ކުޅިވަރުގެ ކަންކަން ބޮއްސުންލާފައި؛ މެންބަރުން ގޮވައިލީ ސިޔާސީ ނުފޫޒު އެއްކިބާ ކުރަން

ފުލުހުންތަކެއް އެފްއޭއެމް ބޭރުގައި-- ފޮޓޯ: ހަސަން މާނިއު

ރާއްޖޭގެ ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށްޓަކައި، ސިޔާސީ ނުފޫޒު އެއްކިބާކުރަންޖެހޭ ކަމަށާއި، އެކަން ނުކޮށް ދާއިރާ ކޮޅަށްޖެހިގެން ނުދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މިއަދު ވިދާޅުވެއްޖެއެވެ.

ކުޅިވަރުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހެޅުއްވީ ދިއްދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުއްލަތީފް މުހައްމަދެވެ. މިއަދު އެ ބިލުގެ ބަހުސް ކުރިއަށް ދިޔައިރު ކޮންމެ މެންބަރަކު ވެސް ފާހަގަކުރެއްވީ، ކުޅިވަރު ދާއިރާގެ ހާލަތު ދަށް ކަމަށެވެ. އެގޮތުން ދާއިރާ ކުރިއެރުވެން އޮތީ ސިޔާސީ ނުފޫޒު ފޯރުވުން ހުއްޓުވިގެން ކަމަށް މެންބަރުން ފާހަގަކުރެއްވިއެވެ.

ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު -- ފޮޓޯ/ މަޖިލިސް

ބަހުސްގައި ވާހަކަދައްކަވަމުން ޕީއެންސީ ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވީ ރާއްޖޭގައި އެންމެ ފޯރިގަދަ ކުޅިވަރު ކަމަށްވާ ފުޓްބޯޅަ ވެސް މިހާރު އޮތީ ވަރަށް 'ވީރާނާކޮށް' ކަމަށެވެ.

"ފުޓްބޯޅަ ފޯރި މާލެއާއި އަތޮޅުތެރޭގަ އިންތިހާއަށް އޭރު ވަރަށް ބޮޑުވެފަ އޮތް. މިއަދަކު އަޅުގަނޑުމެންނަކަށް އެކަމެއް ނުފެނޭ. އެހެންނަމަވެސް އޭރަކު ކުޅިވަރާ ބެހޭ ޚާއްސަ ވުޒާރާއެއް ނުހުރޭ. މިއަދު ކުޅިވަރާ ބެހޭ ޚާއްސަ ވުޒާރާތައް އެބަހުރި. ތަފާތު ބޮޑެތި މަގާމުތައް އުފައްދައި ބޮޑެތި މޭޒާއި ގޮނޑި އެ ބޭފުޅުންނަށް ޚާއްސަ ކުރެވިފަ އެބަވޭ،" ޝުޖާއު ވިދާޅުވިއެވެ.

ރާއްޖޭގައި އުފައްދާފައިވާ ކުޅިވަރު އެސޯސިއޭޝަންތަކަށް ވުރެ ބޮޑަށް ކުޅިވަރު ކުރިއެރުވުމުގެ މަސައްކަތް ކުރަނީ ކައުންސިލުތަކުން ކަމަށް ޝުޖާއު ވިދާޅުވިއެވެ. އަތޮޅު ފެންވަރުގައި ނުވަތަ ރަށު ފެންވަރުގައި ކައުންސިލްތަކުން އިސްނަގައިގެން، އެ މަސައްކަތް ކުރާތީ އެކަމާ އުފާކުރައްވާ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ނަމަވެސް ފުޓްބޯޅަ ކުރިއަރުވަން ބަލާއިރު، އެ ތަނަވަސްކަމެއް ވެސް ނުހުންނަ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

"އެހެންނަމަވެސް ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސް މިހުންނަނީ މާ ސިންގާ އެޕާޓްމަންޓްތަކުގަ އިއްޒަތްތެރި ރައީސް،" ޝުޖާއު ވިދާޅުވިއެވެ.

ބަޖެޓު ނެތި މިފަދަ ހާލަތެއްގައި ކަންކަން ދިޔަ ނަމަވެސް، ކުޅިވަރުގެ ދާއިރާ ތަރައްގީ ކުރެވޭނީ ކުޅިވަރުގެ ތެރެއިން ސިޔާސީ ނުފޫޒު އެއްކިބާ ކުރެވޭ ދުވަހަކުން ކަމަށް ޝުޖާއު ވިދާޅުވިއެވެ.

