އީރާނުގައި ޚިޔާލު ތަފާތުވުން އުފެއްދުމަށް ކުރާ މަސަކަތްތަކާ ދެކޮޅަށް ޚާމަނާއީގެ އިންޒާރެއް

އީރާނުގެ އެންމެ އިސް ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ. ފޮޓޯ/އޭއެފްޕީ

އީރާނުގައި ޚިޔާލުތަފާތުވުން އުފެއްދުމަށް ދުޝްމަނުން ބޭނުންކުރާ ހަނގުރާމައިގެ އުކުޅުތަކާ ދެކޮޅަށް އީރާނުގެ އެންމެ އިސް ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އިންޒާރު ދެއްވައިފިއެވެ.

އީރާނުގެ ވެރިރަށް ތެހެރާނުގައި ވާހަކަ ދައްކަވަމުން ޚާމަނާއީ ވިދާޅުވީ ގައުމުގެ ދުޝްމަނުން އަސްކަރީ ގޮތުން ދޭ އިންޒާރުތަކާ ގުޅޭ ގޮތުން އެއްވެސް ކަންބޮޑުވުމެއް ނެތް ކަމަށެވެ.

"އީރާނަކީ މިފަދަ ނުރައްކާތަކާ ދެކޮޅަށް މަސައްކަތްކުރުމުގެ ވަރުގަދަ ގާބިލްކަމެއް ލިބިފައިވާ، ގައުމުގެ ރައްޔިތުންނަށް އެންމެ މަތީ ފެންވަރުގެ ރައްކާތެރިކަން ކަށަވަރުކޮށްދޭނެ ގައުމެއް،" ޚާމަނާއީ ވިދާޅުވިއެވެ.

އިސްރާއީލާއި އެމެރިކާއަށް އިޝާރާތް ކުރައްވައި ޚާމަނާއީ ވިދާޅުވީ "ދުޝްމަނުން" އާންމުންގެ މެދުގައި ޚިޔާލުތަފާތުވުން އުފެއްދުމަށާއި، އިސްލާމީ އިންގިލާބުގެ އަސާސްތަކާ މެދު ޝައްކު އުފެއްދުމަށް ހަނގުރާމައިގެ އިންޒާރުދީ މައްސަލަތައް އުފެއްދުމަށް މަސައްކަތް ކުރާ ކަމަށެވެ.

ޚާމަނާއި އެގޮތަށް ވާހަކަފުޅު ދައްކަވާފައި ވަނީ އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯއާއި އިސްރާއީލުގެ ރައީސް ބެންޖަމިން ނަތަންޔާހޫ ބައްދަލުކުރައްވައި ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ. އެގޮތުން ނަތަންޔާހޫ ވަނީ އެމެރިކާގެ އެހީގައި އީރާނުގެ "ކަންތައް ނިންމާލެވޭނެ" ކަމުގެ ޝައްކެއްވެސް ނެތް ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ފާއިތުވި ދުވަސްތަކުގައި އެމެރިކާއިން ވަނީ އިސްރާއީލަށް ބަރު ހަތިޔާރުގެ ޝިޕްމެންޓެއް ވެސް ފޯރުކޮށްދީފައެވެ.

މިދިޔަ މަހު ދެވަނަ ދައުރަކަށް އެމެރިކާގެ ވެރިކަމަށް ވަޑައިގެންނެވި ޑޮނަލްޑް ޓްރަމްޕް ވަނީ މިދިޔަ ދައުރުގައި ވެސް އީރާނާ ދެކޮޅަށް އަޅުއްވަން ނިންމެވި ދަތިކުރުމުގެ ފިޔަވަޅުތައް އަނެއްކާވެސް އަޅަން ފައްޓަވައިފައެވެ.

ދާދި ފަހުން އީރާނާ އެކު އެއްބަސްވުމެއް ހަދަން ޓްރަމްޕް ގޮވާލެއްވި ނަމަވެސް ޚާމަނާއީ ވިދާޅުވީ "އެމެރިކާއާ އެކު މަޝްވަރާކޮށްގެން އެއްވެސް މައްސަލައެއް ހައްލު ނުވާނެ" ކަމަށެވެ.

އޮކްޓޯބަރު 7، 2023ގައި ފަލަސްތީނުގެ ޣައްޒާއަށް އިސްރާއީލުން ހަމަލާދޭން ފެށިފަހުން، ފަލަސްތީނުގެ ހަމާސް ހަނގުރާމަވެރިންނާއި ހިޒްބުالله ފަދަ އީރާނަށް ތާއީދުކުރާ ޖަމާއަތްތަކުން އަންނަނީ އިސްރާއީލަށް ހަމަލާތައް ދެމުންނެވެ.

އެ މައްސަލައިގެ ސަބަބުން އީރާނާއި އިސްރާއީލާ ދެމެދު ފުރަތަމަ ފަހަރަށް ވަނީ ސީދާ ހަމަލާތައް ވެސް ބަދަލުކޮށްފައެވެ.

comment ކޮމެންޓް