ހުޅަނގުން ފިއްތުންތައް އިތުރުކުރާ ވަރަކަށް އީރާނުން ނިއުކްލިޔާ ޓެކްނޮލޮޖީ ތަރައްގީ ކުރަނީ

އީރާނުގެ ޕާލަމެންޓްގެ ރައީސް މުހައްމަދު ބާގިރު ގަލީބާވް

ނިއުކްލިޔާ ހަކަތައާބެހޭ ބައިނަލްއަގްވާމީ އެޖެންސީ (އައިއޭއީއޭ)އިން އީރާނާ ދެކޮޅަށް ގަރާރެއް ފާސްކުރުމުން އެކަމަށް ރައްދު ދިނުމުގެ ގޮތުން ޔޫރޭނިޔަމް ފައްކާކުރާ މިންވަރު އިތުރަށް މައްޗަށް ޖެއްސުމަށާއި ޔޫރޭނިޔަމް ފައްކާކުރުމަށް އިތުރު އެޑްވާންސްޑް މެޝިންތަކެއް ނެރުމަށް އީރާން ވަނީ ނިންމައިފައެވެ.

އީރާނުގެ ޕާލަމެންޓްގެ ރައީސް މުހައްމަދު ބާގިރު ގަލީބާވް ވިދާޅުވީ "އައިއޭއީއޭ" އިން އީރާނާ ދެކޮޅަށް ގަރާރެއް ފާސްކޮށްފިނަމަ މިގޮތަށް އަމަލުކުރާނެކަމުގެ އިންޒާރު އެ އެޖެންސީއަށް އެތައް ފަހަރަކު ދީފައިވާނެކަމުގައެވެ.

މި އިންޒާރުތަކާއެކުވެސް އީރާނާ ދެކޮޅަށް ގަރާރު ފާސްކޮށްފައިވާތީ އެގަރާރަށް ރައްދު ދިނުމުގެ ގޮތުން ޔޫރޭނިޔަމް ފައްކާ ކުރާމިންވަރު އިތުުރު ކުރުމަށާއި ފައްކާކުރުމަށް އެޑްވާންސް އިތުރު މެޝިންތައް ނެރުމުގެ މަަސައްކަތް މިހާރު ފަށާފައެވެ. މިއީ އީރާނުން ދިން އިންޒާރާ އެއްގޮތަށް އަމަލު ކުރުން ކަމަށް މުހައްމަދު ބާގިރު ވިދާޅުވިއެވެ.

"އައިއޭއީއޭ" އިން އީރާނާ ދެކޮޅަށް ފާސްކުރި ގަރާރުގެ ފަހަތުގައިވަނީ އިސްރާއީލުގެ އަނިޔާވެރިކަމަށް ވާގިވެރިވާ ހުޅަނގުގެ ބާރުތަކެވެ. އޭގެތެރޭގައި ހިމެނެނީ އެމެރިކާއާއި އިނގިރޭސިވިލާތް އަދި ފަރަންސޭސިވިލާތެވެ.

މި ހަތަރު ގައުމު އިސްނަގައިގެން އީރާނާ ދެކޮޅަށް "އައިއޭއީއޭ" ގެ ކައުންސިލުން މިދިޔަ ހޮނިހިރު ދުވަހު ފާސްކުރި ގަރާރުގައި ބުނެފައިވަނީ އީރާނުގެ ނިއުކްލިޔާ މަރުކަޒުތައް ބަލައި ފާސްކުރުމަށް އެގައުމުން ލިބެންވާވަރަށް އެއްބާރުލުން ނުލިބޭކަމުގައެވެ.

އަދި ނިއުކްލިޔާ ހަތިޔާރު އުފެއްދޭ މިންވަރަށް (90 އިންސައްތައިން މައްޗަށް) ފައްކާކޮށްފައިވާ ޔޫރޭނިޔަމްގެ އަސަރުވެސް މީގެ އަހަރުތަކެއް ކުރިން އީރާނުގެ ލެބޯޓްރީއަކުން ފެނިފައިވާތީ އޭގެ ހަގީގަތް ބެލުމަށް އެޖެންސީން ކުރިޔަށްގެންދާ ތަހުގީގުތަކަށްވެސް އީރާނުގެ ފަރާތުން ލިބެންވާ މިންވަރާ ގާތަށްވެސް އެއްބާރުލުން ނުލިބޭކަމުގައެވެ.

އީރާނުގެ ނިއުކްލިޔާ މަރުކަޒެއްގައިވާ ޔޫރޭނިޔަން ފައްކާކުރާ ސެންޓްރިފިއުޖް މެޝިންތަކެއް

މިގަރާރު އީރާނަށް ގޮވާލަނީ އެއްބާރުލުން އިތުރުކޮށްދިނުމަށެވެ.
މީގެއިތުރުން އީރާނުގެ ނިއުކްލިޔާ ރިއެކްޓަރުތަކާއި ލެބޯޓްރީތަކާއި ޔޫރޭނިޔަމް ފައްކާކުރާ މަރުކަޒުތަކާއި ނިއުކްލިޔާ ރީސާޗް މަރުކަޒުތަކުގައިވާ "އައިއޭއީއޭ"ގެ ކެމެރާތައް 2018 ވަނަ އަހަރު އީރާނުން ނަގާފައިވާތީ އެ ކެމެރާތައް އަލުން ހަރުކޮށްދީ އެތަންތަނުގެ ހަރަކާތްތައް އަލުން ބަލައި މޮނިޓާކުރެވޭނެ ގޮތް ހަދައިދިނުމަށް އީރާނުގެ ކިބައިން ތަކުރާރުކޮށް އެދުމުންވެސް އެކަން ކޮށްނުދޭކަމަށް ބުނެ މި ގަރާރު ބިނާކޮށްފައިވަނީ އީރާން ކުށްވެރި ކުރާގޮތަށެވެ.

މިމައްސަލާގައި އީރާންވަނީ ވަރަށް ބޮޑަށް ރުޅިއައިސްފައެވެ. މި ރުޅިއާއެކު އީރާން އިއްޔެ ނިންމާފައިވަނީ މިގަރާރުގައި އީރާނުގެ ކިބައިން އެދޭ ކަންކަމުގައި ކުރިންވެސް ދެމުން ގެންދިޔަ މިންވަރަށްވުރެ އިތުރަށް އެއްބާރުލުން ނުދިނުމަށެވެ.

މީގެއިތުރުން އައިއޭއީއަށް އިތުރަށް ގޮންޖެހުމުގެ ގޮތުން ޔޫރޭނިޔަމް ފައްކާކުރާ މިންވަރު އިތުރަށް މައްޗަށް ޖެއްސުމަށާއި ޔޫރޭނިޔަމް ފައްކާކުރުމުގެ ކަންތައް އަވަސްކުރުމަށް އެޑްވާންސް އިތުރު މެޝިންތައް ނެރުމުގެ މަސައްކަތްވެސް އީރާން މިހާރުވަނީ ފަށާފައެވެ. މިނިންމުމާމެދު ކުރާނެ އިތުރުކަމެއް "އައިއޭއީއޭ" އަށް ނޯންނެކަން އީރާނަށް ރަނގަނޅަށް އެނގެއެވެ.

އީރާނުގެ ނިއުކްލިޔާ ހަކަތައާބެހޭ އިދާރާގެ ވެރިޔާ މުހައްމަދު ސަލާމީ ވިދާޅުވިގޮތުގައި އީރާނަށް ފިއްތުންތައް ކުރިމަތިކޮށްގެން ލިބޭނެ މޮޅެއް "އައިއޭއީއޭ" އަށް ނޯންނާނެކަން ދާދިފަހުން އީރާނަށް ޒިޔާރަތް ކުރެއްވި އެ އެޖެންސީގެ ޑައިރެކްޓަރ ޖެނެރަލް ރަފައޭލް ގްރޮޒްނީ އަށް ވަރަށް ސާފުކޮށް ވާނީ ދަންނަވާފައެވެ.

އީރާނުން "އައިއޭއީއޭ" އަށް ކުރާ ޝަކުވާ ތަކުގެ ތެރޭގައި ދުނިޔޭގެ އެތަށް ގައުމަކުން ނިއުކްލިޔާ ހަރަކާތްތައް ހިންގާއިރު އެގައުމުތަކަށް ފޯކަސް ކުރުމުގެ ބަދަލުގައި އަބަދުވެސް އީރާނުގެ ނިއުކްލިޔާ މަރުކަޒުތަކުގެ ހަރަކާތްތަކަށް އެ އެޖެންސީގެ މަސައްކަތްތައް ފޯކަސްކުރާ މައްސަލަ ހިމެނެއެވެ.

ނިއުކްލިޔާ މައްސަލާގައި އީރާނަށް ޕްރެޝަރުކުރާ ހުޅަނގުގެ ގައުމުތަކަކީ ނިއުކްލިޔާ ގާބިލްކަން އީރާނަށްވުރެ މާބޮޑަށް ލިބިފައިވާ ގައުމުތަކެވެ. އެމެރިކާއަކީ އެތަށް ހާސް ނިއުކްލިޔާ ހަތިޔާރެއް ހުރިގައުމެކެވެ. ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތަކީވެސް އެތަށް ސަތޭކަ ނިއުކްލިޔާ ހަތިޔާރު ހުރި ދެގައުމެވެ. ޖަރުމަނަކީވެސް ބޭނުންވެއްޖެ ހާލަތެއްގައި ނިއުކްލިޔާ ހަތިޔާރު އުފެއްދުމުގެ ގާބިލްކަން ހުރި ގައުމެކެވެ.