"އެ ސަރުކާރު މި ސަރުކާރު ކިޔުން ހުއްޓައި އަޅުގަނޑުމެން ސިޔާސީ ހުރިހާ ވަކިތަކުން ކުޅިވަރު ސަލާމަތް ކުރެވޭ ދުވަހަަކުން ނޫނީ ކުޅިވަރު ކުރިއަރައިގެން ދާނެ ކަމާމެދުގައި އަޅުގަނޑުގެ ހިތުގައި ސުވާލު އުފެދޭ،" ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކުގައި ބުނެފައިވާ ގޮތަށް ކުޅިވަރުގެ ފަންޑު ގާއިމްކުރެވުމުން ދިވެހި ކުޅިވަރު ކުރިއެރުވުމަށް ބާރުލިބި އެހެން ހަރުފަތަކަށް ކުޅިވަރުތައް ގެންދެވޭނެ ކަމަށެވެ.

ކަނޑިތީމު ދާއިރާގެ އެމްޑީޕީ މެމްބަރު އަމީން ފައިސަލް -- ފޮޓޯ/ މަޖިލިސް

ބަހުސްގައި ވާހަކަދައްކަވަމުން ކަނޑިތީމު ދާއިރާގެ އެމްޑީޕީ މެމްބަރު އަމީން ފައިސަލް ވިދާޅުވީ ބައިނަލްއަގްވާމީ އިދާރާތަކުން ކުޅިވަރު ދާއިރާއަށް ދެމުން އަންނަ އެހީތެރިކަން އަތޮޅު ތެރޭގެ ރަށްތަކަށް ނުލިބޭ ކަމަށެވެ. އެކަމުގެ އެންމެ ބޮޑު މިސާލަކީ ފުޓުބޯޅަ, އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ކަމަށް އޭނާ ވިދާޅުވިއެވެ.

އެފްއޭއެމްގެ ވެރިއަކަށް ކުރިން ހުންނެވި ބައްސާމް އަދީލް ޖަލީލް އެ އެސޯސިއޭޝަންގެ ފައިސާއިން ދެ އެޕާޓްމަންޓް ގަތް ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އެފްއޭއެމްގެ ފައިސާއަށް ޚިޔާނާތްތެރިވުމުގެ މި ނޫން ވެސް ގިނަ ތުހުމަތުތަކެއް ބައްސާމަށް ކުރެވޭއިރު، އޭނާ އެ ތުހުމަތުތަކަށް އިންކާރުކުރެއެވެ.

މެންބަރު އަމީން ފައިސަލް ވިދާޅުވީ ކުޅިވަރު ކުރިއެރުވުމުގައި ކުރިއަށް ދާންވީ ކުޅިވަރު ސިޔާސީ ނުކޮށް ކަމަށެވެ. އަދި އެފަދަ ކޮރަޕްޝަންތައް ހިނގުމުން އެއްކިބާ ކޮށްގެން ކަމަށެވެ. އަދި ކުޅިވަރު ކުރިއެރުވުމުގައި އަތޮޅުތެރެއަށް ވެސް ހަމަހަމަ ފުރުސަތު ދޭންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"ހަގީގަތަކީ ކުޅިވަރުގައި މި ސަރަހައްދުގައި ރާއްޖެ ފަހަތަށް ގޮސްފައިވާކަން. އެކަން އެހެންވީ ސަބަބުތައް ބަލަން ޖެހޭ،" އަމީން ފައިސަލް ވިދާޅުވިއެވެ.

"ކިތަންމެ ބާރަށް މިތާ ހަޅޭއްލެވިޔަސް އަޅުގަނޑުމެންނަށް ކުރިއަށް ނުދެވޭނެ. ކޮންމެ ވެސް ވަރަކަށް ދަނޑުތަކެއް ހެދިއްޖެ ރަށްރަށުގައި. އޭގައި އެންމެ ފުރަތަމަ ފެއްޓެވީ ރައީސް ޔާމީންް. ކޯޓުތަކެއް ހެއްދެވި. އޭގެ ފަހުން އައި ވެރިކަމުގައި އެއަށް ފުރިހަމަ ކަމެއް އައީ. އެ ދަނޑުތައް ލެވެލްކޮށް ޓާފުތަކެއް އެޅި. މިދައުރުގައި އަދި އެއަށް ވުރެ ފުރިހަމައަށް [އެކަން]ކުރާނެކަން އެއީ ޒުވާނުންގެ އުންމީދަކީ،" އަމީން ފައިސަލް ވިދާޅުވިއެވެ.

ކުޅިވަރުގެ ގާނޫނަށް އިސްލާހު ގެނައުމަކީ މި ސަރުކާރުގެ ވަރަށް ބޮޑު އަމާޒެކެވެ. އެގޮތުން، މިހާރު ރާއްޖޭގެ ކުޅިވަރުގެ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް އެ އިސްލާހުތަކާ އެކު ހައްލުވެގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.

comment ކޮމެންޓް