އިނގިރޭސި ޕްރިމިއާ ލީގުގެ މެންޗެސްޓާ ޔުނައިޓެޑްގެ އާ ކޯޗު ރުބެން އަމޮރިމްގެ ކޯޗުކަމުގެ ދަށުން އެ ޓީމު ކުޅުނު ފުރަތަމަ މެޗުން އެއްވަރުވެއްޖެއެވެ.
ރެލިގޭޝަން ޒޯންގައި އޮތް އިޕްސްވިޗް ޓައުންއާ ދެކޮޅަށް ރަށުން ބޭރުގައި ކުޅުނު މެޗު ނިމުނީ1-1 އިން އެއްވަރުވެގެންނެވެ. އާ ކޯޗުގެ އިރުޝާދުގެ ދަށުން ޔުނައިޓެޑުން މި މެޗު ފެށީ އާ ހިތްވަރަކާ އެކު ވަރަށް ފޯރީގައެވެ.
މެޗުގެ ދެވަނަ މިނެޓުގައި އަމަޑް ޑިއާލޯގެ މޮޅު ކުޅުމާ އެކު އަރިމަތިން އަރައި ތަނަވަސްކޮށްދިން ފުރުސަތެއްގައި މާކަސް ރަޝްފަޑް ވަނީ މި މެޗުގައި ޔުނައިޓެޑުން ކާމިޔާބުކުރި ހަމައެކަނި ލަނޑު ޖަހައިދީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑާ އެކު އަމޮރިމްގެ ދަށުން ޔުނައިޓެޑް ކުޅޭ ފުރަތަމަ މެޗު ރަނގަޅުވާނެ ކަމަށް ބެލެވުނު ނަމަވެސް މާ ގިނައިރުތަކެއްނުވެ، އިޕްސްވިޗްއިންވެސް ވަނީ މެޗުގެ ތެރެއަށް ވަދެ ޔުނައިޓެޑަށް ނުރައްކާކުރަން ފަށާފައެވެ.
މެޗުގައި ޔުނައިޓެޑުން ގިނައިރު ބޯޅަ ގެންގުޅުނު ނަމަވެސް ހަމަލާ އުފެއްދިފައިވަނީ ދެ ޓީމަށް ވެސް ހަމަހަމަ ކޮށެވެ. މުޅި މެޗަށް ބަލާއިރު ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ތަނަވަސްކޮށްފައިވަނީ އިޕްސްވިޗްއިންނެވެ. އިޕްސްވިޗްއިން ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކުރުމަށް ކުރަމުންދިޔަ މަސައްކަތް ކާމިޔާބުވެފައިވަނީ ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ޕެނަލްޓީ އޭރިއާ ބޭރުން އޮމާރީ ހަޗިސަން ޔުނައިޓެޑްގެ ގޯލަށް ފޮނުވާލި ހަމަލާއިންނެވެ.
މެޗަށް ފަހު ވާހަކަދައްކަމުން ޔުނައިޓެޑްގެ އާ ކޯޗު އަމޮރިމް ބުނީ، ނަތީޖާ ރަނގަޅު ނޫން ކަމަށާއި ނަމަވެސް އޭނާގެ ކުޅުންތެރިން އޭނާ ބުނި ގޮތަށް ކުޅެވޭތޯ މަސައްކަތްކުރި ކަމަށެވެ.
ޓީމުގެ ހުރިހާ ދިމާލަކުން ވަރަށް ބޮޑަށް ކުޅުން ރަނގަޅުކުރަން ޖެހޭ ކަމަށާއި ކުރިއަށް އޮތް ތަނުގައި އެކަން ކުރެވޭތޯ ބަލާނެ ކަމަށް އޭނާ ބުންޏެވެ. މެޗުގައި ފުރަތަމަ ލަނޑަށް ފަހު ދެން ފެނިގެންދިޔައީ އޭނާގެ ކުޅުންތެރިންނަށް ހަދާނެ ގޮތް ނޭނގިގެން އުޅުނު ތަން ކަމަށް އަމޮރިމް ބުންޏެވެ.
އޭނާއަކީ މެޗުތަކުން މޮޅުވާން ބޭނުންވާ މީހެއް ކަމަށާއި އެހެންކަމުން މި މެޗާ މެދު އެހާ ހިތްހަމަނުޖެހޭ ކަމަށް ވެސް ކޯޗު ބުންޏެވެ.
މެޗު އެއްވަރުވުމުން ޔުނައިޓެޑް އޮތީ 16 ޕޮއިންޓާ އެކު 12 ވަނައިގައެވެ. އިޕްސްވިޗް އޮތީ ނުވަ ޕޮއިންޓާ އެކު 18 ވަނައިގައެވެ.
މީގެ އިތުރުން، މި ލީގުގެ 16 ވަނައިގައި އޮތް ލެސްޓާ ސިޓީގެ ކޯޗުކަމުން ސްޓީވް ކޫޕާވަނީ ރޭގެ ވަގުތެއްގައި ވަކިކޮށްފައެވެ.
ލެސްޓާއިން ކޫޕާ މަގާމުން ވަކިކޮށްފައިމިވަނީ 12 މެޗަށް ފަހެވެ. ކޫޕާގެ ކޯޗުކަމުގެ ދަށުން ލެސްޓާ ކުޅުނު އެންމެ ފަހު މެޗަށްވީ މި ހަފުތާގައި ޗެލްސީއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅެ 2-1 އިން ބަލިވި މެޗެވެ. ކޫޕާ ލެސްޓާގެ ކޯޗުކަމާ ހަވާލުވެފައިވަނީ މި ސީޒަން ފެށެން ގާތް ވެފައިވަނިކޮށް އެ ޓީމުގެ އޭރުގެ ކޯޗު އެންޒޯ މަރެސްކާ ޗެލްސީގެ ކޯޗުކަމާ ހަވާލުވުމަށް އެ މަގާމުން ވަކިވުމުންނެވެ.