ވައިކިންގުން ވަރުގަދަ ބަޔާން މިއުނިކް މޮޅުވިޔަނުދީ ހިފަހައްޓައިފި

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ބަޔާން މިއުނިކާއި ވައިކިންގް ބައްދަލުކުރި މެޗުގައި ވައިކިންގްގެ ލަނޑަކަށްފަހު އެޓީމުގެ ކުޅުންތެރިން އުފާފާޅުކުރަނީ--

އިނގިރޭސި ކޮމެންޓޭޓަރުން ކިޔާތީ އަހަމެވެ. ފުޓުބޯޅައަކީ ކަރުދާހުގައި ކުޅޭ އެއްޗެއް ނޫނެވެ. އެއީ ވިނައިގައި ކުޅޭ އެއްޗެކެވެ. ކަރުދާހުގައި ކިތަންމެ ވަރުގަދަ ޓީމެއްވެސް، ހާއްސަކޮށް "އޯވާ ކޮންފިޑެންޓް" ވެއްޖެނަމަ ވިނަގަނޑުމަތީ ލަދުގަންނަން ޖެހިދާނެއެވެ. ރޭ މިއޮތީ މިކަން ފެނިފައެވެ.

ޔޫރަޕުގެ އެންމެ ޝަރަފުވެރި ކުލަބް ފުޓުބޯޅަ މުބާރާތް ކަމަށްވާ ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ، ދުނިޔޭގެވެސް ގަދަބާރެއް ކަމަށްވާ ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކާއި ނޯވޭގެ ވައިކިންގް ބައްދަލުކުރި މެޗު ވެފައިވަނީ ފުޓުބޯޅައިގެ ދުނިޔެ ސިއްސުވާލި މެޗަކަށެވެ. ފަސޭހަކަމާއެކު ބަޔާން މިއުނިކުން ކާމިޔާބުކުރާނެ ކަމަށް އެންމެން ކަހަލަ ގޮތަކަށް ހީކޮށްގެން ތިބި މެޗު ފެށުނީވެސް "ޝޮކެއް" ދީފައެވެ.

މެޗު ފެށިގެން ގިނައިރުތަކެއް ނުވެ، މެޗުގެ ދެވަނަ މިނެޓުގައި ވައިކިންގުން ވަނީ ޒުވާން ކީޕަރު، ޖޯނަސް އާބިގް ބަލަހައްޓަމުންދިޔަ ބަޔާންގެ ގޯލު ފޫއަޅުވާލާފައެވެ. ޒްލެޓްކޯ ޓްރިޕިޗް ތަނަވަސްކޮށްދިން ފުރުސަތެއްގައި މި ލަނޑު، ވައިކިންގަށް ކާމިޔާބުކޮށްދިނީ ޖިއާނީ ސްޓެންސްނެސްއެވެ.

މެޗުގައި ގިނަ ވަގުތު ބޯޅަ ގެންގުޅެފައި ވަނީ ބަޔާނުން ނަމަވެސް، ފުރަތަމަ ހާފުގައި މާ އެދެވޭ ގޮތެއްގައި އޭގެ ބޭނުން ހިފިފައެއް ނުވެއެވެ. ބަދަލުގައި އަނެއްކާވެސް ފެނިގެންދިޔައީ ވައިކިންގުން ބަޔާން ސިއްސުވާލި މަންޒަރެވެ.

މެޗުގެ 38 ވަނަ މިނެޓުގައި އެރިކް ބޮތެއިމް ތަނަވަސްކޮށްދިން ފުރުސަތެއްގެ ބޭނުން ހިފައިގެން ޕީޓާ ކްރިސްޓަންސަން ވަނީ ވައިކިންގްގެ ލީޑު ފުޅާކޮށްފައެވެ.

ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފަށް ނުކުތްއިރު ބަދަލުތަކެއް ގެންނަން ބަޔާންއަށް މަޖުބޫރުވިއެވެ. އެގޮތުނަ، ޖޮނަތަން ޓާ ގެ ބަދަލުގައި ޑަޔޮޓް އުޕަމަކާނޯ ކުޅެން ނުކުތްއިރު، ލެނާޓް ކާލްގެ ބަދަލުގައި އިސްމާޢީލް ސައިބާރީ ކުޅެން ނުކުތެވެ. އަދި ނެތެނިއަލް ބްރައުންގެ ބަދަލަށް އަލްފޮންޒޯ ޑޭވީޒްވެސް ކުޅެން ނުކުތެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ބަޔާން މިއުނިކާއި ވައިކިންގް ބައްދަލުކުރި މެޗުގައި ބަޔާންގެ މައިކަލް އޮލީސޭ: ކައިރި ކައިރީގައި ދެއްކި ދެ ރީނދޫ ކާޑާއެކު އޭނާއަށް ވަނީ ރަތްކާޑެއް ދައްކާފައި.

މި ބަދަލުތަކާއެކު ބަޔާންގެ ކުޅުން ރަނގަޅުކޮށް، އެޓީމުން ވަނީ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މެޗުގެ 54 އަދި 60 ވަނަ މިނެޓުގައި ބަޔާންގެ ފުރަތަމަ ދެ ލަނޑު ކާމިޔާބުކޮށްދިނީ ހެރީ ކޭންއެވެ. މީގެ ތެރެއިން ފުރަތަމަ ލަނޑަކީ ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑެކެވެ. އަދި ދެވަނަ ލަނޑަކީ ޔޯޝުއާ ކިމިޗް ތަނަވަސްކޮށްދިން ފުރުސަތަކުން ކާމިޔާބުކުރި ލަނޑެކެވެ.

މެޗުގެ 71 ވަނަ މިނެޓުގައި ބަޔާންއިން ވަނީ ފުރަތަމަ ފަހަރަށް ލީޑު ނަގައި، ހަމަނޭވާއެއް ދޫކޮށްލާފައެވެ. ކޮންރަޑް ލައިމާ ތަނަވަސްކޮށްދިން ފުރުސަތުން މި ލަނޑު ކާމިޔާބުކޮށްދިނީ ލުއިސް ޑިއާޒްއެވެ.

ނަމަވެސް އޭގެ އެންމެ ތިން މިނެޓު ފަހުން މައިކަލް އޮލީސޭއަށް ކައިރިކައިރީގައި ދެއްކި ދެ ރީނދޫ ކާޑާއެކު ދެއްކި ރަތްކާޑުން ބަޔާން އަނެއްކާވެސް ހާސްކަމެއްގެ ތެރެއަށް ވެއްޓުނެވެ.

މިކަމުގެ ފައިދާ ނަގައިގެން މެޗުގެ 90 ވަނަ މިނެޓުގައި ވައިކިންގްގެ ތިންވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހާމަން ޖޮހާން ހޯގަންއެވެ.

މި ނަތީޖާއާއެކު، ކުޅުނު ދެ މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު ބަޔާން އޮތީ ލީގު ތާވަލުގެ ހަތަރުވަނައިގައެވެ. އަދި ވައިކިންގަށް ލިބުނު ހަމައެކަނި ޕޮއިންޓާއެކު އެޓީމު އޮތީ ލީގު ތާވަލުގެ 26 ވަނައިގައެވެ.

ޗެމްޕިއަންސް ލީގުގައި ބަޔާންއަށް ކުރިއަށް އޮތީ މިމަހުގެ 22 ވަނަ ދުވަހު އާސަނަލްއާ ދެކޮޅަށް ކުޅޭ މެޗެވެ. އަދި ވައިކިންގަށް ކުރިއަށް އޮތީ އެސްޓަން ވިލާއާ ދެކޮޅަށް ކުޅޭ މެޗެވެ.

comment ކޮމެންޓް