ތެހެރާން (18 ފެބްރުއަރީ 2025) : އީރާނަށް ހަމަލާދީފައި އިސްރާއީލަށް ފިލައި ރައްކާ ނުވެވޭނެ ކަމަށާއި އެކަމުގެ ހިތި ނަތީޖާއާ އިސްރާއީލު ކުރިމަތިލާން ޖެހޭނެކަމަށް ބުނެ، އިސްރާއީލުގެ ހައްދު ފަހަނަޅާފައިވާ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް އީރާނުން ރައްދު ދީފިއެވެ.
އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާޢީލް ބާއި ވިދާޅުވީ އީރާނުގެ ކިބާގައި އީރާން ދިފާއު ކުރުމުގެ ބާރާއި ހިއްވަރާ އަދި އެކަމުގެ ގާބިލްކަން އެބަހުރި ކަމަށާއި އީރާނަށް ހަމަލާދީފައި ފިލައި ނޯވެވޭނެކަން އިސްރާއީލު ދަންނަން ޖެހޭނެ ކަމުގައެވެ. އަދި އެކަމުގެ ނަތީޖާ އާ ކުރިތިލާން ޖެހޭނެކަންވެސް އިސްރާއީލުގެ ވެރިން ދަންނަން ޖެހޭނެ ކަމުގައެވެ.
އީރާނުން އިސްރާއީލު ސިފަކުރަނީ މެދުއިރުމަތީގައިވާ ކެންސަރު ސެލް އެއްގެ ގޮތުގައެވެ. ދައުލަތެއްގެ ގޮތުގައެއް ނޫނެވެ. ހުޅަނގުގެ އިސްތިއުމާރީ ބާރުތަކުގެ ސްޓްރެޓީޖިކް ބޭނުމަށް އެ ގައުމުތަކުން ފަލަސްތީނުގެ ބިމުގައި އިންދާފައިވާ ޣައިރު ގާނޫނީ އެންޓިޓީ އެއްގެ ގޮތުގައެވެ.
އީރާނުގެ ރިވޮލިއުޝަނަރީ ގާޑުންގެ ލަޝްކަރުތަކުގެ ކޮމާންޑަރު މޭޖާ ޖެނެރަލް ހުސައިން ސަލާމީ ވަނީ އީރާނުގެ ނިއުކްލިޔާ މަރުކަޒުތަކަށް ހަމަލާދީފިނަމަ އިސްރާއީލުގެ ނިއުކްލިޔާ މައިމަރުޒުތައް ފުޑާލެވޭ ވަރުގެ ހަމަލާތަކެއް އީރާނުން އިސްރާއީލަށް ދޭނެކަން ހާމަކުރައްވާފައެވެ.
އީރާނުގެ ނިއުކްލިޔާ މަރުކަޒުތަކާ ޚިލާފަށް އިސްރާއީލުގެ ނިއުކްލިޔާ މަރުކަޒުތައް ހުންނަނީ ފަރުބަދަތަކުގެ އަޑިއަކު ނޫނެވެ. ނަމަވެސް އީރާނުގެ ގިނަ ނިއުކްލިޔާ މަރުކަޒުތައް ހުންނަނީ ފަރުބަދަތަކުގެ އަޑީގައެވެ.
އިސްރާއީލުގެ ނިއުކްލިޔާ މަރުކަޒުތައް ހިމާޔަތް ކުރަނީ ވައިގެ ދިފާއީ ނިޒާމުތަކުންނެވެ. މި މަރުކަޒުތައް ދިފާއުކުރަން އިސްރާއީލުން ހަތަރު ނިޒާމެއް ރުކުރުވާލާފައިވެއެވެ. މިއީ ސޮފިސްޓިކޭޓެޑް ބާރުގަދަ ނިޒާމުތަކަކަށް ވިޔަސް މި ހަތަރު ނިޒާމު އެއްފަހަރާ ފޫއަޅުވާލުމުގައި ދެފަހަރެއްގެ މަތިން އީރާން ވަނީ ކާމިޔާބު ހޯދާފައެވެ. އެއީ މިދިޔަ އަހަރު ދެފަހަރެއްގެ މަތިން އީރާނުން އިސްރާއީލަށް ދިން ބަދަލު ހިފުމުގެ ވައިގެ ހަމަލާތަކުގައެވެ.
ދެ ފަހަރެއްގެ މަތިން އީރާނުން އިސްރާއީލަށް ދިން ރައްދު ހަމަލާތަކުގައި އީރާނުގެ 70 އަށް ވުރެ ގިނަ މިސައިލް އިސްރާއީލުގެ ދިފާއީ ނިޒާމުތައް ފޫއަޅުވާލުމަށްފަހު އިސްރާއީލުގެ އެކި ސަރަހައްދުތަކަށް އަރާފައިވާކަން ވަނީ ކަށަވަރުވެފައެވެ.
އިސްރާއީލުގެ ހައްދުފަހަނަޅާފައިވާ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއި އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިޔޯ އިސްރާއީލުގައި މިދިޔަ އާދީއްތަ ދުވަހު ބޭއްވި ނޫސް ކޮންފަރެންސެއްގައި ނަތަންޔާހޫ ވަނީ އެމެރިކާގެ އެހީއާއެކު އީރާނުގެ ނިއުކްލިޔާ މަރުކަޒުތައް ފުނޑާލައި އެ ގައުމުގެ ދުވަސް ދުއްވާލާނެކަމުގެ އިންޒާރު ދީފައެވެ.
މިއީ ނަތަންޔާހޫ ވެސް އަދި އިސްރާއީލުގެ އެހެން ވެރިންވެސް އީރާނަށް މީގެ ކުރިން ދީފައިނުވާ އައު އިންޒާރެއް ނޫނެވެ. މިއީ ވިއްސަކަށް އަހަރު ވެފައިވާ ބައު އިންޒާރެކެވެ. މިދިޔަ އަހަރު އީރާނުން އިސްރާއީލަށް ދެފަހަރެއްގެ މަތިން ދިން ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން އީރާނަށް ހަމަލާދިނުމުގެ ދެ ފުރުސަތެއް އިސްރާއީލަށް ލިބިގެން ދިޔައެވެ.
މިއިން އެއް ފުރުސަތެއްގައިވެސް އީރާނުގެ ނިއުކްލިޔާ މަރުކަޒަކަށްވެސް އަދި އީރާނުގެ އެ ނޫން ވެސް އަސްކަރީ މުހިއްމު ހައްސާސް މަރުކަޒަކަށް ހަމަލާދޭން އިސްރާއީލަށް ކެރިފައެއް ނުވެއެވެ. އެހެންކަމުން މުހައްލިލުން ސިފަކުރައްވާ ގޮތުގައި އިސްރާއީލާއި އެމެރިކާ އީރާނަށް ދޭ މިބާވަތުގެ އިންޒާރުތަކަކީ އެ ދެ ގައުމުގެ ވެރިންނަށް ކުރިމަތިވާ ސިޔާސީ ފިއްތުންތަކުން ސަލާމަތްވުމަށް ދޭ ސިޔާސީ އިންޒާރުތަކެވެ.
ޓްރަމްޕް ވެރިކަމާ ހަވާލުވުމުގެ ދެ ހަފުތާއެއްހާ ދުވަސްކުރިން ޓްރަމްޕް ވެސް އީރާނުގެ ވުޖޫދުން ފޮހެލާނެކަމަށް ވިދާޅުވެ އީރާނަށް ހަރުކަށި އިންޒާރުތަކެއް ދެއްވިއެވެ. ނަމަވެސް އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިޔޯ އިއްޔެ ވަނީ އީރާނާ މަޝްވަރާ ކުރަން އެމެރިކާ ބޭނުންވާ ކަމަށާއި ނަމަވެސް އީރާނުގެ ފަރާތުން އެފަދަ ހުށަހެޅުމެއް އަދި ނާންނަ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ.