މިދިޔަ އަހަރާ ބަލާއިރު، މިއަހަރުގެ މިހާތަނަށް މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމުގެ މައްސަލަތަކުގައި ދައުވާކޮށްފައިވާ މިންވަރު 112.5 އިންސައްތަ އިތުރުވެފައިވާ ކަމަށް, ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އައްބާސް ޝަރީފް ވިދާޅުވެއްޖެއެވެ.
ޕީޖީ މިފަދައިން ވިދާޅުވީ، މިމަހުގެ 17 އިން 21ގެ ނިޔަލަށް ކްރޮސްރޯޑްސްގައި ބޭއްވި "ސައުތް އޭޝިއާ ރީޖަނަލް ކައުންޓަ ނާކޮޓިކްސް ޓްރެފިކިން ޕްރޮގްރާމް" ފައްޓަވައިދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ޕީޖީ އައްބާސް ވިދާޅުވީ، މިހާރު ހުށަހަޅާފައިވާ ގިނަ މައްސަލަތަކަކީ ރާއްޖެއަށް ވައިގެ މަގުން މަސްތުވާތަކެތި އެތެރެކުރުމުގެ މައްސަލަތައް ކަމަށާއި މިއަހަރުގެ މިހާތަނަށް މަސްތުވާތަކެތި އެތެރެކޮށްގެން 17 ދައުވާއެއް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
މަސްތުވާތަކެތި ޓެރެފިކް ކުރުމުގެ 190 ދައުވާ މިއަހަރުގެ މިހާތަނަށް ކޯޓަށް ހުށަހަޅާފައިވާ ކަމަށާއި އެއީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް މަސްތުވާތަކެތި އެތެރެކުރުމުގެ މައްސަލަތަކުގައި ކޮށްފައިވާ ދައުވާ ތަކާ ބަލާއިރު 112.5 އިންސައްތަ އިތުރުވުމެއް ކަމަށް އައްބާސް ވަނީ ވިދާޅުވެފައެވެ.
އޭގެ އިތުރުން މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ މައްސަލަތަކުގައި ޕީޖީ އޮފީހުން ދައުވާ ކޮށްފައިވާ ނިސްބަތް 14 އިންސައްތަ އިތުރުވެފައިވާ ކަން ޕީޖީ ވަނީ ފާހަގަކުރައްވާފައެވެ.
މިކަމުން ދައްކުވައިދެނީ ގާނޫނު ތަންފީޒު ކުރާ އިދާރާތަކުން މަސްތުވާތަކެތި ހިފަހައްޓާ މިންވަރު މިއަހަރު ތެރޭގައި އިތުރުވެފައިވާކަން. މި ކަމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް ކަސްޓަމްސް ސާވިސްއަށް އަޅުގަނޑު މަރުޙަބާ ދަންނަވަން. އަދި، މިކަން ތަންފީޒުކުރުމަށް މަސައްކަތްކުރާ އެންމެހައި އިދާރާތަކަށް އަޅުގަނޑު މަރުޙަބާ ދަންނަވަން
މި ޕްރޮގްރާމުގައި ރާއްޖޭގެ އިތުރުން ނޭޕާލާއި ސްރީ ލަންކާއި ބަންގްލަދޭޝްގެ ޕްރޮސިކިއުޓަރުންނާއި އިންވެސްޓިގޭޓަރުންނާއި އެނަލިސްޓުން ބައިވެރިވި ވެފައިވެއެވެ. އަދި، އެކި ގައުމުތަކުން މަސްތުވާތަކެއްޗާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކާއި، ބައިނަލްއަގުވާމީ ބެސްޓް ޕްރެކްޓިސްތަކާ ގުޅޭ ތަމްރީނު ޕްރޮގްރާމްތައް ވަނީ ކުރިއަށް ގެންގެސްފައެވެ.
މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖޭގައި އިޖުތިމާއީ އެންމެ ބޮޑު މައްސަލަ ކަމަށްވާއިރު، މި މައްސަލަ ހައްލު ކުރުމަށް ސަރުކާރުތަކުން މަސައްކަތް ކޮށްފައިވެއެވެ. ނަމަވެސް، މިހާތަނަށް އެ މައްސަލައަށް އެދެވޭ ހައްލެއް ލިބިފައެއް ނުވެއެވެ.