ނަމަވެސް މިއިން ކޮންމެ ގައުމަކީވެސް ބޭނުންވަރަކަށް ނިއުކްލިޔާ ހަތިޔާރު އުފެއްދުމުގެ މިނިވަންކަން ލިބިފައިވާ ގައުމުތަކެވެ. އަނެއްކޮޅުން އީރާނުގެ ނިއުކްލިޔާ ސައިޓްތަކަށް ބޮންއަޅާނެކަމުގެ އިންޒާރު ދޭ ނަވެސް ބޮންއަޅަން ކެރިފައިނުވާ ޔަހޫދީ އިސްރާއީލަކީވެސް ސިއްރިޔާތުގައި ނިއުކްލިޔާ ހަތިޔާރު އުފައްދާފައިވާ ގައުމެކެވެ.

ނިއުކްލިޔާ ހަތިޔާރު އުފެއްދުމަކީ ކޮންމެ ގައުމަކަށްވެސް ބައިނަލްއަގްވާމީ ގޮތުން މަނާކަމެކެވެ. އެމެރިކާވެސް ހިމެނޭގޮތުންނެވެ. ކަން މިގޮތަށް އޮތްއިރު ނިއުކްލިޔާ މައްސަލާގައި ހުރިހާ ޕްރެޝަރެއް އީރާނަށް ކުރުމަކީ ބޭއިންސާފު ކަމަށާ އަދި އެއީ ހުޅަނގުގެ ދެފުށްދެގޮތްކަމުގެ މިސާލެއްކަމަށް އީރާން ބުނެއެވެ.

ނިއުކްލިޔާ މައްސަލާގައި އީރާނަށް ފިއްތުންތައް ކުރިމަތިކޮށްގެން ހުޅަނގަށް ލިބުނު ކާމިޔާބެއް ނެތެވެ. އޭގެބަދަލުގައި ފިއްތުންތަކަށް ރައްދު ދިނުމުގެ ގޮތުން އީރާނުން މުޅިންވެސް ކޮށްފައިވަނީ ނިއުކްލިޔާ ޓެކްނޮލޮޖީ އިތުރަށް ތަރައްގީ ކުރުމުގެ މަސައްކަތެވެ.

ނިއުކްލިޔާ މައްސަލާގައި 2015 ވަނަ އަހަރު އީރާނާއި ދުނިޔޭގެ ބޮޑެތި ބާރުތަކާ ދެމެދު ނިއުކްލިޔާ އެއްބަސްވުމެއްގައި ސޮއިކުރިއިރު އީރާން އޮތީ ނިއުކްލިޔާ ބޮމެއް އުފެއްދުމާ އެހާ ގާތުގައެއް ނޫނެވެ. އޭރު ނިއުކްލިޔާ ބޮމެއް އުފެއްދަން ބޭނުންވި ނަމަވެސް އެކަމަށް ތިން މަސްވަރުގެ މުއްދަތެއް އީރާނަށް ބޭނުންވެއެވެ.

ނަމަވެސް އީރާން އިތުރަށް ނިކަމެތިކޮށް އިނދަޖައްސާލުމަށްޓަކައި 2018 ވަނަ އަހަރު ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާ އެއެއްބަސްވުމުން ވަކިވެ އީރާނާދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އެޅިއެވެ. އެއީ މެކްސިމަމް ޕްރެޝަރުކޮށްގެން އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމް ކަފުންކޮށްލެވިދާނެކަމުގެ އުންމީދުގައެވެ.

ނަމަވެސް ނަތީޖާ ނުކުތީ އެމެރިކާ އުންމީދުކުރި ގޮތަކަށް ނޫނެވެ. އެއާ ދިމާ އިދިކޮޅަށެވެ. އޭގެ 6 އަހަރު ފަހުން މިހާރު އީރާން އޮތީ ބޭނުންވެއްޖެނަމަ ދެތިން ދުވަހުގެ ތެރޭގައި ނިއުކްލިޔާ ހަތިޔާރެއް އުފެއްދޭމިންވަރަށް ނިއުކްލިޔާ ޓެކްނޮލޮޖީ ތަރައްގީކޮށްފައެވެ.

މިކަން މިގޮތަށް ހާމަކޮށްފައިވަނީ "އައިއޭއީއޭ" އޮފިޝަލުންނެވެ. "އައިއޭއީއޭ" އަކީވެސް ބައިނަލްއަގްވާމީ ގިނަ މުއައްސަސާތަކެކޭ އެއްގޮތަށް އެމެރިކާއާއި ޔޫރަޕްގައިވާ އެމެރިކާގެ ޕްރޮކްސީ ގައުމުތަކުގެ ކޮންޓްރޯލްގެ ދަށުގައިވާ މުއައްސަސާއެކެވެ.

ނަޒާހަތްތެރި ގޮތެއްގައި ނިއުކްލިޔާ ފަންނީ މަސައްކަތްތައް ކުރުމަށްވުރެ އެ އެޖެންސީގެ މަސައްކަތްތައް ބިނާކޮށްފައިވަނީ އެމެރިކާގެ ޔޫރަޕްގެ ބާރުތައް އެދޭ ސިޔާސީ މަސައްކަތްތައް ކުރުމަށްކަމަށް އީރާން ތުހުމަތު ކުރެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް