މީގެ އަހަރުތަކެއް ކުރިއާ އަޅައިބަލާއިރު ގޭންގުތަކުގެ ނުރައްކާ ރާއްޖޭގައި އޮތް މިންވަރު މިހާރު ކުޑަވެފައިވާ ކަމަށް ފުލުހުން ރޭ ބުނެފިއެވެ.
ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން ހެޑް އޮފް ގޭންގް ކްރައިމްސް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އާރިފް ވިދާޅުވީ, މިހާރު ގޭންގު ކުށްތައް މަދުވެފައިވަނީ ފުލުހުންގެ މުއައްސަސާއާއި ކަމާ ގުޅުންހުރި އެހެން ފަރާތްތަކާ ގުޅިގެން ކުރާ މަސައްކަތްތަކުގެ ސަބަބުން ކަމަށެވެ.
އޭނާ ވިދާޅުވީ 2012އާއި 2013 ވަނަ އަހަރާ ހިސާބުގައި، ތޫނު ހަތިޔާރު ބޭނުންކޮށްގެން މީހުންގެ ފުރާނައަށް ނުރައްކާވާ ފަދަ ވަރަށް ބޮޑެތި މާރާމާރީ ސިލްސިލާކޮށް ހިންގާފައިވާ ކަމަށެވެ. އެ މާރާމާރީތަކުގައި މީހުން މަރުވެފައިވާ ކަން ވެސް ފާހަގަކުރައްވައި އޭނާ ވިދާޅުވީ، މާރާމާރީތަކުގެ ތެރޭގައި މަރުވި މީހުންގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނޭ ކަމަށެވެ.
އެހެންނަމަވެސް، މި ފަހުގެ އަހަރުތަކުގެ ތެރޭގައި އެފަދަ ނުރައްކާތެރި މާރާމާރީތައް ހުއްޓުވާފައިވާ ކަމަށާއި އެއީ މިހާރު ފުލުހުން ކުރަމުން އަންނަ މަސައްކަތުގެ ނަތީޖާ ކަމަށް އާރިފް ވިދާޅުވިއެވެ.
"އެންމެ އިސްކަމައް އަޅުގަނޑުމެން މި ދެނީ ކުށްކުރިޔަ ނުދީ ކުށް ހުއްޓުވުމަށް. އެހެން ނަމަވެސް އަޅުގަނޑުމެން ބައެއް ފަހަރުގައި އެބަ އާދޭ އެ ފަރާތްތަކުން ކުށަށް އަރައިގަންނަތަން،" އާރިފް ވިދާޅުވިއެވެ.
މީގެ އިތުރުން، އެ ޕްރޮގްރާމުގައި އިންސްޕެކްޓާ އޮފް ޕޮލިސް ވައްގާސް ޝަރީފް ވިދާޅުވީ، މިދިޔަ އަހަރުން ފެށިގެން 2028ވަނަ އަހަރަށް ކަނޑައަޅާފައި އޮތް ސްޓްރެޓީޖިކް ޕްލޭނާއި އޭގެ ކުރިން ފަސް އަހަރަށް ކަނޑައެޅި ސްޓްރެޓިޖިކް ޕްލޭންގައި ވެސް ގޭންގު ކުށްތަކަށް އިސްކަމެއްދީގެން، ސީދާ ފުލުހުން ގޮސް ކުށްތައް ހުއްޓުވުމުގެ ކަންކަން ހިމަނައިފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ، 2022 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ފުލުހުންނާއި ސިފައިން ގުޅިގެން ކުރިއަށްގެންދިޔަ ޚާއްސަ އޮޕަރޭޝަނެއްގައި ގޭންގުތަކަށް ނިސްބަތްވާ މީހުން އާއްމުކޮށް އެއްވެ އުޅޭ ސަރައްހަދުތަކަށް ގޮސް، އެ ސަރަހައްދުތަކުގައި ހަރަކާތްތެރިވި ކަމަށެވެ.
"އަޅުގަނޑު ފާހަގަކޮށްލާނަން މި ސަރަހައްދުތަކަށް އެއްވެ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް އަމަލުތައް ބަހައްޓާ ފަރާތްތައް ހުއްޓުވައި، އެ ސަރަހައްދުތަކަކީ އަމާން ރައްކާތެރި ތަނަކަށް ހެދުމުގެ ގޮތުން އަޅުގަނޑުމެން ޑެއިލީ ރޫޓިން މަސައްކަތެއް ގޮތުން މި ސަރަހައްދުތަކަށް ނުވަތަ ގޭންގު ހޮޓްސްޕޮޓްތަކަށް ގޮސް އެ ސަރަހައްދުތައް އެބަ ޗެކްކުރަން،" ވައްގާސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ފުލުހުން އެ ސަރަހައްދުތަކުގައި ތިބެގެން އެ ސަރަހައްދުތަކަށް އެއްވާ މީހުންގެ މައުލޫމާތު ނަގައި އޭގެ ތެރެއިން ފުލުހުންނަށް ޝައްކުކުރެވޭ މީހުން ބަލައި ފާސްކޮށް، ފިޔަވަޅު އަޅަންޖެހޭ މީހުންނާ މެދު ފިޔަވަޅު އަޅާފައިވާ ކަމަށެވެ. އެ އޮޕަރޭޝަން ތެރޭގައި ވަރަށް ގިނަ މީހުންނާ ސުވާލުކޮށްފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.