ހަތިމުތައް ވެސް އުކާލާފައި؛ ފުރުޤާން މިސްކިތަށް ގެއްލުންދީފި

ފުރުޤާން މިސްކިތަށް ގެއްލުންދީފައި: އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުން --- ފޮޓޯ/ ޝެއިޙް ނިޝާން

ހަތިމުތައް ވެސް އުކާލާއި، މާލޭގެ ފުރުޤާން މިސްކިތަށް ރޭ ބޮޑެތި ގެއްލުންތަކެއް ދީފިއެވެ.

މި މައްސަލަ ފުލުހުންނަށް މިއަދު ހެނދުނުގެ ވަގުތެއްގައި ރިޕޯޓުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެހެންވެ، ފުލުހުން ވަނީ އެ މައްސަލަ ތަހުގީގުކުރަން ފަށައިފައެވެ.

ޝެއިޙް އާދަމް ނިޝާން އަލީ އާދަމް ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ، ރޭ ފަތިސް ނަމާދުގެ ކުރިން ފުރުޤާން މިސްކިތަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށެވެ. އެ ގޮތުން، ހަތިމުތައް މުޅި ތަނަށް އުކާލައި، އިމާމު ހުންނަ ދިމާލުގައި ހުރި ކަރަންޓު ބޯޑުތަކާއި އެއަށް ޖަހާފައި ހުރި އެޑެޕްޓަރުތައް ވެސް ހަލާކުކޮށްލާފައިވާ ކަމަށް އޭނާ ބުންޏެވެ.

ފުރުޤާން މިސްކިތައް ގެއްލުންދީފައި: މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުން -- ފޮޓޯ/ ޝެއިޙް ނިޝާން

ވުޟޫ ކުރާ ބައިގެ ބައެއް އިސްކުރުތައް ވެސް ހުރީ ބިންދާލާފައެވެ. މިސްކިތުގެ ބައެއް އެއްޗެހި އެ ތަނަށް އުކައިލާފައި ހުރި މަންޒަރު ވެސް ނިޝާން ފޭސްބުކްގައި ހިއްސާކުރި ވީޑިއޯއިން ފެނެއެވެ.

އޭނާ ތުހުމަތުކުރާ ގޮތުގައި އެކަން ކޮށްފައިވަނީ މިސްކިތުގައި ނަމާދު ގަޑިތަކުގައި ވެސް ނިދާފައި އޮންނަ ޒުވާނެކެވެ. މީގެ ކުރިން ވެސް އެތައް ފަހަރަކު އޭނާ މި ފަދަ ކަންކަން ކޮށްފައިވާ ކަމަށް އެ ޕޯސްޓުގައި ވަނީ ތުހުމަތުކޮށްފައެވެ.

އެ ޒުވާނާއާ މެދު ފިޔަވަޅު ނާޅާތީ ނިޝާން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މިސްކިތްތަކުން ވައްކަންކުރުމާއި ތަކެއްޗަށް ގެއްލުން ދިނުމުގެ މައްސަލަތައް މީގެ ކުރިން ވެސް ފެންމަތިވެފައިވެއެވެ.

އެ ގޮތުން ޢީދު މިސްކިތުގައި ހުރި ފަންކާތަކެއް ވަގަށް ނެގި މައްސަލައެއް ވެސް ކުރިން ފުލުހުން ބެލިއެވެ. އޭގެ ކުރިން މިސްކިތަކުން ވައްކަންކޮށް، ބިރުދެއްކި މައްސަލައެއްގައި ވެސް މީހަކު ހައްޔަރުކޮށްފައިވެއެވެ.

comment ކޮމެންޓް