޭން އެދުމުން ފައިސާ ލިބޭގޮތަށް އެ މަސައްކަތް ކުރުމަށް ކަމަށް ވަނީ ބުނެފައެވެ.

އެ ގެއަށް ގެއްލުންދިން ކަމަށް ކުރާ ތުހުމަތުތަކަށް ހަތަރު މީހުން ވެސް ވަނީ އިންކާރުކޮށްފައެވެ. އަދި އެތަނަށް ދިޔައީ ތަޅާފޮޅަށް ނޫންކަމަށް އެމީހުން ބުނި ކަމަށް ކޯޓު އަމުރުގައި ވެއެވެ.

އިންފޮމޭޝަން އޮފިސަރާ ހަވާލާދީ ކޯޓު އަމުރުގައި ވަނީ އެތަނަކީ އަތޫފު ކިޔާ މީހަކު ކުއްޔަށް ނަގާފައިވާ ތަނެއްކަން އެނގޭ އެއްވެސް ލިޔުމެއް އެއްވެސް މީހެއް މިހާތަނަށް ހުށަހަޅާފައި ނުވާކަމަށެވެ.

މި މައްސަލަ ހުށަހަޅާ ފަރާތުގެ ބަޔާނަށް ބަލާއިރު، އެތަން އޭނަ ކުއްޔަށް ދީފައި ވަނީ އަލީ ޝިމާން ރަޝީދު ނަމަކަށް ކިޔާ މީހަކަށް ކަމަށާއި ނަމަވެސް އޭނާއަށް އެތަން ކުއްޔަށް ދީފައި ވަނީ އޭނާ ލައްވައި އެގްރިމަންޓުގައި ގަދަކަމުން ސޮއި ކުރުވައިގެން ކަމަށް އައިއޯއާ ހަވާލާދީ ކޯޓު އަމުރުގައި ވެއެވެ.

މި މީހުންގެ ބަންދަށް މިދިޔަ އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.

https://sun.mv/203477

މި ހަތަރު މީހުންނަކީ ވެސް ބަންދުގެ ލޮގް އޮތް ބައެއްކަން ކޯޓު އަމުރުން އެނގެއެވެ.

މާރާމާރީއާއި މިފަދަ ކުށްތައް އާންމުވެފައި ވާއިރު މިފަދަ މައްސަލަތަކުގައި ގިނައިން ޝާމިލުވަނީ ޒުވާނުންކަން ފާހަގަ ކުރެވެއެވެ. އެގޮތުން މިފަހުން މާލޭގައި ފެންމަތިވި މާރާމާރީތަކުގައި ޒުވާނުންނާއި 18އަހަރުން ދަށުގެ ކުޑަކުދިން ވެސް ހިމެނެއެވެ.

comment ކޮމެންޓް